ކ. މާލެ
|
19 މެއި 2018 | ހޮނިހިރު 14:47
ލީ (ވ) އާއި މަހާތީރު (ކ) ޕުތްރަޖާޔާ ގައި ބައްދަލުކުރައްވަނީ
ލީ (ވ) އާއި މަހާތީރު (ކ) ޕުތްރަޖާޔާ ގައި ބައްދަލުކުރައްވަނީ
ސްޓްރެއިޓް ޓައިމްސް
މެލޭޝިއާގެ އައު ސަރުކާރު
ސިންގަޕޫރުގެ ބޮޑުވަޒީރު ލީ މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރާއި ބައްދަލުކުރައްވައިފި
ލީ ވަނީ ދެޤައުމުގެ ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފައި
ލީ އަކީ މަހާތީރުގެ އަރިހަށް ވަޑައިގެންނެވި 2 ވަނަ ލީޑަރު

މެލޭޝިއާގެ އައު ބޮޑުވަޒީރު މަހާތީރު މުހައްމަދުގެ އަރިހަށް ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިއެންގް ލޫން އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މެލޭޝިއާގެ އިދާރީ ވެރިރަށް ޕުތްރަޖާޔާގައި މިބައްދަލުވުން ބާއްވާފައިވަނީ މަހާތީރު މީގެ ކުރިން 2003 ވަނަ އަހަރުގެ ނިޔަލަށް މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރެއްވުމަށް ފަހު އުފެއްދެވި ޕެރްދަނާ ލީޑަރޝިޕް ފައުންޑޭޝަންގައެވެ. މިއީ މެއި މަހުގެ 9ވަނަ ދުވަހު އޮތް މެލޭޝިއާގެ އާއްމު އިންތިޚާބު ކުރައްވައި، މެއި 10 ވަނަ ދުވަހު މަހާތީރު ބޮޑުވަޒީރުކަމުގެ ހުވައި ކުރެއްވިފަހުން ލީ އާއި މަހާތީރު ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. އަދި ލީ އަކީ މަހާތީރު މަޤާމާއި ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނުގެ އަރިހަށް ޒިޔާރަތްކުރެއްވި ދެވަނަ ލީޑަރެވެ. މަހާތީރުގެ އަރިހަށް އެންމެ ފުރަތަމަ ޒިޔާރަތް ކުރެއްވީ ބްރޫނާއީގެ ރަސްގެފާނު ހަސަނުލް ބުލްކިޔާއެވެ.

ސިންގަޕޫރުގެ ބޮޑުވަޒީރު ލީ މަހާތީރުގެ ފައުންޑޭޝަންގެ އޮފީހަށް ވަޑައިގެން މެހުމާނުން ސޮއެކުރައްވާ ފޮތުގައި ސޮއެކުރެއްވިއެވެ. އަދި އެއަށް ފަހު ދެބޭފުޅުންގެ ވާހަކަފުޅުގައި ދެޤައުމުގެ ގުޅުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. ބޮޑުވަޒީރު ލީ ވިދާޅުވީ މެލޭޝިއާއަކީ ސިންގަޕޫރުގެ އަވަށްޓެރިއެއްގެ އިތުރުން އެންމެ ގާތް އެއް ޤައުމުކަމަށާއި، އެހެންކަމުން މަހާތީރު މެލޭޝިއާގެ ބޮޑުވަޒީރުކަމަށް އިންތިޚާބުވުމާއި ގުޅިގެން ލަސްނުކޮށް މެލޭޝިއާއަށް ވަޑައިގަތުމަށް ނިންމެވީކަމަށެވެ. 

ސިންގަޕޫރުގެ ބޮޑުވަޒީރުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި، ސިންގަޕޫރުގެ ޚާރިޖީ ވަޒީރު ވިވިއަން ބާލަކްރިޝަނަން އާއި، ސިންގަޕޫރުން މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަނޫ މެނޮން މެލޭޝިއާއަށް ވަޑައިގަތެވެ. 

ލީ ވަނީ މި ދަތުރުފުޅުގައި މެލޭޝިއާގެ އިންތިޚާބު ކާމިޔާބުކުރި ޕަކަޓަން ހަރަޕަންގެ އިސް ބޭފުޅުންނާއިވެސް ބައްދަލުކުރައްވާފައެވެ. އެގޮތުން ކުރީގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމްއާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ބޮޑުވަޒީރުގެ ނައިބު ވަން އަޒީޒާ ވަން އިސްމާއީލްއާއިވެސް ލީ ބައްދަލުކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް