ކ. މާލެ
|
20 މެއި 2018 | އާދީއްތަ 17:08
ސިޔާދު ގާސިމް ކޯޓަށް ހާޒިރު ކުރަނީ (ފައިލް ފޮޓޯ)
ސިޔާދު ގާސިމް ކޯޓަށް ހާޒިރު ކުރަނީ (ފައިލް ފޮޓޯ)
މުހައްމަދު ޝަރުހާން
ސިޔާދު ޤާސިމް
ސިޔާދުގެ ޝަރީއަތް: މިހާތަނަށް ލިބިފައި ނެތް ހެއްކެއް، ސިއްރުކުރަން ދައުލަތުން އެދެފި!
ނެތް ހެއްކެއް ސިއްރުކުރަން އެދުމުން އެއީ ސީދާ އޮޅުވާލަން ކޮށްފައިވާ ކަމެއް ކަމަށް ދިފާއީ ވަކީލު ވިދާޅުވި
ވިލާއިން ފައިސާ ދެއްކި ކަމަށްބުނާއިރު އެއްވެސް ހެއްކެއް ދައުލަތަށް މިހާތަނަށް ލިބިފައެއް ނުވޭ
މާދަމާ 12:00ގެ ކުރިން އެ ލިޔެކިޔުންތައް ދައުލަތުން ކޯޓަށް ހުށަހެޅުމަށް ގާޒީ އެންގެވި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ ސާބިތު ކުރުމަށް ހުށަހަޅަންޖެހޭ އެންމެ މުހިއްމު ހެކި މިހާތަނަށް ދައުލަތަށް ހޯދިފައިނުވާކަން ފަޅާއަރައިފި އެވެ.

އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ދައުވާ އިއްވުމުން ސިޔާދު ވިދާޅުވީ އެ ދައުވާއަކީ އެއްވެސް އަސްލެއްނެތް ދައުވާއެއް ކަމަށާއި އެދައުވާއަށް އިންކާރު ކުރާ ކަމަށެވެ. 

ދައުލަތުން ސިޔާދުގެ މައްޗަށް އުފުލި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ކުރީގެ ޖުޑިޝަލް އެޑްމިނިސްޓެރޭޓަރ ހަސަން ސައީދު، މައްޗަށް ކުރެވުނު ތުހުމަތުތަކަކާ ގުޅިގެން ހ.ނިޝާންޕްލާޒާ ގޭގައި ހަސަން ސައީދު އުޅޭ އެޕާޓްމަންޓް ބަލާ ފާސްކުރިއިރު އެ އެޕާޓްމަންޓްގެ ކޮޓަރިއެއްގެ ތެރޭގައި އޮތް ކަޅުކުލައިގެ ބެކްޕެކެއްގެ ތެރެއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވިލާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން ސިޔާދު ސޮއި ކުރައްވާފައިވާ ސިޓީއެއް ފެނިފައިވާ ކަމަށެވެ. އަދި މުދާ ގަތުމަށް އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ދަރިކަލުން ސ.ހުޅުދޫ، ކާމިނީގެ އަހްމަދު މިސްފިރުއާއެކު ތިން މީހަކަށް 2.4 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާކަން އެ ސިޓީއިން އެނގޭ ކަމަށެވެ. އަދި އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ދަރިކަލުންގެ ނަމުގައި މެލޭޝިޔާގެ "ސައިބަރޖަޔާ"އިން ލޭކް ފްރޮންޓް ވިލާތަކެއް ރިޒާވް ކޮށްފައިވާ ކަމަށާއި އެތަންތަނަށް ދައްކަން ޖެހޭ ފައިސާތަކުގެ ތެރެއިން ބައެއް ވިލާ ކުންފުނިން ދައްކާފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

އަދި އެހެންމެ އެ ދައުވާ ސިޔާދުގެ މައްޗަށް ކޮށްފައިވަނީ އަލީ ހަމީދާއި އަބްދުﷲ ސައީދު ހިމެނޭ ގޮތަށް ސޮއިކޮށް އެކެއް ފެބްރުއަރީ 2018 ގައި ނެރުނު ކޯޓު އަމުރެއްގައި ވިލާ ކުންފުނީގެ ޗެއާމަން އަދި ސިޔާދުގެ ބައްޕަ ވަގުތުން ވަގުތަށް މިނިވަން ކުރުމަށް އަމުރުކޮށްފައި ވާތީ ހަސަން ސައީދުގެ ހިޔާޒަތުގެ ދަށުން ފެނުން ސިޔާދު ސޮއި ކުރައްވާފައިވާ ސިޓީގައިވާ ފައިސާއަކީ އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގެ މުޤާބިލްގައި ދީފައިވާ އެއްޗެއް ކަމަށް ބެލެވޭތީ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވަނީ ވިދާޅުވެފަ އެވެ.  

އެދައުވާއަށް ސިޔާދު އިންކާރު ކުރެއްވުމުން ދައުލަތުން ވަނީ ސިޔާދުގެ މައްޗަށް ކުށް ސާބިތު ކުރުމަށް 33 ހެއްކެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއް ޑޮކިއުމެންޓްތަކާއި ހެކީންގެ ގޮތުގައި ގިނަ ފުލުހުންތަކެއް ހުށަހަޅާފައިވެއެވެ. ބައެއް ޑޮކިއުމެންޓްތައް ސިއްރުކޮށްފައިވާއިރު، އެންމެ ބޮޑަށް ސުވާލު އުފެދުނީ ހުށަހަޅާފައިވާ ޑޮކިއުމަންޓްތަކުގެ ތެރެއިން 16 އާއި 17 ވަނަަ ޑޮކިއުމަންޓްތަކުގަ އެވެ.

އެ ދެ ޑޮކިއުމަންޓަކީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ގެ ހިއްސާދާރުންގެ މައުލޫމާތު ހިމެނޭ ޑޮކިއުމެންޓަކާއި، މެލޭޝިޔާގެ "ސައިބަރޖަޔާ"އިން ލޭކް ފްރޮންޓް ވިލާތަކެއް ރިޒާވް ކޮށްފައިވާ ކަމަށާއި އެތަންތަނަށް ދައްކަން ޖެހޭ ފައިސާތަކުގެ ތެރެއިން ބައެއް، ވިލާ ކުންފުނިން ދައްކާފައިވާ ކަމަށް ބުނާ ހެކިތަކުގެ ޑޮކިއުމެންޓްތަކެކެވެ. 

ސިއްރުކޮށްފައިވާ 16 އާއި 17 ވަނަ ޑޮކިއުމެންޓްގައި ވަނީ ކިތައް ސޮފްހާތޯ ސިޔާދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ނޫރުއްސަލާމް އަބޫބަކުރު ދައުލަތުގެ ވަކީލުންނާ ސުވާލު ކުރެއްވުމާއެކު ދައުލަތުގެ ވަކީލުންނަށް ޖަވާބު ދެއްވުމަށް ދަތިވެގެން ދިޔަކަން ފާހަގަ ކުރެވުނެވެ. އެގޮތުން 16 ވަނަ ޑޮކިއުމެންޓްގައި ވަނީ ދެ ސޮފްހާކަމަށާއި ނަމަވެސް 17 ވަނަ ޑޮކިއުމެންޓްގައިވާ ސޮފްހާގެ އަދަދެއް ދައުލަތުގެ ވަކީލުންނަށް ވިދާޅު ނުވެވުމުން ނުރުއްސަލާމް ވަނީ ދައުލަތާ އިތުރަށް ސުވާލުތައް ކުރިމަތި ކުރުވާފަ އެވެ.

އެގޮތުން ދައުލަތުގެ ވަކީލުންނަށް ޖަވާބު ދެއްވުމަށް ދަތިވެ، އެންމެފަހުން ވިދާޅުވީ އެ ހެކި އަދި ދައުލަތަށް ލިބިފައިނުވާކަމަށާއި ނަމަވެސް އެ ހެކި ހޯދިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. 

ވަގުތުން ދިފާއީ ވަކީލުން ވިދާޅުވީ ސިޔާދުގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެއް ކަމަށާއި ސިޔާދު ކުރި އަމަލަކީ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ދަރިކަލުންގެ ނަމުގައި މެލޭޝިޔާގެ "ސައިބަރޖަޔާ"އިން ލޭކް ފްރޮންޓް ރިޒާވް ކޮށްފައިވާ ވިލާތަކަށް ދައްކަން ޖެހޭ ފައިސާތަކުގެ ތެރެއިން ބައެއް ވިލާ ކުންފުނިން ދައްކާފައިވާ ކަމަށް ބުނާ އަމަލު ކަމަށެވެ. 

އެހެންނަމަވެސް އެތުހުމަތާއި ގުޅިގެން 100 އަށްވުރެ ގިނަ ދުވަހު ސިޔާދު ޖަލުގައި ހައްޔަރުކޮށްގެން ގެންގުޅެ، ފުލުހުން ތަހުގީގު ހިންގައި، ޕްރޮސެކިއުޓަރ ޖެނަރަލް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލިއިރުވެސް، މައްސަލައިގެ އަސްލު ހެކި ދައުލަތަށް ހޯދިފައިނުވާ ކަމަށެވެ. އަދި ހޯދިފައިނުވާ ހެއްކެއްގެ މައްޗަށް ބިނާކޮށް ދައުވާ ކުރުމަކީ އަދި ޝަރީއަތް ހިންގުމަކީ ޖިނާއީ އިޖުރާތުގެ ގާނޫނާ ހިލާފުކަމެއް ކަމަށާއި މިދައުވާއަކީ މަދަނީ މިންގަނޑުންވެސް ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫން ކަމަށް ވިދާޅުވެ، ތަކުރާރުކޮށް ދިފާއީ ވަކީލުން އެދިލައްވަމުން ގެންދެވި އެވެ. 

މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމްވެސް ދައުލަތުގެ ވަކީލުންނާ ސުވާލު ކުރިމަތި ކުރުވަމުން ގެންދެވި އެވެ. އަދި މެލޭޝިއާއިން ރިޒާވްކޮށްފައިވާ ވިލާތަކަށް ދަައްކަންޖެހޭ ފައިސާގެ ތެރެއިން ބައެއް ދައްކާފައިވާކަމަށް ބުނާއިރު، މެލޭޝިއާގެ އިތުރުން ރާއްޖެއިން ވެސް އެއްވެސް ހެއްކެއް ދައުލަތަށް މިހާތަނަށް ލިބިފައި ނުވޭތޯ ގާޒީ ސުވާލު ކުރެއްވުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މިހާތަނަށް ދައުލަތަށް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް އެލިޔެކިޔުންތައް އެބަހުރިކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ވަކީލާ ވިދާޅުވި އެވެ. 

ގާޒީ ހައިލަމް ވިދާޅުވީ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ދައުލަތުން ޑޮކިއުމެންޓް 17 ގައި ހިމަނަން ބޭނުންވާ ޑޮކިއުމެންޓްތައް ކްރިމިނަލް ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި މިދައުވާއާއިގެން ކުރިއަށް ދިއުމާމެދު ގޮތެއް ނިންމޭނީ އެ ޑޮކިއުމަންޓްތައް ހުށަހެޅުމުން ކަމަށްވެސް ގާޒީ ވިދާޅުވި އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް