ކ. މާލެ
|
22 މެއި 2018 | އަންގާރަ 10:30
ވެނެޒުއޭލާ - އިންތިޚާބުގައި ގިނަ މައްސަލަތަކެއް ހުރިކަމަށް އިދިކޮޅު ފަރާތްތަކުން ބުނޭ
ވެނެޒުއޭލާ - އިންތިޚާބުގައި ގިނަ މައްސަލަތަކެއް ހުރިކަމަށް އިދިކޮޅު ފަރާތްތަކުން ބުނޭ
ގޫގުލް
ވެނެޒުއޭލާގެ އިންތިޚާބު
ވެނެޒުއޭލާގެ ވޯޓާއި ގުޅިގެން 14 ޤައުމަކުން އެމްބެސެޑަރުން އަނބުރާ ގެންދަނީ
ޚާރިޖީ ގުޅުން ކުޑަކުރުމަށްވެސް ވަނީ ނިންމާފަ

ވެނެޒުއޭލާގެ ރިޔާސީ އިންތިޚާބު ކުރިއަށްދިޔަ ގޮތާއިމެދު ދެކޮޅުހެދުމުގެ ގޮތުން އުތުރު އަދި ދެކުނު އެމެރިކާގެ ބައެއް ޤައުމުތަކުން ވެނެޒުއޭލާއަށް ކަނޑައަޅާފައިވާ އެމްބެސެޑަރުން އަނބުރާ ގެންދަން ނިންމާފައިވާ ކަމަށް އެ ޤައުމުތަކުން ބުނެފިއެވެ.

ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި 14 މެންބަރު ޤައުމު ހިމެނޭ ލީމާ ގްރޫޕުން ބުނީ، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ވެނެޒުއޭލާ ނުކުޅެދިފައިވާ ކަމަށާއި، އެހެންކަމުން ވަކި ގޮތެއް ނިމެންދެން ވެނެޒުއޭލާގެ ވެރިރަށް ކަރާކަސްގައި ތިބި އެ ޤައުމުތަކުގެ އެންމެބެޑަރުން އަނބުރާ ގެންދަން ނިންމާފައިވާ ކަމަށެވެ.  

ލީމާ ގްރޫޕްގައި ހިމެނެނީ ބްރެޒިލް، އާޖެންޓީނާ، ކޮލަމްބިއާ، ކެނެޑާ، ޗިލީ، ކޮސްޓަ ރީކާ، ގުއަޓެމާލާ، ގުޔާނާ، ހޮންޑިއުރަސް، މެކްސިކޯ، ޕެނަމާ، ޕެރަގުއޭ، ޕެރޫ އަދި ސެއިންޓް ލޫސިއާއެވެ.

މި 14 ޤައުމުތަކުގެ އެމްބެސެޑަރުން އަނބުރާ ޤައުމަށް ގެންދިއުމުގެ އިތުރުން، މި ޤައުމުތަކުން ވަނީ  އެ ޤައުމުތަކުގައި ތިބި ވެނެޒުއޭލާގެ އެމްބެސެޑަރުން، އެ ޤައުމުތަކުގެ ފޮރިން މިނިސްޓްރީތަކަށް ހާޒިރުވެސް ކޮށްފައެވެ.

އެންމެ ތާޢީދުބޮޑު އިދިކޮޅު ފަރާތްތަކަށް ވާދަ ނުކުރެވޭގޮތަށް ވެނެޒުއޭލާގައި ބޭއްވި ރިޔާސީ އިންތިޚާބާއި ގުޅިގެން ލީމާ ގްރޫޕްގެ ޤައުމުތަކުންވަނީ ވެނެޒުއޭލާ އާއި އޮންނަ ޚާރިޖީ ގުޅުން ކުޑަ ކުރުމަށްވެސް ނިންމާފައެވެ.

އަދި މި އިންތިޚާބުގައި 6 އަހަރުގެ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި ނިކޮލާސް މަދޫރޯގެ ސަރުކާރުން ރައްޔިތުންގެ އެއްވެސް މުދަލެއް ވިއްކުން، ނުވަތަ ރަހުނުކުރުން މަނާކޮށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ރިޔާސީ ޤަރާރެއް ނެރުއްވާފައެވެ. އެ ޤަރާރާއި ގުޅިގެން އެމެރިކާ، ނުވަތަ އެމެރިކާގެ ނުފޫޒު އޮންނަ އެއްވެސް ޤައުމަކުން، ނުވަތަ ޤައުމެއްގެ ކުންފުންޏަކުން ވެނެޒުއޭލާ އާއި އެކު އެފަދަ ވިޔަފާރިއެއް ކުރުން މަނާވެގެން ދާނެއެވެ.

އާދީއްތަ ދުވަހުގެ އިންތިޚާބުގައި ވާދަކޮށްފައިވަނީ ވެނެޒުއޭލާގެ ރައީސްކަން މިހާރުވެސް ކުރައްވާ ނިކޮލާސް މަދޫރޯ އާއި އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރި ހެންރީ ފެލްކޮންއެވެ. އިންތިޚާބުގައި ވޯޓު ލުމުގެ ޙައްޤު 20 މިލިއަން މީހުންނަށް ލިބިފައި ވީނަމަވެސް، އިންތިޚާބުގައި ވޯޓުލާފައިވަނީ 8.6 މިލިއަން މީހުންނެވެ. އިންތިޚާބުގައި މަދޫރޯއަށް 5.8 މިލިއަން ވޯޓު ލިބިފައިވާއިރު، ފެލްކޮން އަށް ލިބިފައިވަނީ 1.8 މިލިއަން ވޯޓެވެ.

މި އިންތިޚާބުގައި ވޯޓު ލުމަށް ނުކުތް މީހުންގެ އަދަދު މަދުވި މައިގަނޑު ސަބަބެއް ކަމަށް ގިނަ ފަރާތްތަކުން ޤަބޫލުކުރަނީ ވެނެޒުއޭލާގެ އިދިކޮޅު މައި ޕާޓީ ކަމުގައިވާ ޑިމޮކްރެޓިކް ޔުނިޓީ ރައުންޑްޓޭބަލް (މަޑް) އިން މި އިންތިޚާބު ބޮއިކޮޓް ކުރުމާއި، އެންމެ މަޤުބޫލު އިދިކޮޅު 2 ލީޑަރުން ކަމުގައިވާ ހެންރީކް ކެޕްރިލޭޒް އާއި ލިއޮޕޮލްޑޯ ލޮޕޭޒަށް މި އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމާފައިވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް