ޕާކިސްތާނުގެ ޖާސޫސީ އިދާރާއަށް ޖާސޫސު ކުރިކަމުގެ ކުށް ސާބިތުވެ އިންޑިއާގެ ޑިޕްލޮމޭޓަކު ތިން އަހަރަށް ޖަލަށް ލުމަށް ދިއްލީގެ ކޯޓުން ހުކުމް ކޮށްފިއެވެ.
އިންޑިއާގެ ޑިޕްލޮމޭޓް މަދޫރީ ގުޕްތާ ތިންއަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ އޭނާ ޑިޕްލޮމޭޓަކަށް ޕާކިސްތާނުގެ އިސްލާމްއާބާދުގެ އެމްބަސީގައި ހުރި ދުވަސްވަރު ޕާކިސްތާނަށް ޖާސޫސްކޮށްދީ ޕާކިސްތާނާއިއެކު މުއާމަލާތްތަކެއް ކޮށްފައިވާތީއެވެ.
އޭނާގެ މައްޗަށް ޖާސޫސު ކުރިކަމުގެ ތުހުމަތު ކޮށްފައިވަނީ 2010 ވަނަ އަހަރުގައެވެ.
މިމައްސަލައާއި ގުޅިގެން އޭނާގެ މައްޗަށް އެންމެ ފުރަތަމަ 2010 ވަނަ އަހަރު ހުކުމް ކޮށްފައިވާއިރު އޭނާ ވަނީ އެފަހަރު މިނިވަންކުރުމުގެ ކުރިން ދެ އަހަރުވަންދެން ބަންދުގައި ބަހައްޓާފައެވެ.
މަދޫރީ ގުޕްތާގެ ވަކީލު ޖޮގިންދާ ދަހިޔާ ވިދާޅުވީ މި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށާއި އޭނާ މިނިވަންވާންޖެހޭ ކަމަށެވެ. އަދި އޭނާ ވަނީ މިހާރު ވެސް 21 ދުވަހަށް ވުރެ ގިނަދުވަސް ގޭބަންދުގައި ހޭދަކޮށްފައިވާ ކަމަށާއި މީގެ ކުރިން ޖަލުގައާއި ގޭބަންދުގައި ހޭދަކޮށްފައިވާ ދުވަސްތަކަށްބަލާއިރު އޭނާ މިނިވަންވާންޖެހޭ ކަމަށް ދަހިޔާ ވަނީ ވިދާޅުވެފައެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ޕީޓީއައި އިން ރިޕޯޓް ކޮށްފައިވާގޮތުގައި މަދޫރީ ގުޕްތާއަށް ކުޑަ ހުކުމެއް އައިސްފައިވަނީ އޭނާ ސިއްރު މައުލޫމާތު ޖާސޫސް ކުރީ ޕާކިސްތާނުގެ މިލިޓަރީ ފަރާތްތަކަށް ނޫން ކަމަށްވުމުންނެވެ. ޕާކިސްތާނުގެ މިލިޓަރީއަށް ޖާސޫސްކުރި ކަމަށް ސާބިތުވާނަމަ މަދޫރީ ގުޕްތާގެ މައްޗަށް ބޮޑު ހުކުމެއް އަންނާނެ ކަމަށް އެނޫގައި ވަނީ ބުނެފައެވެ.
މަދޫރީ ގުޕްތާގެ މައްޗަށް ކޮށްފައިވާ ހުކުމާއި ގުޅޭގޮތުން އޭނާ ބުނެފައިވަނީ އޭނާގެ މައްޗަށް ކޮށްފައި ވަނީ ސާބިތު ނުހިފޭ ދޮގު ދައުވާއެއްގެ މައްޗަށް އެކުލެވޭ ހުކުމެއް ކަމަށެވެ.