ކ. މާލެ
|
21 މެއި 2018 | ހޯމަ 17:46
މެމްބަރު އަބްދުﷲ ރިޔާޒު
މެމްބަރު އަބްދުﷲ ރިޔާޒު
ގޫގުލް
ސަރުކާރު ވައްޓާލަން އުޅުން
ރިޔާޒުގެ މައްޗަށް ކުރާ ޓެރަރިޒަމް ދައުވާ ސާބިތު ކުރުމަށް 33 ހެއްކާއި ގަރީނާ ހުށަހަޅައިފި
މުހިއްމު ހެއްކަކީ "ކަޅު ފޮށި"
ފާރިސްގެ އަތު ލިޔުންތަކެއް ދައުލަތުން ހުށަހެޅި
ދިފާއީ ހެކި ހުށަހަޅަން ޖެހެނީ މިމަހުގެ 24 ވަނަ ދުވަހުގެ 12:00ގެ ކުރިން

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އޭނާގެ މައްޗަށް ކުށް ސާބިތު ކުރުމަށް 33 ހެއްކާއި ގަރީނާ ޝަރީއަތަށް ހުށަހަޅައިފި އެވެ.

ދައުލަތުގެ ގާނޫނީ ވަކީލާ ދައުވާ އިއްވުމުން ރިޔާޒު ވަނީ އެ ދައުވާ ސާފު ނުވާކަމަށާއި އަދި ދައުވާއަށް އިންކާރު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މި ދައުވާއަކީ ސިޔާސީ ގޮތުން ކޮށްފައިވާ ދައުވާއެއް ކަމަށާއި ސިޔާސީ ކަންކަމުން އޭނާ އެކަހެރި ކުރަން ކުރާ ދައުވާއެއް ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ.

ދައުލަތުން ހުށަހެޅި 33 ހެކި، ގަރީނާތަކުގެ ތެރޭގައި ސިއްރު ހެކިވެރިންނާއި ސިއްރު ލިޔުންތަކުގެ އިތުރުން ގިނަ ފުލުހުންތަކެއް ވެސް ހެކީންގެ ގޮތުގައި ހުށަހަޅަފައި ވެއެވެ

ދައުލަތުން ހުށަހެޅި ހެކި، ގަރީނާތަކުގައި ހިމެނޭ އެންމެ މުހިއްމު ހެއްކަކީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި ތަހުގީގުގައި ހޯދި "ކަޅު ފޮއްޓެވެ". އެ ފޮށި ތެރޭގައި ހުރި ކިޔެކިޔުންތަކާއި ފާރިސްއާ ގުޅޭ ގިނަ ލިޔެކިޔުންތަކެއް މިމައްސަލައިގެ ހެކީގެ ގޮތުގައި ހުށަހަޅާފައި ވެއެވެ. 

މިމައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ ދިފާއުގައި ހެއްކާއި، ޝަރީއަތަށް ހުށަހަޅަން ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް މިމަހުގެ 24 ވަނަ ދުވަހުގެ 12:00 ގެކުރިން ކޯޓަށް ހުށަހެޅުމަށް އަންގާފަ އެވެ. 

ރިޔާޒްގެ މައްޗަށް ވެސް މި ކުށް ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ހުކުމް އައިސްފި ނަމަ މެމްބަރުކަމުގެ ގޮނޑި ވެސް ރިޔާޒަށް ގެއްލޭނެ އެވެ.

ރިޔާޒު ގެންދަވަނީ މިހާރު ވެސް، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ހައި ކޯޓުން ނިންމާފައިވާ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.  

ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ރިޔާޒުގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް ރިޔާޒުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް