ކ. މާލެ
|
21 މެއި 2018 | ހޯމަ 13:06
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު
މުހައްމަދު ޝަރުހާން
އެމްޑީޕީ ޕްރައިމަރީ
އެމްޑީޕީގެ ޕްރައިމަރީ އަކީ އީސީ އަށް ބާއްވަދޭ އިންތިހާބެއް ނޫން: ޝިފާޒު
އިންތިހާބު ކަނޑައެޅިފައިވާ ގޮތަށް ކުރިއަށްދާނެ
އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 30 މެއި ގައި
ޕްރައިމަރީގައި ވާދަކުރަނީ ރައީސް މުހައްމަދު ނަޝީދު އެކަނި

އެމްޑީޕީގެ ޕްރައިމަރީގެ އިންތިހާބަކީ އެމްޑީޕީގެ މެންބަރުންނަށް ބާއްވާ އިންތިހާބެއް ކަމަށާއި އެ އިންތިހާބަކީ އެއްވެސް ހާލެއްގައި އިލެކްޝަންސް ކޮމިޝަނަށް ބާއްވަދޭ އިންތިހާބެއް ނޫން ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ޕްރައިމަރީތަކުގައި ސިޔާސީ ޕާޓީތަކުން އަމަލު ކުރަންވީ ގޮތުގެ އިރުޝާދުތައް ހާމަކުރައްވައި އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފައިވާ ލިޔުމާއި ގުޅިގެން ޝިފާޒު ވިދާޅުވީ، އެމްޑީޕީގެ އޮފީހުން އިއުލާނުކޮށްފައިވާ ޕްރައިމަރީ ކަނޑައެޅިފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށާއި އިންތިހާބު ކުރިއަށްދާނީ އެމްޑީޕީގެ މެންބަރުންގެ މެދުގައި ކަމަށެވެ.

 ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕާޓީތަކުން ބާއްވާ ޕްރައިމަރީއާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އެންގި އެންގުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ފާޑުވިދާޅުވެފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ ކެނޑިޑޭޓުންގެ ޝަރުތާއި ގުޅޭ ގޮތުން ގޮތް ނިންމަންޖެހޭނީ ހުރިހާ ފަނޑިޔާރުން ހާޒިރުވެ ތިއްބަވާ ފުރިހަމަ ސުޕްރީމް ކޯޓަކުން ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ އިއުލާނަކީ ޢައިރު ޤާނޫނީ ހާސަރެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު އެ އިންތިހާބުގައި އެއްވެސް ހައިސިއްޔަތަކުން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަނުކުރެވޭނަމަ އެ މީހެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރާނެ އެވެ. އަދި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޕާޓީ ތަމްސީލު ކުރާނެ ކެންޑިޑޭޓެއް ހޮވުމަށްޓަކައި ޕާޓީއަކުން ޕްރައިމަރީއެއް ބާއްވާނަމަ ނުވަތަ ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ނިންމާނަމަ އެކަން އެ ކޮމިޝަނަށް އަންގަން ޖެހޭނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

އެގޮތަށް ޕްރައިމަރީއެއް ބާއްވާނަމަ 21 މެއި 2018 އިން ފެށިގެން ޖުލައި 01 އާއި ދެމެދުގެ މުއްދަތެއްގައި ޕްރައިމަރީ ބާއްވަންޖެހެ އެވެ. ޕްރައިމަރީ ބޭއްވުމުގެ 3 މަސް ދުވަސް ކުރިން ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ މައުލޫމާތާއި ޕްރައިމަރީ ބާއްވާ ތާރީހު އެ ކޮމިޝަނަށް އަންގަން ޖެހޭނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. ޕްރައިމަރީ ބޭއްވުމަށް ފަހު ޕްރައިމަރީގެ ނަތީޖާ 8 ޖުލައި ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން އެ ކޮމިޝަނަށް ފޮނުވަންޖެހޭނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

ސިޔާސީ ޕާޓީތަކުގެ އަސާސީ ގަވާއިދުގައި ނުވަތަ ހިންގާ ގަވާއިދުގައި ޕްރައިމަރީ ބާއްވާނެގޮތް ބަޔާންކޮށްފައިވާނަމަ އެގޮތުގެ މަތިން ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމާއި ސިޔާސީ ޕާޓީގެ އަސާސީ ގަވާއިދުގައި ނުވަތަ ހިންގާ ގަވާއިދުގައި ޕްރައިމަރީ ބާއްވާނެ ގޮތް ބަޔާންކޮށްފައިނުވާ ނަމަ މީގެ ކުރިން ޕްރައިމަރީ ބޭއްވުމުގައި އަމަލުކުރާ ގޮތަށް އަމަލު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވެ އެވެ.

އިދިކޮޅު އެމްޑީޕީން ވަނީ ޕްރައިމަރީ ބޭއްވުމަށް ދުވަހެއް ކަނޑައަޅައިފަ އެވެ. އެގޮތުން މެއި 30 ވަނަ ދުވަހު އެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ޕްރައިމަރީގައި ވާދަ ކުރަނީ އެންމެ ކެނޑިޑޭޓެކެވެ. އެއީ ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް