ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކަންކަން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވާގޮތަކަށް ބައްޓަން ކުރުމަށް ކުރައްވާ މަސައްކަތް ހުއްޓާލުމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު އީސަ ގޮވާލައްވާއިފިއެވެ.
ހޯމަ ދުވަހު ރާއްޖެޓީވީގެ "ފަލަ ސުރުޙީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ ސިޔާސީ މައިދާނުގައި ރައީސް ޔާމީނަކީ ގާނޫނާއި ގަވައިދަށް ބައްލަވައިގެން މަސައްކަތް ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ. އަބަދުވެސް ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ވާދަވެރިޔާ ނެތިކޮށްލަން ކަމަށާއި، މިހާރު އިލެކްޝަން ކޮމިޝަނުން އެ ކުރައްވަނީ އެ މަސައްކަތްކަން އީސަ ވަނީ ފާހަގަކުރައްވާފައެވެ.
"މީނައާއި މީނަގެ ސަރުކާރު، ގުދަށް ބާއްވާފައިވެސް މި އިންތިހާބް އަޅުގަނޑުމެން ހޯދާނަން. އަޅުގަނޑުމެން މީނަގެ ސަރުކާރު ކަންކަށި މަތީ ވޯޓް ކަރުދާހުން ތަޅާ ވެސް ބަލިކުރާނަން. މިއީ ވަރަށް ސާފް ވާހަކައެއް"
އީސަ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބް ބާއްވަން ސަރުކާރަށް މަޖުބޫރުކުރުވާ، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓްގެ ކެޑިޑެންސީ ޔާގީން ކުރާނެ ކަމަށެވެ. ރައްޔިތުންގެ ވެރިކަން ހޯދަން ރައްޔިތުން ބާއްވާ އިންތިހާބްގެ ތެރެއަށް އަތްބާނަން އިލެކްޝަން ކޮމިޝަނަށް ފުރުޝަތު ނުދޭނެ ކަމަށްވެސް އީސަ ވިދާޅުވިއެވެ.
"ދައުލަތުގެ މުއައްސަސާތަކަށް ވެސް މި ބުނަނީ ރައްޔިތުންގެ ވެރިކަން ހޯދަން ރައްޔިތުން ބާއްވާ އިންތިހާބެއްގައި ގާނޫނު އަސާސީއާއި ވައިވެސް ނޭޅޭތި، ކަރުގައި ނާށިފަތި އަޅުވައިގެން މަގުގައި ގަންހިންގުވާފައި ވެސް، ގޮޅުކުޅޭ ފަސް ގަނޑަށް ގެންދާނަން" ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އީސަ ވިދާޅުވިއެވެ.