އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިންގެ މެދުގައި ބާއްވާ ބައްދަލުވުމަށް ހަގީގީ ސިފަ ގެނައުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިން ހޯމަ ދުވަހު އެމެރިކާ އަށް ވަޑައިގަންނަވާނެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުން ސިންގަޕޫރުގައި މިއަންނަ ޖޫން މަހު ބައްދަލު ކުރައްވާއިރު، އަންގާރަ ދުވަހު އެމެރިކާގެ ރައީސް ޓްރަމްޕް އާއި ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިން ބައްދަލު ކުރައްވާނެއެވެ.
އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ގެންގުޅުން ހުއްޓާލުމާ މެދު ސުވާލު އުފެދިފައިވާތީ ރައީސް ޓްރަމްޕް އާއި ކިމް ޖޮން އުންގެ ބައްދަލުވުމަށް ވަނީ ހުރަސްއެޅިފައެވެ. ދާދިފަހުން ދެކުނު ކޮރެއާގެ ރައީސް ވަނީ އުތުުރު ކޮރެއާގެ ލީޑަރާ އެކު ވަރަށް ތާރީޚީ ބައްދަލުވުމެއް ބާއްވަވާފައެވެ.
އެމެރިކާގެ ނިއުޔޯކް ޓައިމްސް އިން އާދީއްތަ ދުވަހު ރިޕޯޓުކޮށްފައި ވަނީ "ރައީސް ޓްރަމްޕް ގެންދަވަނީ އެމެރިކާ އާ ގާތް ގައުމުތަކާ އެކު، އުތުރު ކޮރެއާގެ ލީޑަރާ އެކު ބާއްވާ ބައްދަލުވުން ބޭއްވުމާމެދު ސުވާލު އުފައްދަމުން ކަމަށެވެ."
ދާދިފަހުން ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ ހުޅަނގުގެ ބާރުގަދަ ގައުމުތަކުން ލީބިޔާގެ ލީޑަރު ވެރިކަމުން ދުރުކުރި ގޮތަށް އުތުރު ކޮރެއާ ލީޑަރު ވެރިކަމުން ދުރުކުރާނެތީވެ، އުތުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރު ގެންގުޅުމުން ދުރުވެއްޖެ ކަމަށެވެ.
އެމެރިކާ އިން ބޭނުން ވަނީ އުތުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރު ގެންގުޅުން ހުއްޓާލުމަށް ކަމަށްވާއިރު، ރިޕޯޓުތައް ބުނާގޮތުން އެމެރިކާ އާއި އުތުރު ކޮރެއާ ބައްދަލުވުމުގައި އެމެރިކާގެ މައިގަނޑު ވާހަކައަކަށްވާނީ ވެސް ނިއުކްލިއަރ ހަތިޔާރު ގެންގުޅުމުން އުތުުރު ކޮރެއާ ހުއްޓާލުމުގެ މައުޟޫއެވެ. އަދި ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރުމުން އުުތުރު ކޮރެއާ ހުއްޓާލައިފިނަމަ އެމެރިކާ އިން ބަދަލުގައި އެގައުމަށް އިގްތިސާދީ ގޮތުން އެހީވާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.