ކ. މާލެ
|
19 މެއި 2018 | ހޮނިހިރު 10:59
ދިއްދޫ މަގުތަކުގައި ތާރުއަޅަނީ
ދިއްދޫ މަގުތަކުގައި ތާރުއަޅަނީ
އެމްއާރްޑީސީ/ދިއްދޫ ކައުންސިލް
ދިއްދޫގެ މަގުތައް
ދިއްދޫ މަގުތަކުގައި އަޅާފައިވަނީ އެންމެ ދަށް ފެންވަރުގެ ތާރު: ކައުންސިލް
ދިއްދޫ މަގު ހެދުމުގެ މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ވަނީ ނިމިފައި
ތާރުއަޅާފައިވާ ގޮތުން ދުއްވާ އެއްޗިއްސައް އެމަގުތަކުން ގޯޅިއެޅުމަށް އުނދަގޫ
މަގުތަކުގައި ލާފައިވާ ކުލައަކީ އެންމެ ދަށް ކޮލެޓީގެ ކުލަ
ތާރުއެޅުމަށް ނިންމާފައިވާ 3 މަގުގައި ތާރު ނާޅާ ޕްރޮޖެކްޓް ވަނީ ނިންމާލާފައި
މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައިރު ގިނަ ކޭބަލް ތަކެއް ވަނީ ބުރިވެފައި

ހއ. ދިއްދޫގެ މަގުތަކުގައި އަޅާފައިވަނީ އެންމެ ދަށް ފެންވަރުގެ ތާރުކަމަށް ދިއްދޫ ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ކައުންސިލްގެ ރައީސް އަލީ ހާޝިމް ވިދާޅުވީ ޒަމާނީ ފެންވަރަށް ދިއްދޫގެ މަގުތައް ތަރައްގީ ކުރަންފެށި މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. ނަމަވެސް ތާރުއަޅާފައިވާ ގޮތުން ހިތްހަމަނުޖެހޭ ކަމަށާއި، އެމަސައްކަތް ކޮށްފައިވަނީ ވަރަށް ދަށް ފެންވަރުގައި ކަމަށް ހާޝިމް ވިދާޅުވިއެވެ. އެނާ ވިދާޅުވީ ތާރުއަޅާފައިވާ ގޮތުން ދުއްވާ އެއްޗިއްސައް އެމަގުތަކުން ގޯޅިއެޅުމަށް އުނދަގޫ ކަމަށެވެ. އަދި މަގުތަކުގައި ލާފައިވާ ކުލައަކީ ކޮލެޓީ ވަރަށް ބޮޑަށް ދަށް ކުލައެއް ކަމަށާއި، މިހާރު ވެސް ކުލަ ކެހިފައިވާ ކަމަށެވެ.

ހާޝިމް ވިދާޅުވީ މަގުތަކުގެ ފެންވަރު ދަށްވުމުގެ އިތުރަށް އެކަމުގެ ތަކުލީފުތައް ރައްޔިތުންނަށް މިއަދު އުފުލަން ޖެހިފައިވާ ކަމަށެވެ. އޭނަ ވިދާޅުވީ ތާރުއަޅާފައިވާ މަގުތަކާއި ޖެހިގެން އިންވެގެން އޮންނަ މަގު ލެވަލް ވެސް ކޮށްދީފައި ނުވާތީ ވިއްސާރަވެއްޖެ ނަމަ ތާރުނާޅާ މަގުތަކުގައި ވަރަށް ބޮޑަށް ފެންހެދޭ ކަމަށެވެ.

މަގުތައް ހެދުމުގެ މަސައްކަތް ކުރިއިރު ކަރަންޓުގެ ވަރަށް ގިނަ ކޭބަލްތައް ބުރިވެފައިވާކަން ފާހަގަކުރައްވާ ހާޝާމް ވިދާޅުވީ ކޭބަލްތައް ރަނގަޅު ކުރުމަށް ހުރިހާ ހަރަދެއް ކުރީ ރައްޔިތުންގެ އަމިއްލަ ޖީބުން ކަމަށެވެ. އަދި މަގުތަކުގައި ޖަހާފައި ހުރި ބައްތިތައް ވެސް ހެދީ ކައުންސިލްގެ ހަރަދުގައި ކަމަށް ހާޝިމް ވިދާޅުވިއެވެ. ހާޝިމް ވިދާޅުވީ އެހެންބައެއްގެ ފަރުވާކުޑަވުމުގެ ސަބަބުން ރައްޔިތުންގެ އަމިއްލަ ޖީބުން ހަރަދުތައް ކުރަންޖެހި ރައްޔިތުން އެކަމުގެ ތަކުލީފު އުފަންލަން ޖެހުމަކީ ކަންބޮޑުވާ މައްސަލަ އެއް ކަމަށާއި، މިކަމުގެ ބަދަލު ހޯދުމަށް ހުށައަޅާނެ ކަމަށެވެ.

"ގެތަކުގެ ކޭބަލް ބުރިވެގެން ޝަކުވާގެ 20 ފޯމް އެބައޮތް މިހާރު ވެސް ކައުންސިލަށް ހުށައަޅާފަ. ބަދަލު ހޯދުމަށް އަޅުގަނޑުމެންނަށް ކުރެވުނު ކަމެއް ވިއްޔާ ކުރާނަން. ހާޝިމް ވިދާޅުވިއެވެ.

ދިއްދޫ ބޮޑު މަގު ހެދުމަށް ސަރުކާރުން ޕްލޭންކޮށްފައި އޮތީ މަގުގެ މެދުން ހަ ފޫޓްގެ ޖާގައެއް ދޫކުރުމަށްފަހު މަގުގެ ދެފަރާތުން ސާދަ ފޫޓުގެ ޕޭމަންޓެއް ހަދާ ގޮތަށެވެ. ނަމަވެސް  މިގޮތައް ބޮޑު މަގު ހެދުމުން ހަނިވާތީ ރައްޔިތުންގެ އެދުމުގެ މަތިން ޕޭމަންޓަށް ޖާގަ ދޫކުރުމަށްފަހު މުޅި މަގުގައި ތާރު އެޅީ ކަމަށް ހާޝާމް ވިދާޅުވިއެވެ. އަދި ބޮޑުމަގުގައި އެއްކޮށް ތާރުއެޅުމުގެ ނަތީޖާއެއް ގޮތުން ތާރުއެޅުމަށް ނިންމާފައިވާ 15 މަގުގެ ތެރެއިން 3 މަގެއްގައި ތާރުނާޅާ މަޝްރޫއު ހުއްޓާލީ ކަމަށް ހާޝިމް ވިދާޅުވިއެވެ.

" ތިން މަގުގަ ތާރުނާޅާތީ މިސުވާލު ކުރީ. ސުވާލު ކުރީމަ ބުނީ ތިން މަގުގަ އަޅަންޖެހޭ ތާރުތައް އެޅީ ބޮޑު މަގުގައޭ. މިއީ މިކަން ވެސް ކޮށްފައި އޮތް ގޮތް. މިބަލަނީ ރިޔާސީ އިންތިހާބަށް މި ތިން މަގުގަ ތާރު އަޅާ ދޭނެ ކަމަށް" ހާޝިމް ވިދާޅުވިއެވެ.

ދިއްދޫގެ މަގު ހެދުމުގެ މަސައްކަތް ކުރަމުންދަނީ ސްރީލަންކާގެ ސިއެރާ ކުންފުނިންނެވެ. އަދި މިމަޝްރޫއަށް ގާތްގަނޑަކަށް 53 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް