ކ. މާލެ
|
20 މެއި 2018 | އާދީއްތަ 17:58
މެމްބަރު އަހުމަދު ފާރިސް މައުމޫން (އަތް އުފުއްލަވައިގެން) އާއި އިބްރާހީމް ސިޔާދު ގާސިމް (ލޯންޗުން ފައިބަނީ) ކޯޓަށް ހާޒިރު ކުރަނީ (ފައިލް ފޮޓޯ)
މެމްބަރު އަހުމަދު ފާރިސް މައުމޫން (އަތް އުފުއްލަވައިގެން) އާއި އިބްރާހީމް ސިޔާދު ގާސިމް (ލޯންޗުން ފައިބަނީ) ކޯޓަށް ހާޒިރު ކުރަނީ (ފައިލް ފޮޓޯ)
މުހައްމަދު ޝަރުހާން
ސިޔާދު ޤާސިމް
ސިޔާދުގެ ޝަރީއަތް: ސިޔާދު ލާނެ ގަމީހެއް، ކިޔާލާނެ ފޮތެއް އާއިލާއަށް ނުފޮނުވޭ: ވަކީލުން
ސިޔާދު އެކަހެރިކޮށް ބަހައްޓައިގެން ނުވާނެ ކަމަށް ގާޒީ އެންގެވި
ދެން ބޭއްވޭ އަޑުއެހުމެއްގައި ދައުލަތުން ޖަލުގެ ކަންކަން އޮޅުންފިލުވާދޭން ޖެހޭ
ފޮތް ސިޔާދަށް ލިބުމުގެ ކުރިން ޖަލުގެ ލައިބްރަރީއަށް އެފޮތް ހަދިޔާ ކުރަންޖެހޭ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކުރުމަށް މިވަގުތަށް ލުޔެއް ދެވެން ނެތް ކަމަށް ކޯޓުން ނިންމައިފި އެވެ.

ސިޔާދުގެ މި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް އެގޮތަށް ނިންމެވީ ސިޔާދުގެ މައްޗަށް ކުރަނީ އެއްވެސް އަސްލެއްނެތް އަދި ހެކި ވެސް ހޯދިފައިނުވާ ދައުވާއެއް ކަމަށްވިދާޅުވެ، ސިޔާދު ބަންދުން ދޫކޮށްދިނުމަށް، އަދި ބަންދުން ދޫކޮށްދެވެންނެތްނަމަ، އަދަބު ލުއި ކޮށްދެއްވުމަށް ދިފާއީ ވަކީލުން އެދިލެއްވުމާއި ގުޅިގެންނެވެ.

ސިޔާދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ސިޔާދު ބަންދުގައި ހުންނަތާ 100 އަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި ސިޔާދަށް ތުހުމަތު ކުރާ ކުށަކީ ޖިނާއީ ބޮޑު ކުށެއް ނޫން ކަމަށެވެ. އަދި އެ މައްސަލާގައި ސިޔާދު ދޫކޮށްލިޔަސް ހެކި ނައްތާލުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި މުހިންމު ހެކިތައް ހުރީ ދައުލަތުން ސިއްރު ކޮށްފައި ކަން ނޫރު ފާހަގަ ކުރެއްވި އެވެ.

އެކަމަށް ދައުލަތުން ދެކޮޅު ހަދަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ރިޝްވަތުގެ ކުށަކީ ޖިނާއީ ބޮޑު ކުށަކަށް ނުވިޔަސް، ސިޔާދު ރިޝްވަތު ދިނުމުގެ ސަބަބުން ކުރަން އުޅުނު އަމަލަކީ ޖިނާއި ބޮޑެތި ކުށްތަކެއް ކަމަށެވެ. އަދި އެ މައްސަލާގައި ހެކިބަސް އަދި ނަގަން ފަށާފައި ނުވާއިރު، އަދި ސިއްރު ހެކީންގެ ބަޔާންތަކެއް ލީކުވެ، މި މަރުހަލާގައި ސިޔާދު ދޫކޮށްލައިފި ނަމަ ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ވަކީލާ ވިދާޅުވި އެވެ.

ރައްދުގައި ދިފާއީ ވަކީލު ނޫރު ވިދާޅުވީ ސިއްރު ހެކިންނަށް ނުފޫޒު ފޯރުވާ ނަމަ، އެކަން އޮންނާނީ މިހާރު ހިނގާފައިކަމަށާއި ބަޔާންތައް ލީކުވެފައިވާއިރު، އެ ބަޔާންތަކުގައި ސިޔާދުގެ ނަންވެސް ނެތް ކަމަށެވެ. އެހެންކަމުން އެބަޔާންތަކާއި ދައުލަތުން މިހާރު ހުށަހަޅަފައިވާ ހެއްކަކީ ސިޔާދަށް ނުފޫޒު ފޯރުވޭނެ ހެކިތަކެއް ނޫންކަމަށާއި ގިނަ ހެކިތަކަކީ ސީދާ ސިޔާދާ ގުޅުންހުރި ހެކިތަކެއް ވެސް ނޫންކަމަށް ނޫރު ވިދާޅުވި އެވެ.

ނަމަވެސް ގާޒީ ހައިލަމް ނިންމެވީ މިވަގުތު ސިޔާދްގެ ބަންދަށް ލުޔެއް ދެވެން ނެތް ކަމަށެވެ.

ބަންދަށް ލުޔެއް ދެވެން ނެތް ކަމަށް ގާޒީ ނިންމެވުމުން ސިޔާދުގެ ވަކީލުން ވަނީ އޭނާ ބަންދުގައި ހުންނަ ހުރުމުގެ އިންތިޒާމްތަކާ މެދު ވެސް ޝަކުވާ ކުރައްވައިފަ އެވެ. އެގޮތުން ސިޔާދު ބަންދުގައި ބަހައްޓާފައި ހުންނަނީ އެކަހެރިކޮށް ކަމަށާއި ކޯޓަށް ހާޒިރުވާއިރު، ލާނެ ގަމީހެއް ވެސް ގެއިން ގެނެވޭނެ އިންތިޒާމެއް ނެތް ކަމަށާއި ކިޔާލާނެ ފޮތެއް ވެސް ނުފޮނުވޭ ކަމަށްވެސް ވަކީލުން ވިދާޅުވި އެވެ. ނަމަވެސް ދާދިފަހުން އެނގުނު ގޮތުގައި ފޮތްތައް ސިޔާދަށް ލިބޭނެގޮތް ވަނީ ހައްދަވާފަ ކަމަށާއި ނަމަވެސް އެ ފޮތްތައް ސިޔާދަށް ލިބޭނީ ޖަލުގެ ލައިބްރަރީ އަށް އެ ތަކެތި ހަދިޔާ ކުރުމަށް ފަހު ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އާއިލާއަށް އަންގާފައިވާ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ ޖަލުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރަންޖެހޭކަން ޖެހޭނީ ކަރެކްޝަނުން އިތުރަށް ސާފުކޮށްލަން ކަމަށެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުން ނިންމާލައްވަމުން ގާޒީ ހައިލަމް ވިދާޅުވީ ސިޔާދު އެކަހެރިކޮށް ބަންދުގައި ނުބެހެއްޓޭނެ ކަމަށެވެ. އަދި ސިޔާދުގެ ޖަލު ބަންދުގެ އިންތިޒާމުތަކާއި ގުޅޭގޮތުން އޭނާގެ ފަރާތުން ފާހަގަކުރި ކަންކަމުގެ މައުލޫމާތު ސާފު ކުރުމަށް ފަހު ދެން ބޭއްވޭ އަޑުއެހުމުގައި ޖަވާބުދާރީވާންޖެހޭނެ ކަމަށް ގާޒީ ވަނީ ދައުލަތުގެ ވަކީލުންނަށް އަންގަވާފަ އެވެ.

ސިޔާދުގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ދިނުމުގެ މިދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް