ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީއަށް ސްޓްރޯކެއް ޖެހި ލަންކާ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އެމަނިކުފާނު މިހާރު އޮންނެވީ ކޯމާއެއްގައި ކަމަށް އާއިލާއިން ބުނެފިއެވެ.
ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ޑރ.މަޖީދަށް ފަރުވާދޭން ފެށީ ކުއްލި ގޮތަކަށް ޖެހުނު ސްޓްރޯކަށްފަހު ހުކުރު ދުވަހުން ފެށިގެންނެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި އައިސީޔޫގައި ބޭއްވުމަށްފަހު މިހާތަނަށް ވަނީ ތިން ސާޖަރީއެއް ހަދާފައެވެ. އަދި އިންޑިއުޒްޑް ކޯމާގައި ބާއްވައިގެން ފަރުވާ ދެމުންދާއިރު ކާން ދިނުމަށް މިހާރު ޑޮކްޓަރުން ހުއްދަ ދީފައިވާ ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތުދިން އާއިލާގެ މެންބަރު ވަނީ ބުނެފައެވެ.
އިންޑިއުޒްޑް ކޯމާގައި ޑރ. މަޖީދު ބާއްވާފައި ވަނީ ސިކުނޑިއާ ގުޅިފައިވާ ނާރެއް ފެޅި ސިކުނޑިއަށް ލޭ އެޅިފައިވާތީ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ޑރ. މަޖީދުގެ ހާލުކޮޅު ގޯސްވީ ލަންކާގައި ހުންނަވަނިކޮށް ހުކުރު ދުވަހުގެ ހެނދުނު ކުއްލި ގޮތަކަށެވެ. އަދި ހޮސްޕިޓަލަށް ގެންދެވުނީ ކޮޓަރީގައި ވެއްޓިފައި އޮއްވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. ޑރ. މަޖީދުގެ ސިއްހީ ހާލުކޮޅު ސީރިއަސްވުމާއެކު އާއިލާގެ ބައެއް ބޭފުޅުންވެސް ވަނީ ރޭގެ ވަގުތެއްގައި ލަންކާއަށް ވަޑައިގެން ފައެވެ.