ކުރިއަށް އޮތް ރިޔާސީ އިންތިހާބްގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރ މުހައްމަދު ނަޝީދުގެ ކެނޑިޑެންސީ ކަށަވަރު ކުރުމުގެ ބާރު އޮތީ ދިވެހި ރައްޔިތުންގެ އަތް މަތީގައި ކަމަށް މަރަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ގދ ތިނަދޫގައި ބޭއްވި ޖަޒީރާ ރައީސްގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ރައީސް ނަޝީދު ކެޑިޑެންސީ ކަށަވަރު ކުރުމަށް އެމްޑީޕީގެ ޕަރައިމަރީގައި އެޕާޓީގެ ވީހާވެސް ގިނަ މެމްބަރުން އެމަނިކުފާނާނަން ތާއީދުކުރައްވާ ވޯޓް ލެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް އެމްޑީޕީގެ ދަފްތަރުގައި ތިބި އެޕާޓީގެ އާންމު މެމްބަރުންނަން ވޯޓް ލެވޭނެކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ ރައީސް ނަޝީދު ޕްރައިމަރީ ކާމިޔާބް ކުރައްވަނީ ފަންސާސް ހާސް ވޯޓާއެކުގައި ކަމަށެވެ.
ޖަޒީރާ ރައީސްގެ ނަމުގައި ކުރިއަށް ދާ ރައީސް ނަޝީދުގެ ކެމްޕެއިން ހަރަކާތްތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށުމާއި އެކު ރައްޔިތުން ވަރަށް ޖޯޝާ ފޯރީގައި ސިޔާސީ ކަންކަމަށް ނުކުމެއްޖެ ކަމަށާއި، އެއީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަން ނޫނަކޭ ބުނުނަން ރައްޔިތުން ބޭނުންވެފައިވާ ކަމުގެ ފެހި ސިގްނަލެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޕްރައިމަރީގެ ނަތީޖާއަކަށް ވާނީ، ރައީސް ނަޝީދު އިންތިހާބްގައި ވާދަކުރައްވަން ފުރުސަތު ދިނުމަށް ރައީސް ޔާމީންން މަޖުބޫރުވެ ވަޑައިގަތުން ކަމަށް ޝަރީފް ވިދާޅުވިއެވެ. އެކަން އެގޮތަށް ވާނީ ބައިނަލްއަގްވާނީ މުޖުތަމައުގެ އެހީތެރިކަމާއި އެކުގައި ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.