ކ. މާލެ
|
21 މެއި 2018 | ހޯމަ 08:51
ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން - އޭނާ ހައްޔަރުކޮށްފައިވަނީ ނިމުނު އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު
ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން - އޭނާ ހައްޔަރުކޮށްފައިވަނީ ނިމުނު އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު
މުހައްމަދު ޝަރުހާން
އަހުމަދު ފާރިސް މައުމޫން
ކިތަންމެ ދުވަހަކު ޖަލުގައި ބޭއްވިޔަސް ފާރިސް މައުމޫންގެ އަޒުމަށް ބަދަލެއް ނާންނާނެ، އިސްލާހީ މަސައްކަތް ކުރިއަށްގެންދާނެ: ޕާޓީތައް
ފާރިސް މައުމޫން ބަންދު ކުރެވުނީ އެއްވެސް އަސާސެއްނެތް، ޙަޤީޤަތެއް ނެތްކަމެއްގެ މައްޗަށް ބިނާކޮށް
ފާރިސް މައުމޫންގެ މައްޗަށް ކުރެވުނު ތަޙްޤީޤުގައި، ތަޙްޤީޤުކުރި ފަރާތްތަކުން ދޮގު ހެކި އުފައްދާފައިވާކަން ވަނީ ހާމަވެގެންގޮސްފައި
އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް އިންޞާފުގެ ކުރިމައްޗަށް އިސާހިތަކު ގެނެވޭނެ

ކިތަންމެ ދުވަހަކު ޖަލު ބަންދުގައި ބޭއްވިޔަސް، އަދި އިންޞާފުން ބޭރުން ޙުކުމްތަކެއް ކުރިޔަސް، ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ފާރިސް މައުމޫންގެ ޢަޒުމަކަށް ކުޑަވެސް ގުޑުމެއް ނާންނާނެކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފި އެވެ، 

ފާރިސް މައުމޫން ޙުކުމަކާއި ނުލައި ޖަލު ބަންދުގައި ހުންނަތާ މިމަހުގެ 18 ވަނަ ދުވަހަށް 10 މަސް ދުވަސް ހަމަވުމާއި ގުޅިގެން ޕާޓީތަކުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް އަޙްމަދު ފާރިސް މައުމޫން ރިޝްވަތު ދިންކަމަށް ތުހުމަތު ކުރެވޭ މައްސަލަ ވެގެންގޮސްފައިވަނީ ބައެއް މެންބަރުން ފާހަގަކުރާ ފަދައިން އެއްވެސް އަސްލެއް ނެތް ކަމަކަށް ކަމަށެވެ. އެ މެންބަރަކަށް އަޙްމަދު ފާރިސް މައުމޫން ރިޝްވަތު ދިންކަމަށް ބުނާ މެންބަރު، ޝަރީޢަތުގެ މަޖިލީހަށް ޙާޒިރުވެ، ވުޟޫ މަތީގައިހުންނަވައި މާތް ﷲ ގެ ކަލާމްފުޅުގައި އަތްލެއްވުމަފަހު ކުރި ހުވާގެ މަތީގައި ދިން ހެކި ބަހުގައި މުޠްލަޤަށް ބުނެފައިވަނީ، އަޙްމަދު ފާރިސް މައުމޫން އޭނާއަށް އެއްވެސް ރިޝްވަތެއް ދީފައިނުވާކަންކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. 

"އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމަށް ހުށަހެޅުމަށް ތައްޔާރު ކުރެވުނު ޕެޓިޝަންގައި ސޮއިކުރީ އަމިއްލައަށް ފެނިގެން ކަންކަން އިޞްލާޙުކުރުމަށްޓަކައި ކަމުގައެވެ. މައްސަލަ ސާބިތުވާނެ އިތުރު އެއްވެސް ގޮތެއް ނެތެވެ. ނަމަވެސް، ދެންވެސް އަޙްމަދު ފާރިސް މައުމޫން ހުންނަންޖެހިފައިވަނީ ޖަލު ބަންދުގައެވެ."

 
ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން (އަތުން ހަނާ އަޅަނީ) - އޭނާ ހައްޔަރުކޮށްފައިވަނީ ނިމުނު އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު -- ފޮޓޯ: ރާއްޖެ.އެމްވީ

އެއާއެކު ފާރިސް މައުމޫން ބަންދު ކުރެވުނީ އެއްވެސް އަސާސެއްނެތް، ޙަޤީޤަތެއް ނެތް ކަމެއްގެ މައްޗަށް ބިނާކޮށް ކަން ހާމަވާ ކަމަށް ޕާޓީތަކުގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އަޙްމަދު ފާރިސް މައުމޫންގެ މައްޗަށް ކުރެވުނު ތަޙްޤީޤުގައި، ތަޙްޤީޤުކުރި ފަރާތްތަކުން ދޮގު ހެކި އުފައްދާފައިވާކަމާއި، ދޮގު ބަޔާންތައް ތައްޔާރުކޮށްފައިވާކަން ހާމަވެގެން ގޮސްފައިވާ ކަމަށް ވެސް ޕާޓީތަކުން ބުނެ އެވެ. އެހެން ކަމުން މިކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް އިންޞާފުގެ ކުރިމައްޗަށް އިސާހިތަކު ގެނެވޭނެކަމާމެދު ޝައްކެއް ނެތްކަމަށްވެސް ޕާޓީތަކުގެ ބުންޏެވެ. 

ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކު އަޙްމަދު ފާރިސް މައުމޫން ފަށާފައިވާ އިޞްލާޙީ މަސައްކަތަކީ އެގޮތަށް ޖަލު ބަންދުގައި އަޙްމަދު ފާރިސް މައުމޫނާއި އެހެނިހެން ސިޔާސީ ހައްޔަރީން ބޭއްތިއްބުމުން ނިމިގެންދާނޭ ކަމެއް ނޫންކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ މިހާރުވެސް ޖަލުތަކުގައި ހުކުމަކާއި ނުލައި ފަސް އަހަރު ހޭދަކުރަމުންދާ މީހުންވެސް ތިބިކަމީ ކަމާބެހޭ މުއައްސަސާތަކުން ފުންކޮށް ވިސްނަންޖެހިފައިވާ ކަމެއްކަމަށެވެ. ޤައުމު އިޞްލާޙު ކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއް ޖަލަކަށް ނުލެވޭނެކަމަށާއި، އެ މަސައްކަތުގައި އަބަދުވެސް ދިވެހި ލޭ ހިނގާ ދަރިންތަކެއް ޤުރުބާންވަމުންދާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ. 

"މިއަދު އަޙްމަދު ފާރިސް މައުމޫންއެވެ. މާދަމާ އެހެން ދިވެހި ދަރިޔެކެވެ."

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން -- ފޮޓޯ: ރާއްޖެ.އެމްވީ

މިއަދު ފެނިގެން ދަނީ، މުޅި ދިވެހި ދައުލަތުގެ ހުރިހާ ބާރުތަކެއް ވަކި ފަރާތަކުން މުށުތެރެއަށް ލައިގެން މުޅި ޤައުމު ސުންނާފަތިކުރަމުންދާ މަންޒަރުކަން ފާހަގަކޮށް ޕާޓީތަކުގެ ބަޔާނުގައި ބުނެފައިވަނީ ޤައުމުގެ އެންމެ މުހިއްމު ބާރު ކަމުގައިވާ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރު އޮތީ ކަސްތޮޅު އަޅުވާފައިކަމަށެވެ. އަދި އިންޞާފުވެރި ޙުކުމެއް ކުރާ ފަނޑިޔާރަކު ޖެހެނީ ޙުކުމަށްފަހު ޖަލަށް ވަންނަން ކަމަށާއި، އެންމެ މަތީ ކޯޓުގެ ޙުކުމް ތަންފީޛު ކުރުމަށް މަސައްކަތްކުރާ ފަރާތްތަކުންވެސް ކުރިމަތިލާންޖެހުނީ ޖަލުގެ ތޭރިތަކާކަމަށް ޕާޓީތަކުން ބުނެ އެވެ. 

"ނަމަވެސް، މިއަދުވެސް އެ ޙުކުމަކީ ދިރިދިރި އަދި ހިނގަހިނގާ އޮތް ޙުކުމެއްކަން މިޤައުމުގެ އެންމެން ޤަބޫލުކުރެއެވެ. ބައިނަލްއަޤްވާމީ މުޖުތަމައު އެކަން ވަރަށް ގާތުން ބަލަމުން ގެންދެއެވެ."

ގުޅިފައިވާ ޕާޓީތަކުން ބުނީ، ދިވެހި ރައްޔިތުން އަޅުވެތިކަމުން ސަލާމަތްކޮށް އަމާން އައްސޭރިއަކަށް ގެންދާނެ ކަމަށެވެ. އަދި އަޙްމަދު ފާރީސް މައުމޫނަށާއި، އެހެން ސިޔާސީ ހައްޔަރީންނަށް ކުރާ އަނިޔާ ހުއްޓާލާ، އަޙްމަދު ފާރިސް މައުމޫނާއި ހުރިހާ ސިޔާސީ ހައްޔަރީން މިހާރުން މިހާރަށް ދޫކޮށްލުމަށްވެސް ޕާޓީތަކުން ގޮވާލާފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
21 މެއި 2018 | ހޯމަ 14:28
ބޮކި
ޖަލުގަ އޮވެގެން އިސްލާހީ މަސައްކަތް ، ކކބކ