ކ. މާލެ
|
20 މެއި 2018 | އާދީއްތަ 19:49
އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން ނޫސްވެރިންގެ ބައްދަލުވުމެއްގައި
އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން ނޫސްވެރިންގެ ބައްދަލުވުމެއްގައި
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުންނަކީ ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވެފައިވާ މީހަކަށް ވާންޖެހޭ: އީސީ
ޕްރައިމަރީ ބޭއްވުމުގެ ކުރިން އީސީއަށް އަންގަންޖެހޭ
ޕްރައިމަރީގެ ނަތީޖާ ޖުލައި 08 ގެ ކުރިން އީސީއަށް އަންގަން ޖެހޭ
ޕްރައިމަރީ ކުރިއަށްގެންދަންޖެހޭނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން

ޕާޓީގެ ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުންނަކީ ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ހަމަވެފައިވާ މީހަކަށް ވާންޖެހޭ ކަމަށާއި މިކަންކަމަށް ސިޔާސީ ޕާޓީތަކުން ސަމާލުވާންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު އެ އިންތިހާބުގައި އެއްވެސް ހައިސިއްޔަތަކުން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަނުކުރެވޭނަމަ އެ މީހެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރާނެ އެވެ. އަދި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޕާޓީ ތަމްސީލު ކުރާނެ ކެންޑިޑޭޓެއް ހޮވުމަށްޓަކާއި ޕާޓީއަކުން ޕްރައިމަރީއެއް ބާއްވާނަމަ ނުވަތަ ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ނިންމާނަމަ އެކަން އެ ކޮމިޝަނަށް އަންގަން ޖެހޭނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

އެގޮތަށް ޕްރައިމަރީއެއް ބާއްވާނަމަ 21 މެއި 2018 އިން ފެށިގެން ޖުލައި 01 އާއި ދެމެދުގެ މުއްދަތެއްގައި ޕްރައިމަރީ ބާއްވަންޖެހެ އެވެ. ޕްރައިމަރީ ބޭއްވުމުގެ 3 މަސް ދުވަސް ކުރިން ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ މައުލޫމާތާއި ޕްރައިމަރީ ބާއްވާ ތާރީހު އެ ކޮމިޝަނަށް އަންގަން ޖެހޭނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. ޕްރައިމަރީ ބޭއްވުމަށްފަހު ޕްރައިމަރީގެ ނަތީޖާ 8 ޖުލައި ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން އެ ކޮމިޝަނަށް ފޮނުވަންޖެހޭނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

ގާނޫނު އަސާސީގެ 170 ވަނަ މާއްދާގެ (ޅ) އަދި އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ޅ) ގައި ސިޔާސީ ޕާޓީތައް ރަޖިސްޓްރީކުރުމާއި ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީ ބާއްވަނީ ސިޔާސީ ޕާޓީގެ ގަނޫނާއި ސިޔާސީ ޕާޓީގެ ގަވައިދާ އަދި އެނޫންވެސް ރާއްޖޭގައި ތަސްދީގުކޮށްފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތަކަށް ކަންކަން ކަށަވަރުކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ޒިންމާއެއް ކަމަށްވާތީ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ޕްރައިމަރީ ބާއްވާއިރު ގިނަ ކަންތައްތަކަށް ސަމާލުވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އަންގާފަ އެވެ. އެގޮތުން ސިޔާސީ ޕާތީތަކުގެ އަސާސީ ގަވާއިދުގައި ނުވަތަ ހިންގާ ގަވާއިދުގައި ޕްރައިމަރީ ބާއްވާނެގޮތް ބަޔާންކޮށްފައިވާނަމަ އެގޮތުގެ މަތިން ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމާއި ސިޔާސީ ޕާޓީގެ އަސާސީ ގަވާއިދުގައި ނުވަތަ ހިންގާ ގަވާއިދުގައި ޕްރައިމަރީ ބާއްވާނެގޮތް ބަޔާންކޮށްފައިނުވާ ނަމަ މީގެ ކުރިން ޕްރައިމަރީ ބޭއްވުމުގައި އަމަލުކުރާ ގޮތަށް އަމަލު ކުރުމަށް އެދިފައިވެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވާއިދު ނުވަތަ އެނޫންވެސް ގާނޫނަކާއި ނުވަތަ ގަވާއިދަކާ ހިލާފަށް އެއްވެސް އަމަލެއް ނުހިންގުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފަ އެވެ. ސިޔާސީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ކުރުމަތިލުމުގެ ފުރުސަތު ޕާޓީގެ ހުރިހާ މެންބަރުންނަށްވެސް ފަހިކޮށްދިނުމަށް އެ ކޮމިޝަނުން ވަނީ އެދިފަ އެވެ. ދެފުއްފެންނަ ގޮތަށް ސިޔާސީ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުން މުހިއްމު ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. ސިޔާސީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވާ ކެންޑިޑޭޓުންނަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުކުރާ މީހެއްގައި ހުންނަންވީ ޝަރުތުތައް ފުރިހަމަވާ މީހެއް ކަމުގައި ކަށަވަރު ކުރަންޖެހޭ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިގޮތަށް އަންގާފައިވާ އިރު އިދިކޮޅު އެމްޑީޕީން ވަނީ ޕްރައިމަރީ ބޭއްވުމަށް ދުވަހެއް ކަނޑައަޅާފަ އެވެ. އެގޮތުން މެއި 30 ވަނަ ދުވަހު އެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ޕްރައިމަރީގައި ވާދަ ކުރަނީ އެންމެ ކެނޑިޑޭޓެކެވެ. އެއީ ކުރީގެ ރައީސް އަދި އެ ޕާޓީގެ ލީޑަރު މުހައްމަދު ނަޝީދެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް