އާދީއްތަ ދުވަހު ބޭއްވި ވެނެޒުއޭލާގެ އިންތިޚާބުން އެގައުމުގައި މިހާރު ވެރިކަން ކުރައްވާ ރައީސް ނިކޮލާޒް މަދޫރޯ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ.
މި އިންތިޚާބުގައި މަދޫރޯއާއި ވާދަކުރައްވާފައިވަނީ އެގައުމުގެ ލާރާ ސްޓޭޓުގެ ކުރީގެ ގަވަރުނަރު ހެންރީ ފެލްކަން އާއި މިނިވަން ކެނޑިޑޭޓެއް ކަމަށްވާ ހާވިއާ ބާޓުޗީ އެވެ.
އިދިކޮޅު ފަރާތްތަކުން ބޮއިކޮޓް ކޮށްފައިވާ މި އިންތިޚާބު ބާއްވާފައިވަނީ އިންތިޚާބު ބާއްވަން ޖެހޭ ދުވަހަށްވުރެ އަވަހަށެވެ. އެގައުމުގެ އިންތިޚާބު އާންމުކޮށް ބާއްވަނީ އިންތިކާބު ބާއްވަންޖެހޭ އަހަރުގެ ޑިސެމްބަރުމަހުގައެވެ.
އިދިކޮޅުން މި އިންތިޚާބު ބޮއިކޮޓް ކޮށްފައިވަނީ އިދިކޮޅު ކޯލިޝަން ކަމަށްވާ ޑިމޮކްރަޓިކް ޔުނިޓީ ރައުންޑްތޭބަލް (އެމްޔޫޑީ)ގެ ލީޑަރުން ކަމަށްވާ ލިއޮޕޮލްޑޯ ލޯޕޭޒްއާއި ހެންރީކޭ ކެޕްރީލޭސް އިންތިޚާބުގައި ވާދަކުރުން މަނާ ކުރުމުންނެވެ.
މަޑޫރޯ ފުރަތަމައަށް އިންތިޚާބުވެފައިވަނީ 2013 ވަނަ އަހަރުގައެވެ. އޭނާގެ ވަރިކަމުގެ ދަށުން މިއަދާއި ހަމައަށް އެގައުމުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ދުނިޔޭގެ އެކި ގައުމުތަކުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
ވެނެޒުއޭލާގެ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރާނެކަމަށް ބުނެފައިވާ ދުނިޔޭގެ ގައުމުތަކުގެ ތެރޭގައި އާޖެންޓީނާ، ބްރެޒިލް، ޗިލީ، ކޮލަމްބިއާ، މެކްސިކޯ އަދި ޕެރޫ ހިމެނެއެވެ. އެމެރިކާ އިން ވަނީ އިންތިޚާބު އަވަސް ކުރާ ނަމަ ވެނެޒުއެލާއާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރުވެސް ދީފައެވެ. އަދި އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ވަނީ އެއީ ފޭކު އިންތިހާބެއް ކަމަށާއި އެއިންތިހާބުން ލިބޭ ނަތީޖާ ގަބޫލު ނުކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައިވެސް އެމެރިކާއިން ވަނީ ނިކޮލާޒް މަދޫރޯއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އެމެރިކާ އިން އެފިޔަވަޅު އަޅާފައި ވަނީ ވެނެޒުއޭލާގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ނުރުހުމުގައި އެގައުމުގައި މަޖިލިސް އިންތިހާބެއް ބޭއްވުމުންނެވެ.