ކ. މާލެ
|
20 މެއި 2018 | އާދީއްތަ 07:16
އަސްލަމް ތިނަދޫ ޖަލްސާގައި ވާހަކަ ދައްކަވަނީ
އަސްލަމް ތިނަދޫ ޖަލްސާގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ރައީސް ނަޝީދު 2018
ރައީސް ނަޝީދަށް ކުރިމަތި ނުލެވޭނަމަ އިދިކޮޅު އެއްވެސް ކެނޑިޑޭޓަކަށް ޔާމީން ފުރުސަތު ދޭނެ ކަމަށް ބަލައިގެން ނުވާނެ: އަސްލަމް
ރައްޔިތުން ވަނީ ވަރަށްބޮޑު ކަމަކަށް ބޭނުންވެފައި. އެކަންކުރެވޭނީ ބޮޑު އަދަދަކަށް ރައީސް ނަޝީދަށް ވޯޓު ލިބިގެން
ރައީސް ޔާމިން އަކީ އިންސާނިއްޔަތު ކަމެއް ހުރި ވެރިއެއް ނޫން
ރައީސް ނަޝީދަށް ކުރިމަތިވެސް ލެވޭނެ. އިންތިޚާބު ކާމިޔާބުވެސް ކުރައްވާނެ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ކުރިމަތިލުމުގެ ފުރުސަތު ނުދީފިނަމަ އިދިކޮޅުން އެއްވެސް ކެނޑިޑޭޓަކަށް ރައީސް ޔާމީން ފުރުސަތު ދެއްވާނެކަމަށް ބަލައިގެން ނުވާނެކަމަށް ރައީސް ނަޝީދު ސަރުކާރުގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

"ޖަޒީރާ ރައީސް" ކެމްޕެއިންގެ ތެރެއިން ހޮނިހިރު ދުވަހުގެރޭ ގދ ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އެމްޑީޕީގެ މެންބަރުން ތިބީ ވަރަށް ބޮޑު އުއްމީދެއްގައި ކަމަށާއި އެންމެންވެސް ކުރާ ސުވާލަކީ ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ކުރިމަތިލެވޭނެތޯ ކުރާ ސުވާލު ކަމަށެވެ. އެމްޑީޕީގެ މެންބަރުން ތިބީ އެއް އުއްމީދުގައި ކަމަށާއި އުއްމީދަކާއެކުގައި މަސައްކަތް ކުރުމުން އަބަދުވެސް މުއުމިނުންނަށް އެކަން ﷲ މިންވަރުކޮށްދެއްވާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ ރައީސް ނަޝީދު އިންތިޚާބަށް ކުރިމަތިލެއްވުމަށް ޤާނޫނީ ހުރަހެއް ނެތްކަމަށާއި ސުޕްރީމް ކޯޓުންނާއި އދ އިންވެސް ރައީސް ނަޝީދަށް ކުރިމަތިލެއްވޭނޭކަމަށް ކަނޑައަޅައިފި ކަމަށެވެ.

''ރައީސް ޔާމީންގެ އެންމެބޮޑު ބޭނުމަކީ އަޅުގަނޑުމެންގެ އުއްމީދު ގެއްލުވާލުން. އަޅުގަނޑުމެން ބޭނުންވާ މީހަކަށް ކުރިމަތި ނުލެވޭނެކަމަށް އަޅުގަނޑުމެން ޤަބޫލު ކުރުވުން. މީގެ ކުރިން މިއަށްވުރެ މާބޮޑު ކަންތައްތަކެއް ދިމާވެފައި ވަނިކޮށް ކާމިޔާބުކޮށްފިންއަޅުގަނޑުމެން ރައްޔިތުންނާ ބައްދަލުކުރަމުން މިދަނީ އެއުއްމީދު އޮތީމާ" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީން ކަންކުރާ އުސޫލެއް އޮންނަ ކަމަށާއި ރައީސަކަށް ލާނެ މީހަކު އަޅުގަނޑުމެން ވޯޓަކުން ނިންމަން ޖެހޭ ކަމަށެވެ. އެގޮތުން އެކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ ރައީސް ނަޝީދު އެކަނި ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވޯޓުލާނީ ޕާޓީގެ ދަފްތަރުގައި ތިބި 56000 މީހުން ކަމަށާއި، އެ އެންމެން ވޯޓުލުމަށް އެދިލައްވާ ކަމަށެވެ. މަދު ބަޔަކު ވޯޓު ދިނަސް އިންތިޚާބު ކާމިޔާބު ވެދާނެކަމަށާއި އެކަމަކު މަދުބަޔަކުލައިފިއްޔާ މިކަން ނުވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަޅުގަނޑުމެން އެންމެން ނުކުމެ ވޯޓުލުމުން އެބުނެވެނީ އަޅުގަނޑުމެން ބޭނުންވަނީ ވަކި މީހެއް ކަމަށް ކަމަށާއި އިންތިޚާބުގައި ފޯރިޔާއެކު ރައީސް ނަޝީދަށް ވޯޓް އަޅަންޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ. 

"އަޅުގަނޑަށް އެނގޭ ދިވެހިންތިބީ ވަރަށްބޮޑަށް ކަމަކަށް ބޭނުންވެގެން. އެންމެނަށްވެސް އެނގޭ ރާއްޖޭގެ މިއަދުގެ ހާލަތު. އެކަން ބަދަލު ކުރެވޭނީ އަޅުގަނޑުމެން ބޭނުންވާ މީހާ ހޮވައިގެން. އެކަން ކުރެވޭނީވޯޓު އަޅައިގެން. ބޭނުންވާ މީހާ ނުލެވުނީމާ އަޅުގަނޑުމެން ބޭނުންވާ އެކަކަކުވެސްލިޔަކަ ރައީސް ޔާމީނެއް ނުދެއްވާނެ" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ 2013 ގައި ކޮންމެވެސް ގޮތަކަށް ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރެއްވުމުން އެމްޑީޕީން އެކަން ބަލައިގަތް ކަމަށާއި މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތެއް ރައީސް ޔާމީން ހޯއްދެވި ކަމަށެވެ. އެކަމަކު ކޯލިޝަން ރޫޅި، މަޖިލިސް ގެއްލި، ބަޔާންތައް ލީކުވެ، އެއްބަފާ ބޭބެ ގެއްލުނީ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުގައި ރައީސް ނަޝީދަށް ކުރިމަތިވެސް ލެއްވޭނެ ކަމަށާއި އެމަނިކުފާނު އިންތިޚާބު ކާމިޔާބުވެސް ކުރައްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް