އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް 2016 ވަނަ އަހަރު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވަން ކެމްޕޭން ކުރެއްވިއިރު އޭރުގެ ސަރުކާރުން އެފްބީއައި ބޭނުން ކޮށްގެން ނަހަމަ ގޮތުގައި ފާރަ ލާފަވޭތޯ ބަލާ ތަހްގީގު ކުރަން ނިންމައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ބުނީ އެފްބީއައިގެ އޭޖެންޓުން ސިޔާސީ ބޭނުމުގައި ޓްރަމްޕްގެ ކެމްޕެއިނަށް ފާރަލާފައިވޭތޯ ބަލަން ރައީސް ބޭނުންފުޅުވާ ކަމަށާ އެކަން ތަހްގީގު ކުރަން ނިންމާފައިވާ ކަމަށެވެ.
"އެއްވެސް މީހެއް ރިޔާސީ ކެމްޕެއިން ތެރެއަށް ވަދެ ބަޔަކު ނުވަތަ މީހަކަށް ފާރަލައިގެން ނަހަމަ ގޮތުގައި މައުލޫމާތު އެއްކޮށްފައި ވާނަމަ އެކަމެއް އަހަރުމެންނަށް އެނގި އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަން އެބަ ޖެހޭ" ޑެޕިއުޓީ އެޓަރނީ ޖެނެރަލް ރޮޑް ރޮސެންސްޓެއިން ވިދާޅުވިއެވެ.
ޓްރަމްޕް ވަނީ ޖަސްޓިސް ޑިޕާޓްމަންޓު ކައިރީގައި އެފްބީއައި އިންނާއި ޖަސްޓިސް ޑިޕާޓްމަންޓުންވެސް 2016 ވަނަ އަހަރުގެ އިންތިޚާބުގައި ނަހަމަ ބާރު ބޭނުން ކޮށްގެން އެއްވެސް ކަހަލަ ގޮތަކަށް ނުފޫޒު ފޯރުވިތޯއާއި މީހުންނަށް ފާރަލައިފައިވޭތޯ ބަލަން އަންގަވާފައެވެ. އަދި ވިދާޅުވީ އޮބާމާގެ ސަރުކާރުގެ އެއްވެސް މީހަކު މި ކަހަލަ އަމުރެއް ނެރެފައި ވާނަމަ އެކަން ވަރަށް ރަނގަޅަށް ބަލަން ޖެހޭ ކަމުގައެވެ.
I hereby demand, and will do so officially tomorrow, that the Department of Justice look into whether or not the FBI/DOJ infiltrated or surveilled the Trump Campaign for Political Purposes - and if any such demands or requests were made by people within the Obama Administration!
— Donald J. Trump (@realDonaldTrump) May 20, 2018
ޓްރަމްޕް މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު 2016 ވަނަ އަހަރުގެ އިންތިޚާބުގައި ރަޝިއާއިން ޓްރަމްޕްގެ ކެމްޕޭނަށް އެހީވެފައިވޭތޯ ބެލުމަށްޓަކައި ކައުންސިލަރ ރޮބާޓް މުލަރ އިސްވެ ހުންނަވައިގެން ދަނީ ތަހްގީގު ކުރައްވަމުންނެވެ.
ޓްރަމްޕް އާދީއްތަ ދުވަހު ކުރެއްވި ޓުވީޓުތަކުގައި މުލަރގެ ތަހްގީގަށް ވަރަށް ބޮޑަށް ވަނީ ފާޑު ވިދާޅުވެފައެވެ. އަދި ވިދާޅުވީ އެއީ އެއްވެސް އަސްލެއްގެ މައްޗަކަށް ބިނާވެގެން ދައްކާ ވާހަކައެއް ނޫން ކަމަށާއި މިއަދާ ހަމައަށް އެއްވެސް ކަހަލަ ހެއްކެއްވެސް ދެއްކިފައި ނުވާ ކަމަށެވެ.