ކ. މާލެ
|
21 މެއި 2018 | ހޯމަ 02:20
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް
އަލްޖަޒީރާ
މަހްމޫދު އައްބާސް
ފަލަސްތީނުގެ ރައީސް ހަސްފަތާލުގައި
އައްބާސްގެ ސިއްހީ ހާލުކޮޅާ މެދު އެކި ގޮތްގޮތައް ދަނީ ވާހަކަތައް ފެތުރެމުން

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާދިއްތަ ދުވަހު ހަސްފަތާލުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް އަރަބި ދުނިޔޭގެ ބައެއް މީޑިއާ ތަކުން ބުނެފިއެވެ.

އުމުރުފުޅުން 83 އަހަރުގެ މަހްމޫދު އައްބާސް އިސްތަޝާރީ އެރަބް ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވީ ހުން ގަދަވަމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމަނިކުފާނު ވަނީ ހުސްވި ހަފްތާގެ އަންގާރަ ދުވަހު ކަންފަތްޕުޅުގެ އޮޕަރޭޝަނެއް ވެސް ކުރައްވާފައެވެ.

މިއީ ހަފްތާ އެއްހާ ދުވަހުގެ ތެރޭގައި އެމަނިކުފާނު ހޮސްޕިޓަލުން ފަރުވާ ހޯއްދެވި ތިން ވަނަ ފަހަރު ކަމަށް ޚަބަރުތައް ބުނެއެވެ.

ވަފާ ނޫހުގައި ބުނެފައިވަނީ އާދިއްތަ ދުވަހުގެ މެންދުރުން ފަސްވީ އިރުވެސް މަހްމޫދު އައްބާސް އުޅުއްވީ ހަސްފަތާލުގައި ކަމަށެވެ.

މަހްމޫދު އައްބާސްގެ ސިއްހީ މައްސަލަތަކާ މެދު އެކި ގޮތްގޮތައް ވާހަކަ ދެކެވެމުން ދާއިރު އެމަނިކުފާނުގެ ފަހުން ފަލަސްތީނުގެ ލީޑަރޝިޕަށް ވަޑައިގަންނަވާނެ ބޭފުޅެއް ފާހަގަ ވެފައި ނެތް ކަން އަރަބި މީޑިއާތަކުގައި އަންނަނީ ފާހަގަ ކުރަމުންނެވެ.

މި އަހަރުގެ ފެބްރުއަރީ މަހު ވެސް އައްބާސް ވަނީ އެމެރިކާގައި މެޑިކަލް ޓެސްޓުތަކެއް ހައްދަވާފައެވެ.

އައްބާސް ފަލަސްތީނުގެ ރައީސް ކަމަށް ވަޑައިގަތީ ހަތަރު އަހަރުގެ ދައުރެއްގައި 2005 ވަނަ އަހަރުއެވެ. ނަމަވެސް އޭގެ ފަހުން އިންތިޚާބެއް ބޭއްވިފައި ނެތުމާއެކު އައްބާސް ގެންދަވަނީ ރައީސް ކަމުގެ މަގާމު މިއަދާ ހަމައަށްވެސް އަދާ ކުރައްވަމުންނެވެ.

ފަލަސްތީނާއި އިޒްރޭލާ ދެމެދުގެ ހަމަ ނުޖެހުންތައް މި ދަނޑިވަޅުގައި ބޮޑުވެފައިވާ އިރު މަހްމޫދު އައްބާސްގެ ފަތަހް ފާޓީގެ ތެރޭގައި ބައިބައިވުން އުފެދި ފަލަސްތީނުގެ ގާޒާ ސްޓްރިޕް އޮންނަނީ ފަތަހަ ޖަމާއަތުގެ ބާރުގެ ދަށުގައި ކަން ފާހަގަ ކުރެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް