ޣައްޒާ ބޯޑަރު ސަރަހައްދުގައި އިސްރާއީލުން ބޭނުން ކުރަމުން ގެންދަނީ "މުޅިންވެސް ހާލަތާ ނުބައްދަލު ބާރު ކަމަށް" އދ ގެ އިންސާނީ ހައްގުތަކާ ބެހޭ އިސް ވެރިޔާ ވިދާޅުވެއްޖެއެވެ.
މިގޮތުން ސްވިޓްޒަލޭންޑްގެ ޖެނީވާ ގައި އޮތް ބައްދަލުވުމެއްގައި ޒައިދް ރާދް އަލް-ހުސައިން ވިދާޅުވީ ޣައްޒާގެ ރައްޔިތުން ތިބީ "ވިހަ ތަނެއްގައި ބަންދުވެފައިވާ ކަމަށާއި އިސްރާއީލުން ޣައްޒާ ހިސާރުކޮށްފައި އޮތް އޮތުން ނިމުމަކަށް އަންނަން ޖެހޭ ކަމަށެވެ."
ޣައްޒާ ބޯޑަރު ސަަަރަހައްދުގައި އިސްރާއީލާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން މުޒާހަރާ ކުރަމުންދާ އިރު މިފަހުގެ މުޒާހަރާތަކުގައި 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު މިދިޔަ ހޯމަ ދުވަހު އެކަނިވެސް އިސްރާއީލުން ވަނީ ފަލަސްތީނުގެ 60 މުޒާހިރީން މަރާލާފައެވެ.
އިސްރާއީލުގެ އަމަލުތައް ތަހުގީގު ކުރުމަށް އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ވަނީ މިނިވަން ތަހުގީގެއް ކުރުމަށް ނިންމާފައެވެ.
މިދިޔަ ޑިސެމްބަރު މަހު އެމެރިކާ އިން ވަނީ އިސްރާއީލުގައި ހުންނަ އެގައުމުގެ އެމްބަސީ ގުދުސްއަށް ބަދަލު ކުރަން ނިންމާފައެވެ. އަދި ގުުދުސް އަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ނިންމާފައެވެ. ދާދިފަހުން އެމެރިކާ އިން ވަނީ ގުދުސް ގައި އެގައުމުގެ އެމްބަސީ ހުޅުވާފައެވެ. އެކަމާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން ދަނީ ދެކޮޅު ހަދާ ނުރުހުންފާޅު ކުރަމުންނެވެ.