އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު މާދަމާ (ހޮނިހިރު ދުވަހަށް) ހަމަވާއިރު، ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ނިންމައި، ރައީސް މުހައްމަދު ނަޝީދުގެ ފޯމް މާދަމާ ހުށަހަޅުއްވާނެކަމަށް ކެމްޕޭން ޓީމުން ބުނެފި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލާފައިވާއިރު، އެ މުއްދަތު މާދަމާގެ 12:00 އަށް ހަމަވާނެ އެވެ.
ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ބުނީ މިވީ ދުވަސްތަކުގައި ރައީސް ނަޝީދުގެ ތާއީދު ފޯމްގައި ސޮއިކުރުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ކުރިއަށްގެންގޮސްފަިއވާކަމަށެވެ. އަދި މާދަމާ 11:00 ގައި އެމަނިކުފާނުގެ ފޯމް އެމްޑީޕީގެ ސެކެރެޓޭރިއޭޓަށް ހުށަހަޅުއްވާނެކަމަށް ކެމްޕޭން ޓީމުން ބުނެ އެވެ.
ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. ރައީސް ނަޝީދުގެ އިތުރުން ޕްރައިމަރީގައި ވާދަކުރެއްވުމަށް އެއްވެސް ބޭފުޅަކު ޝައުޤުވެރިކަން ފާޅުކޮށްފައެއް ނުވެ އެވެ.
ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވައި، ބޮޑު ކެމްޕޭނެއް މުޅި ރާއްޖޭގައި ރައީސް ނަޝީދު އަންނަނީ ކުރިއަށްގެންދަވަމުންނެވެ. އެމަނިކުފާނުގެ ކެމްޕޭން ޓީމުން ބުނާގޮތުގައި ޕްރައިމަރީގެ ކެމްޕޭން ފުޅާކޮށް ކުރިއަށްގެންދަވަނީ ޕާޓީގެ ބޮޑު އިންސައްތައެއް ވޯޓުލުމަށް ނުކުތުމަށް ބާރުއަޅުމުގެ ގޮތުންކަމަށެވެ. ރައސް ނަޝީދު ވަނީ އެމަނިކުފާނުގެ ޖަޒީރާ މެނިފެސްޓޯއާއިއެކު، ގެންގުޅުއްވާނެ ނޫ އިޤްތިސާދުގެ ސިޔާސަތުވެސް ހާމަކުރައްވާފަ އެވެ.