ކ. މާލެ
|
22 މެއި 2018 | އަންގާރަ 17:01
ލައިސެންސް ނެގުމަށް ދުއްވާ ސަރަހައްދު
ލައިސެންސް ނެގުމަށް ދުއްވާ ސަރަހައްދު
އަޝްވާ ފަހީމް
އިކޮނޮމިކް މިނިސްޓްރީ
އެއްލަކިން މަށަށް ލައިސަންސް ޕްރޮގްރާމް މިހަފްތާ ބަންދުގައި ބާއްވަނީ
ލައިސަންސް ޕްރޮގްރާމު އޮންނާނީ މި މަހުގެ 25 ވާ ހުކުރު ދުވަހާއި 26 ވާ ހޮނިހިރު ދުވަހު އަދި 28 ވާ ހޯމަ ދުވަހު
ޑްރައިވިން ޓެސްޓު ކުރިއަށްދާނީ ވެލާނާގެ ސަރަހައްދުގައި
އެއްފަހަރާ 40 ނޫނީ 50 މީހުންނަށް ތިއަރީ ޓެސްޓު ހެދޭނެ

ޒުވާނުނަށް ޚާއްސަ ކޮށްގެން "އެއްލަކިން މަށަށް ލައިސަންސް"ގެ ނަމުގައި ޓްރާންސްޕޯޓު އޮތޯރިޓީން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމް މި ހަފްތާ ބަންދުގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގަން ބޭނުންވާ ޒުވާނުންނަށް ޚާއްސަ ކޮށްގެން ބާއްވާ ޕްރޮގްރާގްރާމާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ ލައިސަންސް ޕްރޮގްރާމު އޮންނާނީ މި މަހުގެ 25 ވާ ހުކުރު ދުވަހާއި 26 ވާ ހޮނިހިރު ދުވަހު އަދި 28 ވާ ހޯމަ ދުވަހު ކަމަށެވެ.

ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ވިދާޅުވީ މި ޕްރޮގްރާމު އޮންނާނީ މި ތިންދުވަހުގެ ރޭގަނޑު ނުވަޔަކުން ބާރައަށް ކަމަށާއި، ފޯމު ދޫކުރުން އޮންނާނީ ނުވަޔަކުން 11:30އަށް ކަމަށެވެ. އަބްދުﷲ ވިދާޅުވީ ޓެސްޓު ހަދާއިރު އެއްފަހަރާ 40 ނޫނީ 50 މީހުންނަށް ތިއަރީ ޓެސްޓު ހެދޭނެ ކަމަށެވެ. މީގެ އިތުރަށް އޭނާ ވިދާޅުވީ ޑްރައިވިން ޓެސްޓު ކުރިއަށްދާނީ ވެލާނާގެ ސަރަހައްދުގައި ކަމަށާއި އެކަމަށް ފުލުހުންގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.

މިޕްރޮގްރާމުގެ ދަށުން ލައިސަންސް ނަގާ ފަރާތްތަކުން ޑްރައިވިން ޓެސްޓުގެ ފީ އަށްވާ 100 ރުފިޔާ އާއި ތިއަރީ ޓެސްޓުގެ ފީ އަށްވާ 100 ރުފިޔާ އަދި ރެވެނިއު ސްޓޭމްޕަށްވާ 50 ރުފިޔާ ދައްކަން ޖެހޭނެއެވެ. ކޮންމެ ރެއަކު ވެސް ޓެސްޓު ހެދުމުގެ ފުރުސަތު ދޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ. ތިއަރީ ޓެސްޓުގެ ކުރިން ޓްރެފިކާ ގުޅޭ މައުލޫމާތު ދިނުމަށް 15 މިނެޓުގެ ސެޝަނެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

މާލެއަށްފަހު ހުޅުމާލޭގައި އަންނަ ހަފްތާގައި މި ޕްރޮގްރާމު ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. މާލެ ސަރަހައްދު ނިމިމުން އާބާދީ ބޮޑެތި ސަރަހައްދު ތަކުގައިވެސް "އެއްލަކިން ލައިސަންސް" ލިބޭ ޕްރޮގްރާމު ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
22 މެއި 2018 | އަންގާރަ 17:17
މީހުންގެފުރާނަ
ފަސޭހައިން މީހުންގެފުރާނަވެސް ގެއްލޭނެ ތީގެސަބަބުން، އަދިވެސް ލައިސަންސް ހާސިލް ކުރަންޖެހޭނީ އުންދަގުލުން