ކ. މާލެ
|
19 މެއި 2018 | ހޮނިހިރު 13:26
ޗައިނާގެ އެއަރފޯސްގެ މަތިންދާބޯޓެއް (ކ) ކައިރިން ޓައިވާނުގެ އެއަރފޯސް ޖެޓެއް ދަތުރުކުރަނީ
ޗައިނާގެ އެއަރފޯސްގެ މަތިންދާބޯޓެއް (ކ) ކައިރިން ޓައިވާނުގެ އެއަރފޯސް ޖެޓެއް ދަތުރުކުރަނީ
އޭއެފްޕީ
ދެކުނު ޗައިނާ ކަނޑުގެ މައްސަލަ
ދެކުނު ޗައިނާ ކަނޑަށް ބޮން އަޅާ މަތިންދާބޯޓު ޗައިނާއިން ފޮނުވައިފި
ޗައިނާއިން ދަނީ ދެކުނު ޗައިނާ ކަނޑުގައި އަސްކަރީ ތަމްރީންތަކެއް ހިންގަމުން
ދެކުނު ޗައިނާ ކަނޑަކީ އެތައް ޤައުމަކުން އެކަނޑުގެ އެކި ހިސާބުތަކުގެ މިލްކުވެރިަކމަށް ދައުވާކުރާ ކަނޑެއް

މިލްކުވެރިކަމާއިމެދު އެތައް ޤައުމަކުން ދައުވާކުރަމުންދަނިކޮށް ޗައިނާއިން އަތްގަދަކޮށްފައިވާ ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ހިއްކައިގެން ހަދާފައިވާ ރަށްތަކަށް ޗައިނާގެ ބޮން އަޅާ މަތިންދާބޯޓުތައް ފޮނުވާފައިވާކަމަށް ޗައިނާގެ ވައިގެ ސިފައިން ބުނެފިއެވެ.

ޗައިނާގެ ވައިގެ ސިފައިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ޗައިނާގެ ވައިގެ ސިފައިން ދެކުނު ޗައިނާ ކަނޑުގައި އަސްކަރީ ތަމްރީންތަކެއް ހަދަމުންދާކަމަށެވެ. އެގޮތުން އެސަރަހައްދުގެ ޖަޒީރާތަކުގައި މަތިންދާބޯޓު ޖެއްސުމާއި، އެރަށްތަކުގައި ޤާއިމްވެތިބޭ ޔުނިޓްތަކުން އަސްކަރީ އޮޕަރޭޝަންތައް ހިންގުމުގެ ތަމްރީންތަކެއް ހަދަމުންދާކަމަށް ޗައިނާއިން ބުނެއެވެ.

މިތަމްރީންތަކުގައި ކަނޑުގައިވާ އަމާޒުތަކަށް ބޮން އެޅުމާއި ބަޑިޖެހުމުގެ ތަމްރީންތަކެއް ހަދާފައިވާކަމަށް ޗައިނާގެ ވައިގެ ސިފައިންގެ ލަޝްކަރުކަމަށްވާ ޕީޕަލްސް ލިބަރޭޝަން އާމީ އެއަރ ފޯސްގެ ބަޔާނުގައިވެއެވެ.

މި އޮޕަރޭޝަނަކީ ޕެސިފިކް ކަނޑުގެ ހުޅަނގުގަޔާއި، ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ ނުފޫޒު ގަދަކުރުމަށް އެޤައުމުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. 

ދެކުނު ޗައިނާ ކަނޑަކީ އެކަނޑުގެ އެކި ސަރަހައްދުގެ މިލްކުވެރިކަމާއިމެދު ޗައިނާގެ އިތުރުން ވިއެޓްނާމް، ފިލިޕީންސް، ޓައިވާން، ބްރޫނާއީ އަދި މެލޭޝިއާއިން ދައުވާކުރާ ކަނޑެކެވެ. އެހެން ނަމަވެސް އދގެ ނިންމުންތަކާއި ޚިލާފަށް ޗައިނާއިން ވަނީ އެކަނޑުގެ ބޮޑު ސަރަހައްދަކަށް ވެރިވެ، ރަށްތައް ހިއްކައިގެން އަސްކަރީ މަރުކަޒުތައް ޤާއިމްކޮށްފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް