ކ. މާލެ
|
20 މެއި 2018 | އާދީއްތަ 19:45
ޗައިނާ އަދި އެމެރިކާގެ މެދުގައި މަތީ ފަންތީގެ ބައްދަލުވުންތައް ދަނީ ކުރިޔަށް
ޗައިނާ އަދި އެމެރިކާގެ މެދުގައި މަތީ ފަންތީގެ ބައްދަލުވުންތައް ދަނީ ކުރިޔަށް
އޭއެފްޕީ/ގެޓީ
އެމެރިކާ - ޗައިނާ
އެމެރިކާއިން އިމްޕޯޓް ކުރާ މުދާ އިތުރު ކުރުމަށް ޗައިނާއިން އެއްބަސްވެއްޖެ
މި ނިންމުމުގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަަމަށް ލަފާކުރެވޭ
2016 ވަނަ އަހަރު އެކަނިވެސް ޗައިނާއިން އެމެރިކާއަށް 462.2 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓް ކުރި

އެމެރިކާއިން އިމްޕޯޓް ކުރާ މުދަލާއި ހިދުމަތުގެ މިންވަރު އިތުރު ކުރުމަށް ޗައިނާއިން އެއްބަސްވެއްޖެއެވެ.

އެމެރިކާގެ ވެރިކަންކުރާ ރަށް ކަމަށްވާ ވޮޝިންގްޓަންގައި ދެ ގައުމުގެ މެދުގައި ކުރިޔަށް ގެންދިޔަ މަޝްވަރާތަކަށްފަހު ދެ ގައުމު ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ އެމެރިކާގައި އުފައްދާ ދަނޑުވެރިކަމާއި ހަކަތައިގެ ބާވަތްތަކުގެ ތެރެއިން ޗައިނާއަށް އެ ގައުމުން އެކްސްޕޯޓް ކުރާ މިންވަރު ބޮޑުތަނުން އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. މި ނިންމުމުގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބި އެ ގައުމުގައި ވަޒީފާ އަދާކުރާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް މި ބަޔާނުގައިވެއެވެ.

މި ދެގައުމުން ވެސް ވަނީ އިގްތިސާދީ ކަންކަމުގައި ކުރިޔާލައި މަޝްވަރާތައް ކުރިޔަށް ގެންދާނެ ކަމަށް ބުނެ އެއްބަސްވެފައެވެ. ދެ ގައުމުން ވެސް އިމްޕޯޓް އަދި އެކްސްޕޯޓާއި ގުޅިގެން އަޅަން ނިންމާފައިވާ ހަރުކަށި ފިޔަވަޅުތައް ނައްތާލުމާއި ބެހޭގޮތުން އަދި އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. މި ދެ ގައުމުން ވެސް އެކި ބާވަތްތަކުގެ މުދާ އިމްޕޯޓް ކުރާ މިންވަރު ލިމިޓް ކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވީ ނަމަވެސް މި ފިޔަވަޅުތަކަށް މިއަދާ ހަމަޔަށް އައިއިރު ވެސް އަމަލީ ސިފައެއް ދެ ގައުމުން ވެސް ގެނެސްފައެއް ނުވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޗައިނާގެ މުދާ އެ ގައުމަށް އިމްޕޯޓް ކުރާ މިންވަރު މަދު ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ. މި އިންޒާރާއި ގުޅިގެން ޗައިނާ ސަރުކާރުން ވެސް ވަނީ މިފަދަ ފިޔަވަޅެއް އަޅައިފިނަމަ ރައްދުގައި އެއަށްވުރެ ހަރުކަށި ފިޔަވަޅުތައް އެމެރިކާގެ ކުންފުނިތަކާއި ދެކޮޅަށް އަޅާނެ ކަމަށް ބުނެފައެވެ.

2016 ވަނަ އަހަރު އެކަނިވެސް ޗައިނާއިން އެމެރިކާއަށް 462.2 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓް ކުރިއެވެ. ހަމައެހެންމެ ޗައިނާގެ އެކްސްޕޯޓްކުރާ މުދަލުގެ 18.2 އިންސައްތަ މުދާ އެކްސްޕޯޓް ކުރަނީއެމެރިކާއަށެވެ. ޗައިނާގައި އުފައްދާ އިލެކްޓްރޯނިކް ސާމާނުގެ ތެރެއިން 2016 ވަނަ އަހަރު ވެސް އެމެރިކާއިން ވަނީ 129 ބިލިއަން ޑޮލަރުގެ މުދާ އެގައުމުން ގަނެފައެވެ. ފާއިތުވެދިޔަ 10 އަހަރުތެރޭ އެމެރިކާއަށް އިމްޕޯޓްކުރާ ޗައިނާގެ މުދަލުގެ ނިސްބަތްވަނީ 59.2 އިންސައްތަ އިތުރުވެފައެވެ.

- ކޮމެންޓް