އިންޑިއާގެ ދެކުނުގެ ސްޓޭޓެއްކަމަށްވާ ކަރްނާޓަކާގެ ޤާނޫނު ހަދާ މަޖިލީހަށް ހޮވުނު ބައެއް މެމްބަރުން 'ފިލައިފި'އެވެ.
ކަރްނާޓަކާގެ ސިޔާސީ މަސްރަހު ގޯސްވެ، ކޮންގްރެސް ޕާޓީއާއި، ޖަނަތަ ދާލް ސެކިއުލަރ ޕާޓީއިން ކަރްނާޓަކާގެ ސަރަހައްދީ ޤާނޫނު ހަދާ މަޖިލީހަށް ހޮވުނު މެމްބަރުން ފޮރުވަން ޖެހުނީ ސަރަހައްދީ ސަރުކާރު އެކުލަވާލުމުގެ މައްސަލައިގައި، މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ބީޖޭޕީއާއި ދެެމެދު އުފެދުނު ޚިޔާލު ތަފާތުވުމެއްގައެވެ.
މިމައްސަލަ ފެންމަތިވީ ކަރްނާޓަކާގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ނިމުނުއިރު، އެއްވެސް ޕާޓީއަކަށް މެޖޯރިޓީ ނުލިބުމުންނެވެ. އެހެންނަމަވެސް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ބީޖޭޕީއިން އަވަސްވެގަތީ އެޕާޓީގެ ފަރާތުން ޗީފް މިނިސްޓަރަކު އައްޔަންކުރުމަށެވެ. އަދި ކަރްނާޓަކާގެ ގަވަރުނަރ ވަޖުބާއީ ވާލާ ވެސް ބީޖޭޕީއަށް ސްޓޭޓް ސަރުކާރު ހަވާލުކުރަން އުޅުމުން މައްސަލަ ގޯސްވީއެވެ.
މިމައްސަލައިގައި ގަވަރުނަރ ބީޖޭޕީއަށް އެންގީ 15 ދުވަސްތެރޭ އެޕާޓީއަށް ސަރަހައްދީ ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އޮތްކަން ސާބިތުކޮށްދިނުމަށެވެ. މެޖޯރިޓީ ހޯދުމަށް އިތުރު އަށް މެމްބަރުން ބޭނުންވެއެވެ.
އެހެން ނަމަވެސް މިމައްސަލައިގައި ކޮންގްރެސް ޕާޓީއާއި ޖަނަތަ ދާލް ސެކިއުލަރ ޕާޓީއިން އިންޑިއާގެ ސުޕްރީމް ކޯޓަށް އިއްޔެ ދިޔުމުން އެކޯޓުން ނިންމީ ހޮނިހިރު ދުވަހުގެ އިރު އޮއްސުމުގެ ކުރިން އެމައްސަލަ ހައްލުކޮށް، ބީޖޭޕީއަށް މެޖޯރިޓީ އޮތްކަން ސާބިތުކޮށްދިނުމަށެވެ. އެއާއިއެކު ބީޖޭޕީއިން އަވަސްވެގަތީ ކޮންގްރެސް އާއި ޖަނަތަ ދާލް ސެކިއުލަރ ޕާޓީގެ މެމްބަރުން ހޯދުމަށެވެ.
ޖަނަތަ ދާލް ސެކިއުލަރ ޕާޓީއިން ތުހުމަތުކުރާ ގޮތުގައި ބީޖޭޕީއިން ވަނީ ބައެއް މެމްބަރުންނަށް އެޕާޓީއާއި ގުޅުމަށް 15 މިލިއަން ޑޮލަރުގެ ރިޝްވަތު ހުށަހަޅާފައެވެ.
ކޮންގްރެސް ޕާޓީއާއި ޖަނަތަ ދާލް ސެކިއުލަރ ޕާޓީއިން އެޕާޓީތަކުގެ މެމްބަރުން ކޮޅު ބަދަލުކުރިޔަ ނުދޭން، އަދި އިތުރު މެމްބަރުން ހޯދުމަށް މަސައްކަތްކުރުމަށް ހުރިހާ މެމްބަރުން ގޮވައިގެން މިހާރު ވަނީ 'ފިލާފަ'އެވެ. ޓީވީތަކުން އެންމެ ފަހުން ދެއްކި މަންޒަރުތަކަށް ބަލާއިރު، މެމްބަރުން ބަސްތަކަކަށް އަރުވައިގެން ނައްޓާލާ މަންޒަރު ފެނެއެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ކޮންގްރެސް ޕާޓީއިން އެޕާޓީގެ މެމްބަރުން ހައިދަރްއާބާދަށް ވަނީ ގެންގޮސްފައެވެ. އަދި ކެެރެލާ ސްޓޭޓްގެ ސިޓީއަކަށް ޖަނަތަ ދާލް ސެކިއުލަރ ޕާޓީގެ މެމްބަރުން ގޮސްފައިވާކަމަށްވެސް އަޑުތައް ފެތުރެއެވެ.
މިއީ އިންޑިއާގެ ސިޔާސީ މަސްރަހުގައި އާއްމު ކަމެކެވެ. އިންތިޚާބު ނިމުމާއިއެކު ސަރުކާރު އެކުލަވާލުމާއި ދެމެދު އޮންނަ ވަގުތުކޮޅުގެ ތެރޭގައި ޕާޓީގެ މެމްބަރުން އެހެން ޕާޓީއަކަށް ބަދަލުވިޔަ ނުދޭން ޕާޓީތަކުން އާއްމުކޮށް އެޕާޓީގެ މެމްބަރުން ގޮވައިގެން ރިސޯޓްތަކަށާއި ދުރު ހިސާބުތަކުގެ ހޮޓެލްތަކަށް ދެެއެވެ. މިފަދަ ކަންކަމަށް ޚާއްސަކަމަށް މަޝްހޫރު ރިސޯޓްތައްވެސް އިންޑިއާގައި ހުރެއެވެ.