ކ. މާލެ
|
21 މެއި 2018 | ހޯމަ 19:41
މިދިޔަ އަހަރުގެ ފަހުކޮޅު ލަންކާއަށާއި އިންޑިއާ ކަނޑުގެ އެކި ސަރަހައްދުތަކަށް އެރި ތޫފާނުގައި ލަންކާގެ މަގެއްގެ މައްޗަށް ގަހެއް ވެއްޓިފައި
މިދިޔަ އަހަރުގެ ފަހުކޮޅު ލަންކާއަށާއި އިންޑިއާ ކަނޑުގެ އެކި ސަރަހައްދުތަކަށް އެރި ތޫފާނުގައި ލަންކާގެ މަގެއްގެ މައްޗަށް ގަހެއް ވެއްޓިފައި
ގޫގުލް
ލަންކާއަށް ކުރަމުންދާ ވިއްސާރަ
ލަންކާއަށް ވަރަށް ބޮޑަށް ވިއްސާރަކޮށް، 4 މީހަކު މަރުވެއްޖެ!
ހޮނު އެޅުމުގެ ސަބަބުން 3 މީހަކު މަރުވި
އާއްމުކޮށް ކޮންމެ އަހަރަކުވެސް މިދުވަސްވަރު މޫސުން ގޯސްވޭ
ދިވެއްސަކަށް ގެއްލުމެއް ނުލިބޭ

އަވަށްޓެރި ސްރީލަންކާއަށް ބޯކޮށް ވާރޭވެހި، ހޮނުއެޅުމުގެ ސަބަބުން މިހާތަނަށް 4 މީހަކު މަރުވެ، 6 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ލަންކާ ސަރުކާރުން ބުނެފިއެވެ.

މަރުވި މީހުންގެ ތެރެއިން 3 މީހަކު މަރުވެފައިވަނީ ހޮނު އެޅުމުގެ ސަބަބުންނެވެ. އޭގެ ތެރެއިން 2 މީހަކު ލަންކާގެ އުތުރުގެ ޓްރިންކޮމަލީގައި މަރުވިއިރު، އަނެއް މީހާ މަރުވީ ފަރުބަދަމަތީ ހިސާބެއްކަމަށްވާ ބަދުއްލާ ޑިސްޓްރިކްޓްގައެވެ. މީގެ އިތުރުން މޮނެރާގަލަ ޑިސްޓްރިކްޓްގައި އަންހެނެއްގެ ގައި މައްޗަށް ގަހެއް ވެއްޓި، އޭނާ ވަނީ މަރުވެފައެވެ. 

ކިސަޑު ފޭބުމުގެ ކުދިކުދި ހާދިސާތައްވެސް ބައެއް ސަރަހައްދުތަކުގައި ހިނގަމުންދާއިރު، ކަލުތާރަ ޑިސްޓްރިކްޓްގައި ކިސަޑު ފޭބުމުގެ ޙާދިސާއެއްގައި 2 ގެއަކަށް ގެއްލުންވެފައިވާއިރު، ބޭރުވެލަ ސަރަހައްދުގައި އެއް ގެއަށް ވަނީ ގެއްލުންވެފައެވެ. 

މީގެ އިތުރުން ކެންޑީ އާއި އަނިވައްތަ އާއި ދެމެދު އޮންނަ މަގުގައި ހުންނަ 150 އަހަރުވެފައިވާ ޓަނަލެއް ވިއްސާރައިގެ ސަބަބުން ބަންދުކުރަން ޖެހުމުން ގިނަ ބަޔަކަށް ވަނީ ދަތިތަކާއި ދިމާވެފައެވެ. 

ލަންކާގެ ސެންޓްރަލް ޕްރޮވިންސްއަށާއި ވެރިރަށް ކޮޅުނބަށްވެސް މިވިއްސާރައިގައި 100 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ލަންކާގެ މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސަބަރުގަމުވަ ޕްރޮވިންސްއަށް ބޯކޮށް ވާރޭ ވެހި، 150 މިލިމީޓަރުގެ ވާރޭ ވެހެނޭކަމަށް ލަފާ ކުރެވޭކަމަށާއި، އެހެން ހިސާބުތަކަށް 100 މިލިމީޓަރުގެ ވާރޭ ވެހޭނެކަމަށް ލަފާ ކުރެވޭކަމަށްވެސް ލަންކާގެ މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ.

ކޮންމެ އަހަރެއްގެވެސް މިދުވަސްވަރަކީ ލަންކާއަށް ވިއްސާރަ ދުވަސްވަރަކަށްވެފައި، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ދިމާވެދާނެ ކާރިސާތަކަށް ތައްޔާރުވުމުގެ ގޮތުން ލަންކާ ސަރުކާރުން ވަނީ އެޤައުމުގެ ސިފައިން ތައްޔާރީ ޙާލަތަށް ގެނެސްފައެވެ. 

ލަންކާ އެއްގަމު ސިފައިންގެ ތަރުޖަމާނު ބްރިގޭޑިއަރ ސުމިތު އަަތަޕައްތު ވިދާޅުވީ އެއްގަމު ސިފައިންގެ 58ވަނަ ޑިވިޝަން ތައްޔާރީ ޙާލަތަށް ގެނެސް، ކަލުތަރަ، ގޯލް، މާތަރަ، ކެގޯލް އަދި ރަތްނަޕޫރާއަށް ފޮނުވާފައިވާކަމަށެވެ. 

ލަންކާގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި، މޫސުން ގޯސްވިނަމަވެސް، ދިވެހިން އާއްމުކޮށް އުޅޭ ހިސާބުތަކުގައި ނުރައްކާތެރި ހާދިސާއެއް ހިނގާފައިނުވާކަމަށާއި، ދިވެއްސަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ލަންކާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް