ކ. މާލެ
|
23 މެއި 2018 | ބުދަ 02:37
ކަރުނަގޭސް ގާޒާ ބޯޑަރުގައި ޖެހުމުން ފަލަސްތީނުގެ ރައްޔިތުން ސަލާމަތް ވުމަށް ދުވަނީ
ކަރުނަގޭސް ގާޒާ ބޯޑަރުގައި ޖެހުމުން ފަލަސްތީނުގެ ރައްޔިތުން ސަލާމަތް ވުމަށް ދުވަނީ
ރޮއިޓަރސް
ފަލަސްތީން - އިސްރާއީލް
އިޒްރާއިލުގެ ޖަރީމާތައް ތަހްގީގު ކުރަން އައިސީސީއަށް ހުށަހަޅައިފި
މިއީ އައިސީސީ އަށް އިޒްރޭލުގެ މައްސަލަ ހުށަހެޅި ފުރަތަމަ ފަހަރު

ފުރަތަމަ ފަހަރަށް ފަލަސްތީނުން ރަސްމީކޮށް އިންޓަނޭޝަނަލް ކުރިމިނަލް ކޯޓް (އައިސީސީ) އަށް އިޒްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތައް ވަގުތުން ވަގުތަށް ތަހްގީގު ކުރުމަށް ހުށަހަޅައިފިއެވެ.

ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާދް އަލްމާލިކީ ވަނީ އަންގާރަ ދުވަހު ނެދަލޭންޑްސްގައި ހުންނަ ދަ ހޭގްގެ މިނިވަން ކޯޓުގެ ޕްރޮސެކިއުޓަރ ފަތޫ ބެންސޫޑާއާ ބައްދަލު ކުރައްވައިފައެވެ.

"ފަލަސްތީނުން މިވަނީ ވަރަށް ރަގަނގަޅު ނިންމުމެއް ނިންމާފައި. އަނިޔާލިބޭ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދުމަށް ކުރާ މަސައްކަތުގައި މިއަދަކީ ތާރީޚީ ދުވަހެއް ކަމުގައި ވެގެން ދާނެ" މާލިކީ ވިދާޅުވިއެވެ.

ފަލަސްތީނުން ނަގާ މައްސަލަ ތަކުގެ ތެރޭގައި އިޒްރާއިލުގެ ބިން ބޮޑުކުރަން ފަލަސްތީނުގެ ބިން ފޭރުމާއި ގުދުރަތީ ވަސީލަތްތައް ބޭނުން ކުރުމާއި ގާޒާ-އިޒްރާއިލް ސަރަހައްދީ ރޮނގުގައި ހަރަކާތް ތެރިވަމުންދާ މުޒާހިރީން ހިތު ހުރި ގޮތަކަށް މަރަމުން ދާދިޔުން ހިމެނެއެވެ.

ފަލަސްތީނުން އިސްނަގައިގެން މައްސަލަ ހުށަހަޅާފައި މިވަނީ އެމެރިކާއިން އިޒްރާއިލްގެ ވެރި ރަށަކީ ގުދުސް ކަމަށް ނިންމާ، އެމްބަސީ އެތަނަށް ބަދަލު ކުރުމާ ގުޅިގެން ފަލަސްތީނުން އެކަމާ ދެކޮޅަށް މުޒާހަރާ ކުރަނިކޮށް އިޒްރާއިލް ސިފައިން 60 ށް ވުރެ ގިނަ މީހުން އަނިޔާވެިކޮށް މަރާލައިފައި ވަނި ކޮށެވެ. ދުނިޔޭގެ ގިނަބަޔަކު ދަނީ މިކަމަކީ ގަތުލް އާއްމެއްގެ ގޮތުގައި ސިފަ ކުރަމުންނެވެ.

"ފަލަސްތީނުން އެދުނު އެދުމަށް ބައިނަލްއަގްވާމީ ދުނިޔެއިން އަހައްމިއްޔަތުކަން ދޭ ވަރު މި ފަހަރު އެގިގެންދާނެ. މިއީ އިމްތިހާނެއް" ފަލަސްތީނުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

- ކޮމެންޓް