ކ. މާލެ
|
19 މެއި 2018 | ހޮނިހިރު 02:27
އޮމިރު ބިކާލީ - މުސްލިމުންނާ ދެކޮޅަށް ޗައިނާ ސަރުކާރުން ކުރާ ކަންތައްތަކުގެ ވާހަކަތައް އަސަރާ އެކު ކިޔައިދެނީ
އޮމިރު ބިކާލީ - މުސްލިމުންނާ ދެކޮޅަށް ޗައިނާ ސަރުކާރުން ކުރާ ކަންތައްތަކުގެ ވާހަކަތައް އަސަރާ އެކު ކިޔައިދެނީ
އޭޕީ
ޗައިނާގެ މުސްލިމުން
ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
ޗައިނާ އިން މުސްލިމުންނަށް އަމާޒުކޮށް ހިންގާ ކޭމްޕްގައި މިލިއަނެއްހާ މީހުން ހައްޔަރު ކޮށްފައި
އިސްލާމް ދީނަށް އެއްޗެހި ކިޔުއްވުމާއި އެއީ ނުރައްކާ ދީނެއް ކަމަށް ކިޔައިދޭ
އިސްލާމްދީނާ ޚިލާފް ކަންކަން ނުކޮށްފިނަމަ ކޭމްޕްގައި ލާއިންސާނީ އަނިޔާދޭ

އިސްލާމް ދީނާ ދުރުކޮށް އިސްލާމްކަން ޗައިނާގެ މުސްލިމުންގެ ކިބައިން ފޮހެލުމަށް ޗައިނާ ސަރުކާރުން ފުޅާ ދާއިރާ އެއްގައި ހިންގާ ދަށު ދަރަޖައިގެ ކަންކަމުގެ ވާހަކަތައް އާއްމުވެ މުޅި ދުނިޔެ ސިއްސުވާލައިފިއެވެ.

މިކަން ފަޅާ އެރީ ޗައިނާ ސަރުކާރުން މުސްލިމުންނަށް އަމާޒުކޮށް ހިންގާ ކޭމްޕެއްގައި މަޖުބޫރުން ގެންގުޅުނު ބައެއް މީހުން އެވާހަކަތައް ހުޅަނގުގެ މީޑިއާ އާ ހިއްސާ ކުރުމުންނެވެ.

މުސްލިމުން ހައްޔަރު ކޮށްގެން އެމީހުންގެ އަގީދާ ފުހެލުމަށް ޗައިނާ ސަރުކާރުން ހިންގާ މާ ސިންގާ ކޭމްޕްގެ ބޮޑު މިން އިންޑިއާގެ ދެބައިކުޅަ އެއްބައި ވަރު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މީޑީއާ ރިޕޯޓުތައް ބުނެއެވެ.

ޗައިނާގެ މުސްލިމުން އިސްލާމް ދީނާ ދުރުކުރަން ޗައިނާ ސަރުކާރުން ހިންގާ މި ކޭމްޕްގައި ގެންގުޅޭ މުސްލިމުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލާ އިންސާނީ އަނިޔާތައް ދޭ ކަމުގައި ވެއެވެ.

ޗައިނާގެ ހުޅަނގުގެ ޕްރޮވިންސެއް ކަމަށްވާ ޒިންޖިއާންގައި ހިންގާ މި ކޭމްޕްގައި މިލިއަނެއްހާ މުސްލިމުން ހައްޔަރު ކޮށްގެން ގެންގުޅޭ ކަމަށް ވެއެވެ.

ކޭމްޕުން ސަލާމަތްވި މީހުންގެ ތެރޭގައި ހިމެނުނު ކަޒަގިސްތާނުގެ ރައްޔިތެއް ކަމަށްވާ އޮމިރު ބިކާލީ ވޮޝިންގޓަން ޕޯސްޓަށް ކިޔައިދިން ގޮތުގައި އެމީހުންނަށް ކޭމްޕްގައި އޫރު މަސް ކެއުމަށާއި ރާ ބުއިމަށް މަޖުބޫރު ކުރުވިއެވެ.

އޭނާ ކިޔައިދިން ގޮތުގައި ކޭމްޕް ތަކުގައި މައިގނަޑު ގޮތެއްގައި ކުރާ މަސައްކަތަކީ އިސްލާމް ދީނާ ދުރުކުރުމާއި، ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް މުސްލިމުންގެ ފިކުރު އަނބުރާލުމެވެ.

ބިކާލީ ބުނި ގޮތުގައި އޭނާ ހައްޔަރު ކޮށްގެން ގެންގުޅުނީ އެއްވެސް ކުށެއް ކޮށްގެން ނޫނެވެ. އަދި ހައްޔަރު ކޮށްފައި ހުރި މުއްދަތުގެ ތެރޭގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަންވެސް ހޯދުމުގެ ފުރުސަތު ވެސް އޭނާ އަކަށް ނުލިބެއެވެ.

އޭނާ ކިޔައިދިން ގޮތުގައި އޫރުމަސް ކެއުމަށާއި ރާ ބުއިމަށް ދެކޮޅު ހެދުމުން އަދަބެއްގެ ގޮތުން ފާރެއްގައި ލައްގާ ދެއަތް މައްޗަށް ނަގާފައި ކޮޅަށް ބަހައްޓައެވެ. މިގޮތައް ކޮންމެ ފަހަރަކު ފަސްގަޑީއިރު ވަރު ބަހައްޓާ ކަމަށް އޭނާ ބުންޏެވެ. އެ ގޮތައް ކޮޅަށް ބެހެއްޓުމަށް ފަހު އޭގެ ފަހުން އެކަހެރި ތަނެއްގައި ބަންދުކޮށް ކާން ނުދީ 24 ގަޑީއިރު ބެހެއްޓި ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ މިފަދަ އަނިޔާ ތައް ވިއްސަކަށް ދުވަސް ވަންދެން ދިން ތަނާ އަމިއްލަ އަށް މަރުވާން ވެސް ހިތައް އެރި ކަމަށެވެ. އޭނާ ވަނީ ކޭމްޕުގައި ހަތް މަސް ދުވަހު ހައްޔަރު ކޮށްފައި ބަހައްޓާފައެވެ.

އެސޯސިއޭޓެޑް ޕްރެސް އަށް އެތަނުގެ އަނިޔާތަކުގެ ވާހަކަ ކިޔައި ދެމުން ދިޔައިރު އެ ހިތްދަތި ހަނދާންތައް އާވެ ބިކާލީ އަށް ރޮވުނު ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

އޭނާ ކިޔައިދިން ގޮތުން އަމިއްލަ ދީނަށް އެއްޗެހި ކިޔުއްވުމާއި، އަމިއްލަ އީމާން ކަމަށް މަލާމަތް ކުރުމަށް ކޭމްޕްގައި ޖައްސައެވެ.

އޭނާ ބުނީ ނަފްސާނީ ގޮތުން ދޭ މިފަދަ އަނިޔާ ތަކުގެ އަސަރު ވަރަށް ބޮޑަށް ކުރާ ކަމަށާއި، ކޭމްޕުން ސަލާމަތްވި ފަހުން ވެސް އެހަނދާންތައް އަބަދު ނުފިލާ ހުންނާތީ ނިދަންވެސް އުނދަގޫވާ ކަމަށެވެ.

ޗައިނާ ސަރުކާރުން ޒިއާންޖިންގ ގައި ހިންގާ ލާ އިންސާނީ މި ކޭމްޕަކީ ޔޫއެސް ކޮމިޝަން އޮން ޗައިނާ އިން ބުނެފައިވާ ގޮތުގައި މައިނޯރިޓީ އަކަށް އަމަޒުކޮށް ދުނިޔޭގައި ހިންގާ މިފަދަ އެންމެ ބޮޑު ކޭމްޕެވެ. މިއީ ސީދާ ވަކި ސަގާފަތެއް ފުހެލުމަށް ޓާގެޓް ކޮށްގެން ހިންގާ ޕްރޮގްރާމެއް ކަމަށްވެސް އެ ކޮމިޝަނުން ހާމަކޮށްފައި ވެއެވެ.

ޗައިނާ އިން "ރީ އެޑިއެކޭޝަން" ގެ ނަމުގައި އިސްލާމް ދީން އެގައުމުން ނައްތާލުމަށް ހިންގާ މި ކޭމްޕްގައި ހިންގާ ލާ އިންސާނީ އަނިޔާތަކާ ބެހޭ ގޮތުން އެސޯސިއޭޓެޑް ޕްރެސް އިން ޗައިނާ ސަރުކާރާ ސުވާލު ކުރުމުން ބުނި ކަމަށް ވަނީ "އެކަހަލަ ކަމެއް ހިނގާ ކަމެއް ނޭގޭ" ކަމަށެވެ.

ކޭމްޕްގައި ހިންގާ ލާއިންސާނީ އަމަލުތަކުގެ ވާހަކަތަކަށް ޗައިނާގެ ސަރުކާރުން މިހާތަނަށް މާ ބޮޑު އެއްޗެއް ބުނެފައި ނުވި ނަމަވެސް ޗައިނާގެ ބައެއް އޮފިޝަލުންގެ ނަޒަރުގައި މިއީ ވަކިވެގަތުމާއި، ދީނީ ގޮތުން ހައްދުފަހަނަ އަޅާ ދިޔުން ހުއްޓުވުމަށް އެ މީހުންގެ ނަޒަރުގައި ކުރަންޖެހޭ ކަމެކެވެ.

ޗައިނާ ސަރުކާރުން އިސްލާމް ދީނާ ދެކޮޅަށް ހިންގާ މި ކޭމްޕްތަކުގައި ހައްޔަރު ކޮށްގެން ގެންގުޅެނީ ހަމައެކަނި ޗައިނާ މީހުންނެއް ނޫނެވެ. ބޭރު ގައުމުތަކުގެ މުސްލިމުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.

އިންސާނީ ހައްގު ތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާ އެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗް އިން ހުސްވި ހަފްތާގައި ނެރެފައިވަ ރިޕޯޓެއްގައި ބުނެފައިވަނީ، ޗައިނާގައި ދިރިއުޅޭ މުސްލިމުންނަށް އުޅެން ޖެހިފައިވަނީ ވަރަށް ނިކަމެތި ހާލުގައި ކަމުގައެވެ. އެމީހުންގެ ކޮންމެ އަމަލެއް ބަލަން އެތައް ފުލުހުންނެއް ފާރަ އަށް ތިބޭ ކަމަށް ބުނެފައިވެއެވެ.

ޒިއާންޖިންގ ގެ ގޯތިގެދޮރަށް ޗައިނާގެ އޮފިޝަލުން ވަދެ އެތާނގައި ދިރިއުޅޭ މުސްލިމުންނާ ސުވާލުކޮށް އެމީހުންގެ ވިސްނުމާއި ފިކުރު ހުންނަ ގޮތަކާއި، ދީނީ ގޮތުން ގަބޫލު ކުރާ ގޮތްތަކާ ބެހޭ ގޮތުން ޗައިނާގެ އޮފިޝަލުން އަބަދާ އަބަދު ގެންދަނީ މައުލޫމާތު އެއް ކުރަމުން ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ހާމަ ކޮށްފައިވެއެވެ.

ބިކާލީ ބުނީ އޭނާ ހައްޔަރު ކޮށްގެން ގެންގޮސް ބަންދު ކުރި ސެލްގައި ސާޅީސް މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި ޓީޗަރުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ކިޔަވާ ކުދިންވެސް ތިބި ކަމަށެވެ.

ކޭމްޕްގައި ކޮންމެ ކެއުމެއްގެ ފަހުން ކޮމިއުނިސްޓް ޕާޓީއަށާއި، ޗައިނާ އަށާއި، ރައީސް ޝީ އަށް ޝުކުރު އަދާ ކުރަން ޖެހޭ ކަމަށް ބިކާލީ ބުންޏެވެ.

ބިކާލީ ބުނީ ކޭމްޕްގައި އެމީހުންނަށް ޚާއްސަ ފިލާވަޅުތައް ނަގައި ދިނުމަށް ފުލުހުންނާއި ޝަރުއީ ދާއިރާގެ އޮފިޝަލުން އަންނަ ކަމަށާއި، އެމީހުންގެ އަބަދާ އަބަދު ދޭ ފިލާވަޅަކީ، އިސްލާމް ދީނަކީ ނުރައްކާތެރި ދީނެއް ކަމަށާއި، އެމީހުން ތަބާވާން ޖެހޭނީ ޝަރީއާ އަށް ނޫން ކަމަށާއި އޭގެ ބަދަލުގައި އެމީހުން ވަފާތެރި ވާން ޖެހޭނީ ޗައިނާގެ ގާނޫނަށް ކަމަށެވެ.

ޗައިނާގެ މުސްލިމުންނަށް އެތާނގެ ސަރުކާރުން ވިސްނައިދެނީ ގުރުއާން ކިޔެވުމާއި ނަމާދު ކުރުމަކީވެސް ހައްދުފަހަނަ އަޅާ ދިޔުން ކަމަށެވެ. އެއިން ކަމެއް ކުރެވިއްޖެ ނަމަ އެއީ ގޯސް ކަމެއް ކުރެވުނީ ކަމަށް ތަކުރާރު ކޮށް އެމީހަކު ލައްވާ ކިޔުއްވާ ކަމަށްވެސް ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
20 މެއި 2018 | އާދީއްތަ 07:30
ހުއިހާހޫ
ޗައިނާ މީހުން ގޯސް ކުރާނެ ކަމެއް ނެތް. އެއީ ކަލަކު ގަބޫލު ކުރާ ބައެއް ނޫން. އަކަމަކު އެއަށްވުރެ ނުބައީ ހިދާޔަތުގެ ނޫރު ލިބި އެކަމަށް ކުފުރުވެރިވާ މީހުން. ސައްތައިން ސައްތަ މުސްލިމެކޭ ކިޔައިގެން މިހިރަ އުޅެވޭ ވައްތަރު ނިކަން ދެކިބަލަ، މީހަކު އަހަރެމެން ކަރު ބުޑަށް ރާއެޅީމަ މައްސަލައަކީ، އަމިއްލަ އަތުން ކަރުބުޑަށް އަޅާ ބޮއެ ހަދާއިރު ހަމަ އޯކޭ. އަމިއްލަ ވައްކަން ކުރިއަސް އޯކޭ.. އަމިއްލަ އަށް މީހުންނަށް ރިޝްވަތު ދިނަސް ރިޝްވަތުގައި ހިފިޔަސް އޯކޭ..މައްސަލައަކީ އަބަދުވެސް އެހެން މީހަކު ކުރީމަ.،
20 މެއި 2018 | އާދީއްތަ 04:49
ހަސްތީ
ގައިމު އަހަރެން ފަތިސް ނަމާދު ނިންމާފަ ގެއަށްދާ އިރު ނަސަންދުރާ ހުރި ތަނުގައި އިމާރާތް ކުރާ ތަނުގެ މަސައްކަތުގައި އުޅޭ ބައިވަރު ޗައިނާ މީހުންނާއި ދިމާވޭ. ދުވަހަކު އަރާ ހަމވީމާ ވާހަކައެއް ދައްކާފަ ހޭނ އަޑެއް ނީވެ. މާނައަކީ އެމީހުންނަށް ތާއީދު ކުރަނީއެކޭ ނޫން ނަމަވެސް އެންމެން ނުބައެއް ނުވާނެ.
19 މެއި 2018 | ހޮނިހިރު 19:21
މިއުރާޖް އަލީ ޚާން
އަހަރެމެން ގުޅިގެން އުޅެންވީ މީހުންނާ ދުރުވާންޖެހޭ މީހުން އަހަރެމެން ހެއްދެވި ފަރާތުން އެއޮތީ ސާފުކޮށް އަންގަވާފައި. އަހަރެމެންނަށް ގުޅިގެން މިއުޅެވެނީ ދުވަހަކުވެސް އަހަރެމެންނަށް ހެވެއް އެދޭނެ ބަޔަކާ ނޫން. އަހަރެމެން އީރާނާ ގުޅުން ކަނޑާލީ، އަހަރެމެން ގަތަރާ ގުޅުން ކަނޑާލީ، .އަހަރެމެންނަށް މުހިންމީ ޗައިނާ އާއި ނޯތު ކޮރެއާ.. އެންގެވި ގޮތާ ޚިލާފަށް އުޅެން ފެށީމާ ދެން ވާނެ ހައެތި އޮންނާނީ ވެފަ
19 މެއި 2018 | ހޮނިހިރު 06:24
ބޮޑާބެ
މީ ހަމަ ޔަޤީނުންވެސް ބޮޑު ދޮގެއް. ޗައިނާ އަކީ ދިވެހިރާއްޖޭގަ ބޮޑު މާސިންގާ ބުރިޖެއްއަޅާދޭ ޤައުމަށްވީމާ އެކަން އެބާލަނީ. ބަލަ ޗައިނާ މީހުން މިތަނުގަ އެއުޅޭއިރު ނަމާދު ވަގުތު ޖެހުނީމަވެސް ހާދަ އަޑުގަދަކޮށް މިސްކިތްކައިރިން ދާއިރު ހަޅޭއްލަވަމުންދެޔޭ. އެއީ އެމީހުން މުސްލިމުންނަށް އުދަގޫ ކުރަން ކުރާކަމެއްނޫން. އެއީ ކޮމިޔުނިސްޓް ޕާޓީގެ ވާޖިބެއް. މުސްލިމުންދެކެ ޗައިނާ މީހުން ކިހާލޯބިވާކަން އެގޭތަ. ބޮލުގަ ތާކިހާ އަޅައިގެން ހުންނަމީހަކު ގެ ކައިރިން ހިނގާފަދަންޏާވެސް ކޮންމެސް އެއްޗެއް މަލާމާތުގެ ހިނިގަޑަކާއެކު ބުނެލާނެ. އެއީ މަލާމާތެއްނޫން. ހަމަ މުސްލިމުން ދެކެ ލޯބިން ކުރާކަންތައް. ޗައިނާ މީހުންނަކީ ދިވެހިރާއްޖެއަށް މިންވަރުކުރެއްވި ބޮޑު ނަޞީބެއް. ދުވަސްކޮޅަކުން ލޯކުދި ސޮރުން ދިވެހިރާއްޖޭން ނުކުންނަން ފެށީމަ އަސްލު ޗައިނާގެ މޮޅުކަން އެގޭނީ. ދެކެންތިބޭ.