މިދިޔަ 15 އަހަރުތެރޭ ރައްޔިތުން ވޯޓް ދީފައިވާ ގޮތުން ރައްޔިތުންގެ ތަބިއްޔަތުގައި ހުރީ ބަރުލަމާނީ އުސޫލެއް ކަން އެނގިގެން ގޮސްފިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕްރައިމަރީއަށް ތައްޔާރުވުމުގެ ގޮތުން އެމަނިކުފާނުގެ "ޖަޒީރާ ރައީސް" ކެމްޕެއިންގެ ތެރެއިން އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ ފާއިތުވެދިޔަ ދެ ރިޔާސީ އިންތިހާބު ވެސް ކާމިޔާބުކުރެއްވި ފަރާތްތަކުގެ އިއްތިހާދު ރޫޅެން މެދުވެރިވި ސަބަބަކީ ގާނޫނު އަސާސީއާއި ރިޔާސީ ނިޒާމުގައި އިއްތިހާދު ބީރައްޓެހިވުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިދިޔަ 15 އަހަރުތެރޭ ރައްޔިތުން ވޯޓް ދީފައިވާ ގޮތުން ރައްޔިތުންގެ ތަބިއްޔަތުގައި ހުރީ ބަރުލަމާނީ އުސޫލެއްކަން ސާފުވެގެން ގޮސްފި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުން އެދެނީ ގިނަ ބަޔަކު އެކުވެގެން ވެރިކަން ކުރަން ކަމަށާއި އެބާވަތުގެ ވެރިކަމަކީ ބަރުލަމާނީ ނިޒާމުގެ ވެރިކަން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި އިއްތިހާދު ރޫޅިއްޖެނަމަ ވެރިކަން ބަދަލުވާން ޖެހޭ ކަމަށާއި ވެރިކަމުގައި އޮންނަ އިއްތިހާދު ރޫޅިއްޖެނަމަ އަލުން އަނބުރާ އެހެން ސަރުކާރެއް އޮމާންކަމާއި މަޑުމައިތިރިކަމާއެކު އެކުލަވާލަން ޖެހޭ ކަމަށެވެ. ވެރިކަން ހަރުކަށި ގޮތުގައި ބަދަލުވުމުގެ ބަދަލުގައި އޮމާންކަމާއެކު ބަދަލުވުމުގެ ފުރުސަތު ބަރުލަމާނީ ނިޒާމެއްގައި މާ ބޮޑު ކަމަށް ދެކިލައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގެ ހަރަދު ވެސް ކުޑަވާނެ ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު އެމަނިކުފާނު ވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދު ވަނީ މިކަމަށް ރައްޔިތުންގެ ތާއިދަށް އެދިލައްވާފައެވެ.