ކ. މާލެ
|
22 މެއި 2018 | އަންގާރަ 15:07
ރައީސް މުހައްމަދު ނަޝީދު:
ރައީސް މުހައްމަދު ނަޝީދު:
މުހައްމަދު ޝަރުހާން
އެމްޑީޕީ ޕްރައިމަރީ
ޕްރައިމަރީގައި ނަޝީދު ބައިވެރިކޮށްފިނަމަ، އެމްޑީޕީ އުވާލާނެ ކަމުގެ އިންޒާރު އީސީން ދީފި
ރައީސް ކަމަށް ކުރިމަތިލުމުގެ ޝަރުތެއް ހަމައެއް ނުވޭ: އީސީ
ޕާޓީ އުވާލައި، ޖޫރިމަނާ ވެސް ކުރާނެ ކަމުގެ އިންޒާރު

މި މަހުގެ 30ގައި ބޭއްވުމަށް ނިންމާފައިވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކޮށްފިނަމަ، އެ ޕާޓީ އުވާލާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ)އިން ދީފިއެވެ.

އެ އިންޒާރު ދީފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް، އެމްޑީޕީއަށް އަންގާރަ ދުވަހު ފޮނުއްވެވި ސިޓީއެއްގައެވެ. އެ ސިޓީގައި ބުނެފައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ރައީސް ނަޝީދުގެ ކިބައި އުނިވެފައިވާ ކަމަށެވެ. ސަބަބަކީ އެމަނިކުފާނަކީ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި ދަށު ކޯޓުން އެމަނިކުފާނަށް ކުރި ހުކުމަށް މަތީ ކޯޓުތަކުން ވެސް ތާއީދުކޮށްފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

ނަޝީދު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތީ، ޖަލުތަކާއި ޕެރޯލް ގާނޫނުގެ ދަށުން އެމަނިކުފާނަށް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ހުރުން ފިޔަވައި، އެފަދަ ޕާޓީއެއްގައި މަސްއޫލު ފަރާތެއްގެ ގޮތުގައި ނުހުރެވޭނެ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެއެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން، ރައީސް ނަޝީދު ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކަމަށް ބުނެ، އީސީން ފޮނުވި ސިޓީގައި ބުނެފައި ވަނީ އެމަނިކުފާނު ބައިވެރިކޮށްގެން ބާއްވާ ރިޔާސީ ޕްރައިމަރީއެއް އެ ކޮމިޝަނުން ބަލައި ނުގަންނާނެ ކަމަށެވެ. އަދި އެމަނިކުފާނު ބައިވެރިކޮށްގެން ޕްރައިމަރީ ބާއްވައިފިނަމަ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 31 ވަނަ މާއްދާ އާއި 49 ވަނަ މާއްދާގެ ދަށުން ތިޔަ ޕާޓީއާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އިލެކްޝަނުން ކޮމިޝަނުން ވަނީ ދީފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 31 ވަނަ މާއްދާއަކީ ޕާޓީ އުވާލުމާ ގުޅޭ މަރުހަލާތައް ބަޔާންކޮށްފައިވާ މާއްދާއެކެވެ. އަދި ސިޔާސީ ޕާޓީތަކުގެ 49 ވަނަ މާއްދާއަކީ ޕާޓީގެ ޖޫރިމަނާ ކުރުމުގެ އުސޫލުތައް ބަޔާންކުރާ މައްދާއެކެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ވާދަ ކުރެއްވީ ރައީސް ނަޝީދު އެކަންޏެވެ. "ޖަޒީރާ ރައީސް"ގެ ނަމުގައި ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފައްޓަވައިގެން ކުރިއަށް ގެންދަވަނިކޮށް، އީސީން އެމްޑީޕީއަށް އެންގި އެންގުމާ ގުޅިގެން އެ ޕާޓީން އަދި ރަސްމީ ކޮމެންޓެއް ނުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް