އީރާނުން ކުރިއަށްދާ މިސްރާބު ބަދަލުނުކޮށްފިނަމަ "މިހާތަނަށް އެގައުމާ ކުރިމަތިލާން ޖެހޭ އެންމެ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް" އެމެރިކާ އިން ބުނެފިއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މިހެން ވިދާޅުވިއިރު، އެމެރިކާ ހިމެނޭ ގޮތަށް 2015 ގައި ދުނިޔޭގެ ބައެއް ބާރުތަކާއެކު ވެވުނު ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ އިން ވަނީ ދާދި ފަހުން ވަކިވެފައެވެ. 2015 ވަނަ އަހަރު އިރާނާއެކު ވެވުނު އެއްބަސްވުމުގައި ހިމެނޭ ގައުމުތަކަކީ އެމެރިކާ، ޔޫކޭ، ރަޝިއާ، ފްރާންސް، ޗައިނާ އަދި ޖަރުމަނެވެ. ބަރަކް އޮބާމާގެ ވެރިކަމުގައި އިރާނާއެކު ގާއިމު ކުރެވުނު ނިއުކްލިއާ އެއްބަސްވުމަށް ރައީސް ޓްރަމްޕް ގެންދެވީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ކަމަށްވާއިރު، މި އެއްބަސްވުމުގެ ދަށުން އިރާނުންގެ ނިއުކްލިއާ ހަރަކާތްތައް ވަނީ ލިމިޓުކުރެވިފައެވެ. އޭގެ ބަދަލުގައި އީރާނަށް ވަނީ އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބިފައެވެ.
އެމެރިކާ އިން އީރާނާއެކު ވެވުނު ނިއުކްލިއާ އެއްބަސްވުމުން ވަކިވުމަށްފަހު، އެމެރިކާ އިން ވަނީ އީރާނަށް 12 ޑިމާންޑެއް ކުރިމަތިކޮށްފައެވެ.
ހޯމަ ދުވަހު އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވީ އެމެރިކާ އިން މިހާތަނަށް އީރާނަށް ކުރިމަތިނުކުރާ ވަރުގެ މާލީ ޕްރެޝަަރުތައް ކުރާނެ ކަމަށާއި މިކަމުގެ ސަބަބުން އީރާނުން މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ ކަމަށެވެ. އެމެރިކާއިން ކުރަން ނިންމާފައިވާ ކަންކަންކޮށް ނިމޭއިރު، އީރާނާ ދެކޮޅަށް އެޅޭ އެންމެ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅު އެޅޭނެ ކަމަށާއި، އީރާނަށް ނިއުކްލިއާ ހަތިޔާރު ނުގެންގުޅެވޭ ކަން އެމެރިކާ އިން ކަށަވަރު ކުރާނެ ކަމަށެވެ. ޕްމްޕެއޯ އިތުރަށް ވިދާޅުވީ އީރާނުން ނިއުކްލިއާ ހަތިޔާރު ޕްރޮގްރާމް އަލުން ފަށައިފިނަމަ އެކަމަށް ރައްދުދޭނެ ކަމަށެވެ.
އިރާނުގެ ނިއުކްލިއާ އެއްބަސްވުން 2015 ވަނަ އަހަރު އެކުލަވާލެވުނީ އޭރުގެ ރައީސް ބަރަކް އޮބާމާގެ ދައުރުގައެވެ. ރައީސް ޓްރަމްޕްގެ ނިންމުމާ ގުޅިގެން ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ ރައީސް ޓްރަމްޕްގެ ނިންމުން ބިނާވެފައި ވަނީ "ރަނގަޅު ވިސްނުމެއްގެ މައްޗަށް ނޫން ކަމަށާއި" ރައީސް ޓްރަމްޕް ގެ ނިންމުމަކީ "ވަރަށް ސީރިއަސް ގޯހެއް ކަމަށެވެ." އަދި ރައީސް ޓްރަމްޕްގެ ނިންމުމުގެ ސަބަބުން އެމެރިކާގެ އިތުބާރު ދުނިޔޭގައި ގެއްލިގެން ދާނެ ކަމަށެވެ.