ކ. މާލެ
|
19 މެއި 2018 | ހޮނިހިރު 20:26
މެލޭޝިއާގެ ޓްރާންސްޕޯޓް މިިނިސްޓަރކަމާއި ހަވާލުވެވަޑައިގަންނަވާ އެންތަނީ ލޯކް
މެލޭޝިއާގެ ޓްރާންސްޕޯޓް މިިނިސްޓަރކަމާއި ހަވާލުވެވަޑައިގަންނަވާ އެންތަނީ ލޯކް
ދަ ސްޓާރ
މެލޭޝިއާގެ އައު ސަރުކާރު
އެންމެ ބޮޑު އިސްކަމެއްދޭނީ އެމްއެޗް 370 އަށް ވީގޮތެއް ހޯދަން: މެލޭޝިއާގެ އައު ޓްރާންސްޕޯޓް މިނިސްޓަރ
އެމްއެޗް 370 ގެއްލުނީ 2014 ވަނަ އަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހު
ބޯޓުން ދަތުކުރީ 239 މީހުން
މިދިޔަ އަހަރު މަތިންދާބޯޓު ހޯދުމުގެ ރަސްމީ މަސައްކަތްތައް ހުއްޓާލުމަށްފަހު، މިއަހަރު އަނެއްކާވެސް މަސައްކަތް ފެށި

އެންމެ އިސްކަމެއް ދެއްވާނެ 2 ކަމަކީ ގެއްލިފައިވާ މެލޭޝިއަން އެއަރލައިންސްގެ މަތިންދަބޯޓު އެމްއެޗް 370 ހޯދުމުގެ މަސައްކަތާއި މަގުމަތީ އެކްސިޑެންޓްތަކުގައި މަރުވާ މީހުންގެ އަދަދު މަދުކުރުންކަމަށް މެލޭޝިއާގެ ޓްރާންސްޕޯޓް މިިނިސްޓަރުކަމާއި އަލަށް ހަވާލުވެވަޑައިގަންނަވާ އެންތަނީ ލޯކް ސިއު ފޫކް ވިދާޅުވެއްޖެއެވެ.

މެލޭޝިއާގައި މެއި މަހުގެ 9ވަނަ ދުވަހު ބޭއްވި އާއްމު އިންތިޚާބު ޕަކަޓަން ހަރަޕަންއިން ކާމިޔާބުކުރުމާއި ގުޅިގެން ބޮޑުވަޒީރުކަމަށް 2 ވަނަ ފަހަރަށް ވަޑައިގެންނެވި މަހާތީރު މުހައްމަދުގެ އެކުލަވާލެއްވި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ލޯކް މަޤާމުގެ ހުވައި ކުރައްވާނީ ހޯމަ ދުވަހުއެވެ.

މެލޭޝިއާގެ ނޫސްތަކަށް ދެއްވި އިންޓަރވިއުއެއްގައި އުމުރުން 41 އަހަރުގެ ލޯކް ވިދާޅުވީ އޭނާ އަންގާރަ ދުވަހު ރަސްމީކޮށް އޮފީހަށް ނިކުންނަވާއިރު އެމްއެޗް 370ގެ މައްސަލައާއި މަގުމަތީ އެކްސިޑެންޓްތަކުގެ ތަފްޞީލީ މައުލޫމާތު އޭނާއަށް އެރުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސެކްރެޓަރީ ޖެނެރަލް ޝަރީފުއްދީން ޤާސިމަށް އަންގަވާފައިވާކަމަށެވެ. 

ލޯކް އުއްމީދުކުރައްވާ ގޮތުގައި އެމްއެޗް 370އަށް ވީގޮތެއް ހޯދި، އެމަތިންދާބޯޓުން ދަތުރުކުރި 239 މީހުންގެ އާއިލާތަކަށް ކޮންމެވެސް ޖަވާބެއް ވަރަށް އަވަހަށް ލިބިގެންދާނެއެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ ވައިގެދަތުރުފަތުރުގެ ތާރީޚުގައި ދިމާވި ގޮތްނޭނގޭ އެންމެ ބޮޑު ހާދިސާ ހިނގި ގޮތް އޭނާގެ ވަޒީރުކަމުގައި ހޯދޭނެކަމަށް  އުއްމީދުކުރައްވާ ކަމުގައެވެ.

މެލޭޝިއަން އެއަރލައިންސްގެ ބޮއިން 777 މަރުކާގެ އެމަތިންދާބޯޓު ގެއްލުނީ 2014 ވަނަ އަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހު މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިންގއަށް ދަތުރުކުރަމުން ދަނިކޮށެވެ. އެމަތިންދާބޯޓު ހޯދުމަށް އިންޑިއާ ކަނޑުގެ ދެކުނުގެ ހިސާބުތައް އެތައް ޤައުމަކުން ގުޅިގެން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެމަސައްކަތުގައި ލީޑްކުރަމުންދިޔަ އޮސްޓްރޭލިއާއިން މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެމްއެޗް 370 ހޯދުމުގެ މަސައްކަތް ރަސްމީކޮށް ހުއްޓާލިކަން އިއުލާންކުރިއެވެ.

ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހު މެލޭޝިއާގެ އޭރުގެ ސަރުކާރުން އެމްއެޗް 370 ހޯދުމުގެ މަސައްކަތް ކުރުމަށް އެމެރިކާގެ އޯޝަން އިންފިނިޓީ ކުންފުންޏާއިއެކު ސޮއެކުރިއެވެ. އެކުންފުނީގެ މަސައްކަތް އަންނަ ޖޫން މަހުގެ ނިޔަލަށް ނިމޭއިރު، އަދި އެމަތިންދާބޯޓު ފެންނާނެކަމުގެ އުއްމީދެއް ނެތެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް