ކ. މާލެ
|
19 މެއި 2018 | ހޮނިހިރު 00:45
ފްލައިޓް ވެއްޓުނު ސަރަހައްދުގައި މީހުން ހަރަކާތްތެރިވަނީ
ފްލައިޓް ވެއްޓުނު ސަރަހައްދުގައި މީހުން ހަރަކާތްތެރިވަނީ
އޭޕީ
ފްލައިޓް ވެއްޓުން
ކިއުބާގައި މަތިންދާބޯޓެއް ވެއްޓި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
ވެއްޓުނު ބޯޓުން 104 މީހުންނާއި ނުވަ ފަޅުވެރިޔަކު ދަތުރުކޮށްފައިވޭ

ކެރީބިއަން ސަރަހައްދުގެ ޖަޒީރާ ގައުމެއް ކަމަށްވާ ކިއުބާގައި މަތިންދާބޯޓެއް ވެއްޓި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

އެގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވެއްޓުނު ބޯޓުން 104 މީހުންނާއި ނުވަ ފަޅުވެރިޔަކު ދަތުރުކޮށްފައިވެއެވެ. އޭގެތެރެއިން ސަލާމަތްވީ ތިން މީހުން ކަމަށާއި އެމީހުންނަށް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. މި ތިން މީހުންގެ ތެރެއިން އެކަކު ހަށިގަނޑަށް ލިބިފައިވާ ޒަހަމްތަކުގެ ސަބަބުން މަރުވެފައިވާއިރު އަނެއް ދެ މީހުންގެ ހާލު ވެސް ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލިފާން ނިއްވާ ފަރާތްތަކާއި އެމްބިއުލާންސްތަކުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.  މި ފްލައިޓުން ދަތުރުކޮށްފައިވަނީ ހުސް އެ ގައުމަށް ނިސްބަތްނުވާ މީހުންނެވެ. މި ފްލައިޓް ދަތުރުކުރަމުން ދިޔައީ ކިއުބާގެ ސިޓީއެއް ކަމަށްވާ ހޮލްގުއިންއަށެވެ.

މި ފްލައިޓް ވެއްޓުނީ ކިއުބާގެ ވެރިކަން ކުރާ ރަށް ކަމަށްވާ ހަވާނާގެ ހޯސޭ މާޓީ އިންޓަނޭޝަނަލް އެއާޕޯޓްއިން ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. މިއީ އެ ގައުމުގެ ސަރުކާރުން ހިންގާ އެއާލައިނަކަށް ނިސްބަތްވާ ބޮއިންގ 737 މަރުކާގެ ބޯޓެކެވެ. އެ ބޯޓް ވެއްޓިފައިވަނީ އެއާޕޯޓްގެ ކައިރީގައި އޮތް ހައިވޭއެއްގެ މައްޗަށެވެ.

ކިއުބާގެ ރައީސް މިގުއެލް ޑިއާޒް ކާނެލް ވަނީ ފްލައިޓް ވެއްޓުނު ސަރަހައްދަށް ޒިޔާރަތް ކުރައްވާފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް