ޖިނާއީ އިޖުރާޢަތުގެ ތަޖުރިބާކާރެއް ކަމުގައިވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް އާއި ދެކޮޅަށް ފުލުހުން ބެލި މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފައިވަނިކޮށް، ޝަމީމް އާއި ގުޅޭ އެއްވެސް މައްސަލައެއް ޕީޖީ އޮފީހުގައި ނެތް ކަމަށް އެ އޮފީހުން ބުނެފިއެވެ.
ޝަމީމްގެ މައްޗަށް ފުލުހުން ކޮށްފައިވަނީ އަދުލު އިންސާފު ގާއިމު ކުރަން ހުރަސް އެޅުމުގެ ތުހުމަތެވެ. އެ މައްސަލަ އާއި ގުޅިގެން ލިޔުމުން ޝަމީމަށް މަޢުލޫމާތުދެމުން މި އަހަރުގެ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ފުލުހުން ބުނެފައިވަނީ ޝަމީމާއި ދެކޮޅަށް ބެލި މައްސަލައިގެ ތަހުޤީޤު ނިންމުމަށް ފަހު، މައްސަލަ ދިރާސާ ކުރުމަށް މި އަހަރުގެ މާރިޗު މަހުގެ 27 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ފުލުހުން އެހެން ބުނި ނަމަވެސް، ޝަމީމަށް ރައްދުވާގޮތަށް ޕީޖީ އޮފީހުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް މި މޭމަހުގެ 8 ވަނަ ދުވަހު ޕީޖީ އޮފީހުން ވަނީ ޝަމީމަށް އަންގާފައެވެ.
ޝަމީމްގެ މައްސަލައަށް ވީގޮތެއް ނޭނގި، މައްސަލަ 'ގެއްލިފައިވާއިރު' މިކަމުގައި ފުލުހުންނާއި ޕީޖީގެ އިތުރު ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
ޝަމީމްގެ މައްސަލައަށް ވީގޮތެއް ނޭނގޭއިރު، ސުޕްރީމް ކޯޓުން ވަނީ ފުލުހުން ބަލަމުންދާ މައްސަލަ ބަލައި ނިމެންދެން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ނުކުރެވޭގޮތަށް ޝަމީމް ސަސްޕެންޑް ކޮށްފައެވެ. މި މައްސަލައާއި ގުޅިގެން މި އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ޝަމީމް ސަސްޕެންޑް ކުރިއިރު، މިއީ ޝަމީމް ސަސްޕެންޑްކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ކުރި ސަސްޕެންޝަންގައި ޝަމީމް ދެ އަހަރު ހޭދަކޮށްފައިވާއިރު، ފުރަތަމަ ސަސްޕެންޝަން އުވާލާފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހުއެވެ.
ފުލުހުން ޕީޖީއަށް ފޮނުވާފައިވާކަމަށް ބުނާ މައްސަލަ ޕީޖީ އޮފީހުގައި ނެތް ކަމަށް އެ އޮފީހުން ބުނުމާއިއެކު، ޝަމީމްގެ ސަސްޕެންޝަން މިފަހަރު ދެމިގެންދާނީ ކިހާ ދުވަހަކަށް ކަމާއިމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.