ކ. މާލެ
|
19 މެއި 2018 | ހޮނިހިރު 11:13
އެމްޕީއެލްގެ މުވައްޒަފުން މަސައްކަތުގައި -- ފޮޓޯ : މުހައްމަދު ޝަރުހާން
އެމްޕީއެލްގެ މުވައްޒަފުން މަސައްކަތުގައި -- ފޮޓޯ : މުހައްމަދު ޝަރުހާން
މުހައްމަދު ޝަރުހާން
އެމްޕީއެލް
ރަމަޟާން މަހަށް ތިން ގުނަ އިތުރަށް މުދާ ކްލިއަރ ކުރިން، ތަކެތީގެ އަގުބޮޑުވެގެން ނުވާނެ: އެމްޕީއެލް
މިއަހަރު ރޯދަ މަސް ފެށުމުގެ 10 ދުވަސް ކުރީން މުދާ ހިފައިގެން ރާއްޖެއައި 15 ބޯޓަކުން ގެނައި 76000 ޕެކޭޖް ކްލިއާކޮށްފައި
އެމްޕީއެލްގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ވަރަށް ބޮޑަށް ޕްލޭން ކުރެވިގެން

އެމްޕީއެލްގައި އެއްވެސް މުދަލެއް ގުދަން ކޮށް، ތޮއްޖެހިފައި މިހާރު ނުހުންނާނެ ކަމަށާއި ކްލިއަރ ކުރުން ލަސްވެގެން ކަމަށް ބުނެ ބާޒާރުގެ މުދަލުގެ އަގު ބޮޑުވެގެން ނުވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

އެމްޕީއެލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ އެސިސްޓަންޓް ސީއީއޯ އަދި އޮޕަރޭޝަން ޑިވިޝަންގެ ހެޑް ރާބިހް މުހައްމަދު ވިދާޅުވީ، ކޮންމެ އަހަރަކު ވެސް ރޯދަ މަހަށް ގެންނަ މުދާތައް ކްލިއަރ ކުރުމަށް ރޯދަ ފެށުމުގެ ކުރިން އެމްޕީއެލް އިން މަސައްކަތް ފަށާ ކަމަށެވެ. ރާބިހް ވިދާޅުވީ އެމްޕީއެލްގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ވަރަށް ބޮޑަށް ޕްލޭން ކުރެވިގެން ކަމަށާއި، ވިޔަފާރިވެރިންނަށް އުދަނގުލެއް ކުރިމަތި ނުވާނެ ގޮތަށް ކަމަށެވެ. އެގޮތުން ރޯދަ މަސް ފެށުމުގެ ކުރީން މިދިޔަ އަހަރަށް ވުރެ މިއަހަރުގެ ތިން ގުނައަށް މުދާ ކްލިއަރ ކޮށްފައިވާ ކަމަށް އޭނަ ވިދާޅުވި އެވެ. އެހެންކަމުން މުދާ ކްލިއަރ ނުކުރެވިގެން ކަމަށް ބުނެ ބާޒާރުގެ ތަކެތީގެ އަގު ބޮޑުވެގެން ނުވާނެ ކަމަށް ރާބިހް ވިދާޅުވިއެވެ.

ރާބިހް ވިދާޅުވީ މިދިޔަ އަހަރު ރޯދަ މަސް ފެށުމުގެ 10 ދުވަސް ކުރީން މުދަލާއެކު ރާއްޖެ އައި ފަސް ބޯޓަކުން މުދާ ހުސްކޮށް 36000 ޕެކޭޖް ކްލިއަރ ކޮށްފައިވާ ކަމަށާއި، މިއަހަރު ރޯދަ މަސް ފެށުމުގެ 10 ދުވަސް ކުރީން މުދާ ހިފައިގެން ރާއްޖެއައި 15 ބޯޓަކުން ގެނައި 76000 ޕެކޭޖް ކްލިއަރ ކޮށް ބަނދަރުން ބޭރު ކޮށްފައިވާނެ ކަމަށެވެ.

އެމްޕީއެލުން ބުނީ މުވައްޒަފުން މަސައްކަތް ކުރަމުންދަނީ 24 ގަޑިއިރު ތިން ޝިފްޓަކަށް ބަހާލައިގެން ކަމަށާއި، ކަސްޓަމަރުންނަށް އެއްވެސް ދަތިކަމެއް ނާންނާނެ ގޮތަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް