ކ. މާލެ
|
21 މެއި 2018 | ހޯމަ 18:57
މެމްބަރު އަމީތު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ
މެމްބަރު އަމީތު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2018
އިލެކްޝަންސް ކޮމިޝަންގެ ބަޔާން ބަލައިނުގަންނަން، މެމްބަރުންނާއިމެދު ފިޔަވަޅު އަޅާނަން: ގުޅިފައިވާ ޕާޓީތައް
އިލެކްޝަންސް ކޮމިޝަންގެ ބަޔާނަކީ ޣައިރު ޤާނޫނީ ބަޔާނެއް
ޕާޓީތަކުގެ އެތެރޭގެ އިދާރީ ކަންކަމަކީ އިލެކްޝަންސް އަތް ބާނަން ޖެހޭ ކަމެއް ނޫން

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީ އާއި ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން އާއްމު ކުރި ބަޔާނަކީ ޣައިރު ޤާނޫނީ ބަޔާނެއްކަމަށާއި، އެބަޔާން ބަލައި ނުގަންނަކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން މ. ކުނޫޒުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ބަޔާނަށް އަމަލުކުރަން ނުޖެހޭކަމަށެވެ. އަދި އިލެކްޝަންސް މިނިވަން އިންސާފުވެރި އިންތިޚާބަކަށް ދިވެހި ރައްޔިތުން އެދެމުންދާއިރު، އެމިނިވަންކަން ކަށަވަރުކޮށްދޭން އޮތް އިލެކްޝަންސް ކޮމިޝަނާއިމެދު ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލިގެންދާކަމީ ކަންބޮޑުވާކަމެއްކަމަށް އަމީތު ވިދާޅުވިއެވެ. 

އަމީތު ވިދާޅުވީ ދިވެހިރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ހިންގުމަށް އަތް ބޭނުމަކީ އިލެކްޝަންސް ކޮމިޝަނަށް ލިބިދީފައިވާ ބާރެއް ނޫންކަމަށެވެ. އަދި އެފަދަ ބާރެއް އިލެކްޝަންސް ކޮމިޝަނަށް ލިބިދީފައިވާ އެއްވެސް ޤާނޫނެއް ނޯންނާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އިލެކްޝަންސް ކޮމިޝަނަކީ އެބޭފުޅުން އެ ހީފުޅުކުރައްވާ ފަދަ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތެއްވެސް ނޫންކަމަށް އަމީތު ފާހަގަކުރެއްވިއެވެ.

އުޞޫލުތަކާއި ޚިލާފަށް އެކި ސިޔާސީ ޕާޓީތަކާއިމެދު އެކިގޮތަށް، ހަމަހަމަކަމެއް ނެތި އަމަލުކުރަމުންދަ ދިޔުން ކުށްވެރިކުރާކަމަށްވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އަމީތު ވިދާޅުވިއެވެ. މީގެ އިތުރުން މިފަދަ ކަންކަމުގައި ބައިވެރިވާ އިލެކްޝަންސް ކޮމިޝަންގެ މެމްމަބަރުންނާއި މުވައްޒަފުންނާއި ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް އަމީތު ދެއްވިއެވެ. 

ސިޔާސީ ޕާޓީތަކުގެ އަސާސީ ޤަވާޢިދުގައި ރާއްޖޭގައި ހެދިފައިވާ ޤާނޫންތަކާއި ޚިލާފް އެއްވެސް މާއްދާއެއް ހިމެނޭނަމަ، އެމާއްދާއެއް ބާތިލްވާނެކަމަށް އަންގައި، އިލެކްޝަންސް ކޮމިޝަނުން ގުޅިފައިވާ ޕާޓީތަކަށް ސިޓީ ފޮނުވާފައިވާކަން ފާހަގަކުރައްވަމުން އަމީތު ވިދާޅުވީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ހިންގަމުން އަންނަތާ އެތައް އަހަރުތަކެއް ވެފައިވާކަމަށާއި، އަސާސީ ޤަވާޢިދުގައި ހުންނަންވާ މާއްދާތައް ޕާޓީތަކަށް އަންގަން ޖެހެނީ މިއަދު ނޫންކަމަށެވެ. އަދި ޕާޓީތަކުގެ އަސާސީ ޤަވާޢިދުގައި ހިމަންނަން ޖެހޭ ކަންކަމަކީ އެޕާޓީއެއްގެ އާއްމު މެމްބަރުން ކަނޑައަޅާ ކަމެއްކަމަށް އަމީތު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް