އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރަމުންދަނީ އެމްޑީޕީގެ ޕްރައިމަރީއަށް ނުފޫޒު ފޯރުވުމަށްކަމަށާއި، އެކަން ހުއްޓުވައި، ފުލުހުން ނިކުމެ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ހައްޔަރުކުރަން ޖެހޭކަމަށް އެމްޑީޕީގެ ޗެއަރޕަރސަން އަދި މަޝްހޫރު ޤާނޫނީ ވަކީލް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންނަކީ ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ހަމަވެފައިވާ މީހަކަށް ވާންޖެހޭ ކަމަށާއި މިކަންކަމަށް ސިޔާސީ ޕާޓީތަކުން ސަމާލުވާންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން އާދިއްތަ ދުވަހު ބުނުމާއި ގުޅިގެން ރާއްޖެ ޓީވީގެ '60 މިނެޓް'ގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ބަހަކީ ޤާނޫނެއް ނޫންކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ އެޕާޓީއިން އަމަލުކުރަނީ ޤާނޫން އަސާސީއާއި، ޤާނޫނުތަކާއި އަދި އެޕާޓީގެ އަސާސީ ޤަވާޢިދާއި އެއްގޮތަށް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރަނީ އެމްޑީޕީގެ ޕްރައިމަރީއަށް ނުފޫޒު ފޯރުވުމަށްކަމަށާއި، އެކަން ކުށްވެރިކުރައްވާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ހަސަން ލަތީފް ވިދާޅުވީ ޤާނޫން އަސާސީގައި ބުނާ ގޮތުން ކެންޑިޑޭޓެއްގެ ކެެންޑިޑެސީ މައްސަލައިގައި ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުންކަމަށެވެ. އަދި އެކޯޓުގެ ފުލް ބެންޗުން 1 ފެބްރުއަރީގައި ނެރުނު އަމުރުގައި ރައީސް ނަޝީދު މިނިވަންކުރުމަށް އަމުރުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ހަސަން ލަތީފް، އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ސިފަކުރެއްވީ ޝަޚްސު އޮޅުވާލައިގެން ހުންނެވި ބޭފުޅެއްގެ ގޮތުގައެވެ.
އިލެކްޝަންސް ކޮމިޝަނުން ނުސީދާކޮށް އެމްޑީޕީއަށް އަމާޒުކޮށް ބަޔާނެއް ނެރުނުނަމަވެސް، މިމަހުގެ 30 ވަނަ ދުވަހުގެ ރޭ ކަނޑައެޅިފައިވާ ޝެޑިއުލާއި އެއްގޮތަށް އެމްޑީޕީގެ ޕްރައިމަރީ އޮންނާނެކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުގެރޭ 9:00 އިން ދަންވަރު 1:00އަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އިތުރުން ސްރީލަންކާގެ ކޮޅުނބާއި ކެންޑީ، މެލޭޝިއާގެ ކުއާލަލަމްޕޫރު އަދި އިންޑިއާގެ ޓްރިވެންޑްރަމްއާއި ބެންގަލޫރުގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ.