މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤް އާއި ގުޅުން ހުރި ތަންތަން އެޤައުމުގެ ފުލުހުން ބަލާ ފާސްކުރަމުންދާ ގޮތުން އެމަނިކުފާނު ހުންނެވީ ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައެއްނުގެން ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ މީޑިއާއާއިވާހަކަ ދައްކަވަމުން ނަޖީބުގެ ޤާނޫނީ ވަކީލު ހަރްޕަލް ސިންހް ގްރެވާލް ވިދާޅުވީ ފުލުހުން ވަދެ ބަލާ ފާސްކުރުމަށްފަހު އާއިލާގެ ކުޑަކުދިންގެ ހެދުންތަކާއި ފައިވާންތައްވެސް ގެންގޮސްފައިވާކަމަށާއި، ފުލުހުން ތަކެތި ގެންދާއިރު، އެއީ މައްސަލައާއި ގުޅުން ހުރި ތަކެތިތޯވެސް ބަލާނުލާކަމަށެވެ.
މެލޭޝިއާގެ ފުލުހުންނާއި އެޤައުމުގެ އެންޓިކޮރަޕްޝަން ކޮމިޝަނުން ބަލަމުންދަނީ 2015 ވަނަ އަހަރު ނަޖީބުގެ ބޮޑުވަޒީރުކަމުގައި އުފެއްދެވި 1އެމްޑީބީ ކިޔާ ސަރުކާރު ފަންޑަކުން، ނަޖީބުގެ އަމިއްލަފުޅު އެކައުންޓަކަށް 700 މިލިއަނެއްހާ އެމެރިކާ ޑޮލަރު ވަތްކަމަށް ބުނާ މައްސަލައެކެވެ. މިތުހުމަތުތަކަށް ނަޖީބު އިންކާރުކުރައްވާއިރު، އެމަނިކުފާނުގެ ވެރިކަމުގައި މެލޭޝިއާގެ ކަމާއި ބެހޭ އިދާރާތަކުން އެމައްސަލަ ބަލައި، ނަޖީބުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުން އެމަނިކުފާނު ބަރީއަވާކަމަށް ވަނީ ނިންމާފައެވެ. އެހެން ނަމަވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ މައްސަލަ އޮއްބާލީ ނުފޫޒު ފޯރުވައިގެންކަމަށެވެ.
1އެމްޑީބީ އާއި ކޮރަޕްޝަންގެ އެހެން މައްސަލަތައް އަލުން ބަލަން މިފެށީ މިމަހުގެ 9 ވަނަ ދުވަހު އޮތް މެލޭޝިއާގެ އާއްމު އިންތިޚާބުގައި ނަޖީބު ރައްޒާޤަށް ނާކާމިޔާބީއާއި ކުރިމަތިވެ، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރައްވާނެކަމުގެ ވައުދާއިއެކު ވަޑައިގަތް މަހާތީރު މުހައްމަދުގެ ކޯލިޝަނުން ވެރިކަން ކާމިޔާބުކުރުމާއިއެކުގައެވެ.
ނަޖީބު ރައްޒާޤާއި އެމަނިކުފާނުގެ އަނބުކަނބަލުން މެލޭޝިއާއިން ފުރުން މިހާރު މަނާކޮށްފައިވާއިރު، ފުލުހުން ވަނީ ނަޖީބުގެ އަމިއްލަ ގެކޮޅުންނާއި އެމަނިކުފާނާއި ގުޅުން ހުރި ތަންތަނުން އެތައް ސަތޭކަ ފޮށިގަނޑުތަކެއް ފުރެންދެން ތަކެތި ގެންގޮސްފައެވެ. ފުލުހުން ހޯދި ތަކެތީގެ ތެރޭގައި އަގު ބޮޑު އަތް ދަބަހާއި، ގިނަ އަދަދެއްގެ ބޭރު ފައިސާވެސް ހިމެނެއެވެ.
ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުޤީގުތައް އަލުން ފަށައި، ނަޖީބުގެ ގެކޮޅަށް ފުލުހުން ރެއިޑްކޮށްފައިވާއިރު، އަންގާރަ ދުވަހު މެލޭޝިއާގެ އެންޓިކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވުމަށް ނަޖީބަށް ވަނީ ޗިޓް ފޮނުވާފައެވެ.