ކ. މާލެ
|
20 މެއި 2018 | އާދީއްތަ 08:57
ޒަޚަމް ވެފައިވާ ފަލަސްޠީނުގެ ރައްޔިތެއް
ޒަޚަމް ވެފައިވާ ފަލަސްޠީނުގެ ރައްޔިތެއް
ރޮއިޓަރސް
ޣައްޒާގެ ހިސޯރު
ޒަޚަމްވެފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް ތުރުކީން އެހީވުމަށް އިސްރާއީލުން ހުރަސް އަޅަނީ
ރަފާ ބޯޑަރު ހުޅުވާލައި، މިޞްރުން މިހާރު ދަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދެމުން

ޣައްޒާގައި ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލު ސިފައިން ދެމުންދާ ހަމަލާތަކާ ގުޅިގެން އަނިޔާވެ، ޒަޚަމްވެފައިވާ ފަރާތްތައް ތުރުކީއަށް ގެންގޮސްގެން ފަރުވާ ދިނުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތަށް އިސްރާއީލުން ހުރަސްއަޅަމުންދާ ކަމަށް ތުރުކީއިން ބުނެފި އެވެ.

ތުރުކީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ރަޖަބް އާކްދާގް ވިދާޅުވީ، އިސްރާއީލުން ހާލުގައި ޖައްސާފައިވާ އަޚުންނަށް އެހީވުމަށް އިސްރާއީލުން ތުރުކީއަށް ހުރަސްއަޅަމުންދާ ކަމަށެވެ.

ތުރުކީއިން މިހެން ބުނެފައި މިވަނީ ޣައްޒާގައި ޒަޚަމްވެފައި ތިބި މީހުން ވައިގެމަގުން ތުރުކީއަށް ގެންދިއުމަށް، ތެލް އަވީވްގެ ބެން ގުރިއޮން އެއާޕޯޓަށް ތުރުކީގެ މަތިންދާ ބޯޓެއް ޖެއްސުމުގެ ހުއްދައަކަށް ތުރުކީއިން އެދުމުން އިސްރާއީލުން އެކަމާ ދެކޮޅު ހެދުމުންނެވެ.

އިސްރާއީލުން ބުނެފައި ވަނީ ޒަޚަމްވެފައިވާ މީހުންނަށް އިސްރާއީލުގައި ފަރުވާ ދެވިދާނެ ކަމަށާއި، ނުވަތަ ޣައްޒާއަށް ސިއްޙީ ފަރުވާ ދިނުމަށް ބޭނުންވާ ސާމާނު ވެސް ފޮނުވިދާނާނެ ކަމަށެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި ތުރުކީގެ މަތިންދާ ބޯޓެއް ތެލް އަވީވުގައި ޖެއްސުމުގެ ހުއްދަ ނުދެވޭނެ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

އިސްރާއީލާއި ތުރުކީ އާއި ދެމެދު ނުތަނަވަސްވުން އުފެދިފައިވާއިރު، މި ނުތަނަވަސްކަން އިތުރުވެގެން ދިޔައީ ތުރުކީގައި ހުންނަ އިސްރާއީލުގެ ސަފީރު އަނބުރާ ޤައުމަށް ފޮނުވާލައި، އިސްރާއީލުގައި ހުންނެވި ތުރުކީގެ ސަފީރު އަނބުރާ ޤައުމަށް ގެންދިއުމުންނެވެ. ތުރުކީއިން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ ވޭތުވެ ދިޔަ ހަފްތާތަކުގައި ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާއާއި ގުޅިގެން 60 އަށްވުރެ ގިނަ މީހުންގެ ގަޔަށް ބަޑިޖަހައި އިސްރާއީލުން އެމީހުން މަރާފައިވާތީއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ތުރުކީއަށް އިސްރާއީލުން ހުރަސް އަޅާފައިވާއިރު، މިޞްރުން މިހާރު ދަނީ ޒަޚަމްވެފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދެމުންނެވެ. އެގޮތުން 6 ދުވަހުގެ މުއްދަތަކަށް ރަފާ ބޯޑަރު ހުޅުވާލައި،ފަލަސްތީނުގެ ރައްޔިތުންނަށް މިޞްރުގެ ހޮސްޕިޓަލްތަކުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް