ކ. މާލެ
|
22 މެއި 2018 | އަންގާރަ 17:38
ޒިމްބާބްވޭގެ މިހާރުގެ ރައީސް އެމަރސަން ނަންގަގްވާ
ޒިމްބާބްވޭގެ މިހާރުގެ ރައީސް އެމަރސަން ނަންގަގްވާ
ރޮއިޓަރސް
ކޮމަންވެލްތު
ޒިމްބާބްވޭ އަލުން ކޮމަންވެލްތާއި ގުޅެނީ!
މިވަގުތު ކޮމަންވެލްތާއި ނުގުޅޭ ޤައުމަކަށް އޮތީ ރާއްޖެ
ޒިމްބާބްވޭ ކޮމަންވެލްތުން ވަކިވީ 2003 ވަނަ އަހަރު
ޒިމްބާބްވޭގެ ނިންމުމަށް މެމްބަރު ޤައުމުތަކުން ވަނީ މަރުހަބާ ކިޔާފައި

ޒިމްބާބްވޭއިން އަލުން ކޮމަންވެލްތާއި ގުޅެން އެދިއްޖެއެވެ.

2003 ވަނަ އަހަރު ކުރީގެ ރައީސް ރޮބަރޓް މުގާބޭގެ ވެރިކަމުގައި ޒިމްބާބްވޭ ކޮމަންވެލްތުން ވަކިވީ އެޤައުމުގައި އެއަހަރު ބޭއްވި އިންތިޚާބުގެ ނަތީޖާއާއިމެދު ސުވާލު އުފެދި، ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައެވެ. އެހަމަނުޖެހުންތަކާއި ގުޅިގެން ކޮމަންވެލްތުން ޒިމްބާބްވޭ ސަސްޕެންޑްކުރަން އެޖަމާޢަތުން ނިންމުމުން، މުގާބޭ ނިންމެވީ ކޮމަންވެލްތުން ވަކިވުމަށެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލަންޑް ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހު ކޮމަންވެލްތާއި އަލުން ގުޅުމަށް އެދި ޒިމްބާބްވޭގެ އައު ރައީސް އެމަރސަން ނަންގަގްވާ ސިޓީފުޅެއް ފޮނުއްވާފައިވާކަމަށެވެ. މީގެ އިތުރުން މިއަހަރު އޮންނަ އާއްމު އިންތިޚާބު އޮބްޒާވްކުރުމަށް އޮބްޒާވަރުން ފޮނުވައިދިނުމަށްވެސް ކޮމަންވެލްތުގެ ކިބައިން ނަންގަގްވާ ވަނީ އެދިވަޑައިގެންފައެވެ. 

ނަންގަގްވާ ވަނީ މިއަހަރު ބާއްވާ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ހައްދަވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. 

ޒިމްބާބްވޭ އަލުން ކޮމަނެވްލަތާއި ގުޅެން އެދުމާއި ގުޅިގެން އިނގިރޭސި ޚާރިޖީ ވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ މިއީ ވަރަށް އުފާވެރިކަމެއްކަމަށާއި، ޒިމްބާބްވޭއިން ކުރިއަށް އޮތްތަނުގައި ކޮމަންވެލްތުން ޤަބޫލުކުރާ ޑިމޮކްރަސީގެ ހަމަތަކަށް އިހްތިރާމްކުރާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. 

ޒިމްބާބްވޭ އަކީ ކޮމަންވެލްތުން ވަކިވުމަށްފަހު އަލުން އެޖަމާޢަތާއި ގުޅޭ 5 ވަނަ ޤައުމެވެ. މީގެ ކުރިން ގެމްބިއާ، ދެކުނު އެފްރިކާ، ޕާކިސްތާން އަދި ފިޖީ އިން ވަނީ ކޮމަންވެލްތުން ވަކިވެ، އަލުން އެޖަމާޢަތާއި ގުޅިފައެވެ. އެހުރިހާ ޤައުމެއްވެސް ކޮމަންވެލްތުން ވަކިވެފައިވަނީ ޚުދުމުޚުތާރު ވެރިންގެ ވެރިކަމުގައި އެޤައުމުތަކުގައި ހިންގި ޑިމޮކްރަސީއާއި ޚިލާފު އަމަލުތަކާއި ދެކޮޅަށް ކޮމަންވެލްތުން ވާހަކަ ދެއްކުމުން ނުވަތަ ފިޔަވަޅު އެޅުމުންނެވެ. 

ކޮމަންވެލްތުން ވަކިވެ، އަނބުރާ އެޖަމާޢަތަށް ނުވަދެ އޮތީ އެންމެ 2 ޤައުމެވެ. އެއީ ކޮމަންވެލްތުން އެންމެ ފުރަތަމަ އެކުލަވާލެވުމާއި ގާތުގައި އެޖަމާޢަތުން ވަކިވި އަޔަލެންޑްގެ އިތުރުން ދިވެހިރާއްޖެއެވެ. އަޔަލެންޑް ކޮމަންވެލްތުން ވަކިވެފައިވަނީ 1949ވަނަ އަހަރުގައެވެ. ފަހުގެ ތާރީޚެއްގައި ކޮމަންވެލްތުން ވަކިވީ ރާއްޖެއެވެ. ރާއްޖެ ކޮމަންވެލްތުން ވަކިވީ އިންސާނީ ހައްޤުތަަކަށް ސަރުކާރުން އަރައިގަންނަ މައްސަލައިގައި ކޮމަންވެލްތުން ރާއްޖެއާއި ދެކޮޅަށް ފިޔަވަޅު އަޅާ ހިސާބަށް ދިޔުމުން، ރައީސް އަަބްދުﷲ ޔާމީންގެ ނިންމެވުމަކަށެވެ.

ކޮމަންވެލްތުގައި މެމްބަރު 53 ޤައުމު އޮވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް