ކ. މާލެ
|
19 މެއި 2018 | ހޮނިހިރު 02:30
ނަޖީބްގެ އެޕާޓްމަންޓަކުން ހޯދި އަގުބޮޑު ޑިޒައިނަރ ދަބަސްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ
ނަޖީބްގެ އެޕާޓްމަންޓަކުން ހޯދި އަގުބޮޑު ޑިޒައިނަރ ދަބަސްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ
ގޫގުލް
މެލޭޝިއާގެ ކޮރަޕްޝަން
ނަޖީބްގެ އެޕާޓްމަންޓްތަކުން 72 ދަބަސް ފުރާ ޑޮލަރާއި ގަހާނަ، އަދިވެސް ރެއިޑް ކުރިއަށް!
6 އެޕާޓްމަންޓެއް ފާސްކޮށްފައިވޭ
މިހާތަނަށް 284 ފޮށިގަނޑު ފުރާހުރި ޑިޒައިނަރ ދަބަސް ފެނިފައިވޭ
ދަބަހެއްގެ އަގު ހުރީ ބާރަހާސް އެމެރިކާ ޑޮލަރާއި ތިންލައްކަ އެމެރިކާ ޑޮލަރާއި ދެމެދު

މި މަހު މެލޭޝިއާގައި ބޭއްވި އިންތިޚާބުގައި ނާކާމިޔާބު ވެވަޑައިގަތް އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާޤާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނަށް ނިސްބަތްވާ އެކިއެކި އެޕާޓްމަންޓްތަކުން މެލޭޝިއާގެ ފުލުހުން ގިނަ އަދަދެއްގެ ފައިސާ އާއި ގަހަނާ އަދި އަގުބޮޑު ތަކެތި ހޯދައިފިއެވެ.

މެލޭޝިއާގެ އައު ބޮޑުވަޒީރު، ޑރ. މަހާތިރު މުޙައްމަދުގެ އަމުރުފުޅަށް މެލޭޝިއާގެ ފުލުހުން ފަށާފައިވާ ތަޙުޤީޤުގެ ތެރެއިން ބުދަ ދުވަހުން ފެށިގެން ނަޖީބް އާއި ގުޅުންހުރި ތަންތަން ރެއިޑްކޮށް، އެތަންތަން ބަލައި ފާސްކުރަމުންދާއިރު، ރިޕޯޓްތައް ބުނާ ގޮތުގައި މިހާތަނަށް ބަލައި ފާސްކުރި 6 އެޕާޓްމަންޓުން ވަނީ ގިނަ އަދަދެއްގެ އެމެރިކާ ޑޮލަރާއި އެހެނިހެން ފައިސާ، އަދި ގަހަނާ އަޅާފައިވާ 72 ދަބަސް ފެނިފައެވެ. މީގެ އިތުރުން އެ އެޕާޓްމަންޓްތަކުން އެތައް ލައްކަ އެމެރިކާ ޑޮލަރުން އަގު ފެށޭ، އަގުބޮޑު ބްރޭންޑްތަކުގެ ގަޑި އާއި ޑިޒައިނަރ ދަބަސްތައް ފެނިފައިވާ ކަމަށްވެސް ރިޕޯޓް ބުނެއެވެ. އެގޮތުން އެ އެޕާޓްމަންޓްތަކުން މިހާތަނަށް 284 ފޮށިގަނޑު ފުރާހުރި ޑިޒައިނަރ ދަބަސް ފެނިފައިވާއިރު ބާޒާރުގައި އޭގެން ދަބަހެއްގެ އަގު ހުރީ 12،000 އެމެރިކާ ޑޮލަރާއި 300،000 އެމެރިކާ ޑޮލަރާއި ދެމެދު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަޖީބްގެ އެޕާޓްމަންޓަކުން ފެނުނު ފައިސާ އާއި ގަހަނާ ހިމެނޭ ފޮށިތަކެއް ފުލުހުންގެ ބެލުމުގެދަށަށް ގެންދަނީ
 

ފުލުހުން ހޯދި ޑިޒައިނަރ ދަބަސްތަކުގެ ތެރޭގައި މަޝްޙޫރު ބްރޭންޑެއް ކަމަށްވާ ހަރމީސް ބަރކިން ބްރޭންޑްގެ ގިނަ އަދަދެއްގެ ދަބަސް ހިމެނޭ ކަމަށްވެސް މެލޭޝިއާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މީގެ އިތުރުން މެލޭޝިއާގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރާއި ހަވާލާދީ، އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފުލުހުން ދަނީ ނަޖީބްއަށް ނިސްބަތްވާ ސޭފްޓީ ޑިޕޮޒިޓް ބޮކްސްއެއް ހުޅުވުމުގެ މަސައްކަތްވެސް ކުރަމުންނެވެ. ނަމަވެސް އެ ޑިޕޮޒިޓް ބޮކްސްގެ ތަޅުދަނޑި ގެއްލިފައިވާ ކަމަށް ނަޖީބް ވިދާޅުވި ކަމަށް ވެސް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.

މެލޭޝިއާގެ އައު ސަރުކާރުން ނަޖީބް އާއި ދެކޮޅަށް ފަށާފައިވާ ތަޙުޤީޤަކީ އެ ޤައުމުގެ ދައުލަތުގެ އިންވެސްޓްމަންޓް ފަންޑް، ވަން މެލޭޝިއާ ޑިވެލޮޕްމަންޓް ބަރހަދް އިން ކޮރަޕްޝަންގެ ތެރެއިން މަދުވެގެން 4.5 ބިލިއަން އެމެރިކާ ޑޮލަރު ވަގަށް ނަގާފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައެކެވެ. ތުޙުމަތުކުރެވޭ ގޮތުގައި އެ ފައިސާގެ ތެރެއިން ބޮޑު ބައެއް ޖަމާ ކޮށްފައި ވަނީ ނަޖީބްގެ އަމިއްލަފުޅު ބޭންކް އެކައުންޓަކަށެވެ.

- ކޮމެންޓް
19 މެއި 2018 | ހޮނިހިރު 08:03
ރަށުމީހާ
M.m.p.r.c ކިޔާ ކުންފުންޏެއްމަތިން ހަނދާންއާވީ