ކ. މާލެ
|
21 މެއި 2018 | ހޯމަ 23:54
ނިޕަހް ވައިރަސް ފެތުރޭ އެންމެ ބޮޑު ވަސީލަތަކީ ވާތައް
ނިޕަހް ވައިރަސް ފެތުރޭ އެންމެ ބޮޑު ވަސީލަތަކީ ވާތައް
އޭއެފްޕީ
ނިޕަހް ވައިރަސް
ނުރައްކާތެރި ވައިރަސް ނިޕަހް އިންޑިޔާއިން ފެނި އެތައް ބަޔަކު މަރުވެއްޖެ!
ވައިރަސްއަށް މިހާތަނަށް ވެކްސިނެއް ހޯދިފައެއް ނުވޭ
ސާދަ ދުވަސް ތެރޭގައި ނުވަ މީހުން ވަނީ މަރުވެފައި
ނިޕަހް ޖެހޭ މީހުންގެ ތެރެއިން 70 އިންސައްތަ މީހުން މަރުވޭ

ފަރުވާ ދޭނެ ވެކްސިނެއް މިހާތަނަށް ހޯދިފައި ނުވާ ނިޕަހް ވައިރަސް އިންޑިޔާއިން ފެނިފައިވާއިރު އެތައް ބަޔަކު އެ ބަލި ޖެހިގެން މަރުވެއްޖެއެވެ.

ދެކުނު އިންޑިއާގައި މިހާތަނަށް ނުވަ މީހަކު މަރުވެފާވާއިރު އޭގެ ތެރޭގައި ބައެއް މީހުން މަރުވެފައި ވަނީ ނިޕަހް ވައިރަސް ޖެހިގެން ކަމަށް ޔަގީންވާ ކަމަށާއި އަނެއްބައި މީހުން މަރުވެފައި ވަނީ އެ ބަލީގެ ސަބަބުން ކަމަށް ޝައްކު ކުރެވޭ ކަމަށް އެ ސަރަހައްދުގެ ސިއްހީ އޮފިޝަލުން ވިދާޅުވެއްޖެއެވެ. 

ފާއިތުވި ސާދަ ދުވަސް ތެރޭގައި ތިން މީހުން މަރުވެފައި ވަނީ ވައިރަސް ނިޕަހް ޖެހިގެން ކަން މިހާރު ވަނީ ޔަގީން ވެފައެވެ. އިތުރު ހަ މީހެއްގެ ނަތީޖާ ހޯމަ ދުވަހު މެންދުރުފަހު ލިބޭނެއެވެ.

އިންޑިއާގެ ކޮޒިކޯޑް ސިޓީގައި ފަންސަވީސް މީހުން ގައިން ވައިރަހުގެ އަލާމާތްތައް ފެނިގެން ވަނީ އެޑްމިޓް ކޮށްފައެވެ.

ނިޕަހް އަކީ ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ފޯރާ ވައިރަސްއެކެވެ. މި ވައިރަސްއަށް އެއްވެސް ކަހަލަ ވެކްސިނެއް މިހާތަނަށް ހޯދިފައި ނުވާއިރު ނިޕަހް ޖެހޭ މީހުންގެ ތެރެއިން 70 އިންސައްތަ މީހުން މަރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންދާޒާ ކުރާގޮތުން ދުނިޔެއަށް ފެތުރުމުގެ ފުރުސަތު އޮތް ދިހަ ބާވަތެއްގެ ބަލިމަޑުކަމުގެ ތެރެއިން މި ވައިރަސް  އިންޖެހޭ ބަލި އުޅެނީ އެންމެ ކުރީގައެވެ.

މި ވައިރަސް ޖެހިގެން ބަލިވި މީހުންނަށް ފަރުވާ ދެމުން ދިޔަ ނަރުހަކަށް ބަލި ޖެހި އޭނާގެ ފުރާނަ ގެއްލުނު ކަމަށް ކެރަލާގެ ސިއްހަތާއި ބެހޭ ސެކްރެޓަރީ ތަޖީވް ސަނަދަންދާން ވިދާޅުވިއެވެ.

"އަހަރުމެން މިހާރު މި ބަލި ޖެހިފަވާ ކަމަށް ޝައްކު ކުރެވޭ އެންމެންގެ ގައިން ލެއާއި ހަށިގަނޑުގެ ފުލުއިޑްސް ވަނީ ޕޫންގައި ހުންނަ 'ނެޝަނަލް އިންސްޓިޓިއުޓް އޮފް ވާރޮލޮޖީ' އަށް ތަހްލީލު ކުރަން ފޮނުވާފަ. އެތަނުން ލިބުނު ނަތީޖާއިން ތިން މީހުން މަރުވެފައި ވަނީ މިބަލި ޖެހިގެން ކަން ޔަގީން ވެއްޖެ" ތަޖީވް ވިދާޅުވިއެވެ. "މި ބަލި ޖެހިއްޖި ނަމަ ޚާއްސަ ސަމާލުކަމެއް ކޮންމެ މީހަކަށްވެސް ވަކިން ދޭން ޖެހޭ އެހެންކަމުން އަހަރުމެން މިދަނީ މި ބަލި ފެތުރުން ހުއްޓުވޭތޯ ވަރަށް މަސައްކަތް ކުރަމުން"

މި ބަލި ފެތުރެނީ މައިގަނޑު ގޮތެއަގައި ވާލުގެ ޒަރީއާ އިންނެވެ.

ނިޕަހް ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ 1999 ވަނަ އަހަރު އޫރުގެ ހަށިގަނޑުންނެވެ. އެ ފަހަރު އޫރާ ކައިރިން މަސައްކަތް ކުރި މެލޭޝިއާއި ސިންގަޕޫރުގެ މީހުންގެ ގަޔަށް ވަނީ މި ބަލި އަރާފައެވެ. ގާތްގަނޑަކަށް އެފަހަރު 300 މީހުން ބަލީގެ ޝިކާރައަކަށް ވީއިރު 100 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ނިޕަހް ވައިރަސް އިން ސަލާމަތްވުމަށް ބަލި ޖެހިފައިވާ ޖަނަވާރާ ދުރުހެލި ވެގެން އުޅުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނަސޭހަތް ތެރިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް