މުޒާހަރާގެ ބައިވެރިންނަށް މާކްސްތަކެއް ބެހި މައްސަލާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފުގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް އާދީއްތަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.
އާދިއްތަ ދުވަހުގެ މެންދުރުފަހު 1:00ގައި ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވާ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެކެވެ. މިއީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބާއްވާ ދެ ވަނަ ފަހަރެވެ.
މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި އެ އަޑު އެހުމުގައި މަހްލޫފް ވިދާޅުވީ ހާލަތާ ނުބައްދަލު ބާރުގެ ފުލުހުން ބޭނުންކޮށް ގިނަ އަދަދަކަށް ޕެޕަރ ސުޕްރޭ ޖަހާކަން އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށާއި އެކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން އެއްވުންތަކާއި ގުޅިގެން ދާދި ފަހުން ނެރުނު ރިޕޯޓްގައި ވެސް ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން ދެން ވެސް މާސްކު ބަހާނެ ކަމަށް މަހްލޫފް ވިދާޅުވެފައިވެ އެވެ.
މުޒާހަރާގެ ބައިވެރިންތަކަކަށް މަހުލޫފު މާކްސް ބަހާފައި ވަނީ މިދިއަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭއެވެ. މަހުލޫފުގެ މައްޗަށް އުފުލި ދައުވާގައި ބުނެފައި ވަނީ ފެބްރުއަރީ 22 ވަނަ ދުވަހުގެ ރޭ 22:40 ހާއިރު، މަހްލޫފް ހައްޔަރުކޮށްފައި ވަނީ ޓްރެފިކަށް އުނދަގޫ ވާގޮތަށް މަގުމަތީގައި އެއްވެ، މާސްކު ބަހަމުން ދަނިކޮށް، އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އެންގުމުން އެތަނުން ނުދިއުމުން ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވެފައި ވެއެވެ.
ރައްދުގައި މަހްލޫފް ވިދާޅުވެފައި ވަނީ އޭނާ ޓްރެފިކަށް އުނދަގޫވާ ގޮތަށް އެ ސަރަހައްދުގައި މުޒާހަރާކޮށްފައި ނުވާނެ ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ ވެސް އެމްޑީޕީގެ ހަރުގެ ތެރޭގައި ހުއްޓާ ކަމަށެވެ. އަދި އެ ސަރަހައްދަށް ދިޔައީ ކާރުގައި ކަމަށާއި 10 ވަރަކަށް ފޫޓު ދުރުގައި ކާރު މަޑުކޮށްފައި މަގުމަތީ މަޑުނުކޮށް، ވަނީ އެމްޑީޕީގެ ހަރުގެއަށް ކަމަށާއި މާސްކު ބެހީ ވެސް ހަރުގޭގައި ހުރެގެން ކަމަށް މަހްލޫފް ވިދާޅުވެފައިވެއެވެ. އަދި ފުލުހުން އޭނާ ހައްޔަރު ކޮށްފައި ވަނީ ވެސް އޭނާ އެތަނަށް ދިޔަތާ މާގިނަ އިރުތަކެއް ނުވަނީސް ކަމަށް ވެސް މަހްލޫފް ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން މަހްލޫފް ވިދާޅުވީ އޭނާ ހައްޔަރު ކުރުމުގެ ކުރިން އެތަނަށް ދިޔަ މަގުމަތީގައި އޭނާ ހައްޔަރު ކުރަން އުޅޭ ކަމުގެ މައުލޫމާތު ވެސް ލިބުނު ކަމަށާއި މިއީ ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކު ހިންގާ ހަރަކާތްތަކާއި ސިޔާސީ އެއްވުންތަކުގައި އިސް ދައުރެއް އަދާކުރަމުންދާތީ ބަޔަކު ރާވައިގެން ހިންގާ ކަމެއް ކަމަށް މަހުލޫފު ވިދާޅުވެފައިވެއެވެ.