ކ. މާލެ
|
18 މެއި 2018 | ހުކުރު 10:55
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން (ކ) އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ)
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން (ކ) އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ)
ރޮއިޓަރސް
އުތުރު ކޮރެއާގެ މައްސަލަ
ނިއުކްލިއަރ ހަތިޔާރުތައް ދޫކޮށްނުލައިފިނަމަ އުތުރު ކޮރެއާގެ ވެރިކަން ވައްޓާލާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި!
އުތުރު ކޮރެއާއިން ވަނީ މަޝްވަރާތައް ކުރިއަށް ނުގޮސްފާނެކަމުގެ އިންޒާރު ދެއްވާފައި
ދެޤައުމުގެ މެދުގައި މަޝްވަރާތައް އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހު
ބަހުގެ ހަމަލާ ބަދަލުކުރިނަމަވެސް، އަންނަ މަހު އޮންނަ މަޝްވަރާތައް އަދި ކެންސަލް ނުކުރޭ

އުތުރު ކޮރެއާއިން ނިއުކްލިއަރ ހަތިޔާރުތައް ދޫކޮށްލަން އެއްބަސް ނުވެއްޖެނަމަ އެޤައުމުގެ ލީޑަރ ކިމް ޖޮން އުންގެ ވެރިކަން ވައްޓާލާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ބުރާސްފަތި ދުވަހު ޓްރަމްޕް ވިދާޅުވީ ނިއުކްލިއަރ ހަތިޔާރުތައް ދޫކޮށްނުލައިފިނަމަ ލީބިޔާގެ ޒައީމް ކާނަލް މުއައްމަރުލް ޣައްޒާފީ ނިމިގެން ދިޔަ ގޮތަށް ކިމް ނިމިގެންދާނެކަމަށެވެ. 

އެމެރިކާއިން އުތުރު ކޮރެއާއަށް ބަހުގެ ހަމަލާތައް ދީފައި މިވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ދެމެދު އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައި ބޭއްވުމަށް ހަމަޖެހިފައި ވާހަކަތައް ބޮއިކޮޓްކޮށްފާނެކަމުގެ އިންޒާރު އުތުރު ކޮރެއާއިން ދިނުމާއި ވިދިގެންނެވެ. އުތުރު ކޮރެއާއިން ބުނީ އެޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް އެއްކޮށް ހުއްޓާލަން އެމެރިކާއިން ޑިމާންޑްކުރާނަމަ ވާހަކަތަކަށް ނުދާނެކަމަށެވެ.

ޓްރަމްޕް ވިދާޅުވީ މަޝްވަރާތަކަށް ކިމް ވަޑައިގެން، އެމެރިކާ ބޭނުންވާ ގޮތަށް މަޝްވަރާތައް ހިނގައްޖެނަމަ ކިމް އަށް އިތުރު ބާރުތަކާއިއެކު ވެރިކަމައި ހުންނެވޭނެކަމަށާއި، އުތުރު ކޮރެއާ އިތުރަށް މުއްސަނދިވާނެކަމަށެވެ. އަދި 'ޑީލަކަށް' ނުދެވިއްޖެނަމަ ލީބިޔާއަށް ޖެހުނު ޙާލު އުތުރު ކޮރެއާއަށް ޖެހޭނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވިއެވެ. 

އުތުރު ކޮރެއާއަށް އެމެރިކާއިން ހުށަހެޅި ޒާތުގެ ޑީލެއް 2003 ވަނަ އަހަރު ލީބިޔާގެ އޭރުގެ ޒައީމް ކާނަލް މުއައްމަރުލް ޣައްޒާފީއަށް އެމެރިކާއިން ހުށަހެޅިއެވެ. އެގޮތުން އެޤައުމުގައި ހުރި ކެމިކަލް ހަތިޔާރުތައް ނައްތާލުމުގެ ބަދަލެއްގެ ގޮތުގައި އެޤައުމާއި ދޭތެރޭ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ހުށަހެޅިއެވެ. އެހެން ނަމަވެސް 2011 ވަނަ އަހަރު ނޭޓޯ ސިފައިން ލީބިޔާގެ ދާޚިލީ ހަނގުރާމަައިގެ ތެރެއަށް ވަދެ، ޣައްޒާފީ އަވަހާރަކޮށްލީ އެވެ. 

ލީބިޔާ އާއި މެދު ކަންތައް ކުރި ގޮތަށް އެމެރިކާއިން އުތުރު ކޮރެއާއާއި މެދު އަމަލުކޮށްފާނެކަމުގެ އިޝާރާތެއް ދެއްވީ ދާދި ފަހުން ޓްރަމްޕްގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރުކަމަށް އައްޔަން ކުރެއްވި ޖޯން ބޯލްޓަންއެވެ. ބޯލްޓަންއަކީ އަބަދުވެސް ހަނގުރާމައަށް ދިޔުމަށް ވަކާލާތު ކުރައްވާ ބޭފުޅެވެ. 

އެހެން ނަމަވެސް ޓްރަމްޕް ވިދާޅުވީ ލީބިޔާއަށް ހެދި ގޮތަށް އުުތުރު ކޮރެއާއަށް ހަދާނީ އިތުރު އެހެން އެއްވެސް ގޮތެއް ނެތް ހާލަތެއްގައިކަމަށެވެ. 

ދެޤައުމުގެ މެދުގައި ބަހުގެ ޙަމަލާތައް ބަދަލުކުރަމުން ދިޔަނަމަވެސް އަންނަ މަހު ބާއްވާ ވާހަކަތަކަށް އުތުރު ކޮރެއާއާއި އެމެރިކާއިން ދަނީ ތައްޔާރުވަމުންނެވެ. އެހެން ނަމަވެސް އެމެރިކާއާއި ދެކުނު ކޮރެއާ ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީން ތަކެއްގެ ސަބަބުން ދެކުނު ކޮރެއާއާއި އެކު ބާއްވަން އޮތް ބައްދަލުވުމެއް މިހަފްތާގައި އުތުރު ކޮރެއާއިން ވަނީ ކެންސަލްކޮށްފައެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް