އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ އާންމު މެމްބަރުން އިހްތިޔާރު ކުރާ ކެންޑިޑޭޓާ ނުލައި، ރިޔާސީ އިންތިހާބު ބާއްވައިފިނަމަ ރާއްޖޭގައި ދެ ސަރުކާރެއް އުފެދޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސްރީލަންކާގެ ކޮލަންބޯގައި ހުންނަވައި "ރާއްޖެއެމްވީ"އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނަށް އެކަނި ވާދަކުރެވޭ ގޮތަށް ބޭއިންސާފު އިންތިހާބެއް ބާވައިފިނަމަ، ދެން އުފެދޭ ސަރުކާރެއްގެ ސައްހަ ކަމެއް ނޯންނާނެ ކަމަށެވެ. އެގޮތަށް އިންތިހާބު ބޭއްވި ގައުމުތަކުގައި ދެ ސަރުކާރު އުފެދިފައިވާ ކަމަށާއި އެގޮތަށް ކަންކަން ހިނގައްޖެނަމަ، ރާއްޖެ "ހަރާބު" ވާނެ ކަން ރައީސް އަބްދުﷲ ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ސައްހަ ކަމެއް ނެތް އިންތިހާބުތައް މަތި ޖަހައިގެން މިހެން ދިޔައީމަ ގައުމުތަކުގައި ވެފަ ހުރި ގޮތްތައް އަޅުގަނޑުމެން ވިސްނާލަންޖޭ. ވާދަވެރި ފަރާތްތަކުން ވެސް އަމަލުކޮށްފައި ހުރި ގޮތް ވެސް. ސަރުކާރުތައް އެބަ ހުރި ގާއިމުކޮށްފައި އަރުވާލެވުނު ސަރުކާރުތައް ވެސް. އަދި ބައިނަލް އަގުވާމީ ފަރާތްތަކުގައި ވެސް އެބަ އެދޭ، ރަށުގައި އޮތް ސަރުކާރުގެ ސައްހަކަމެއް ނެތް ކަމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ބޭއިންސާފުން އިންތިހާބެއް ބާއްވައިފިނަމަ، އެހެން ސަރުކާރެއް އެކުލަވާލުމުގެ ހައްގު ވާދަވެރި އިދިކޮޅު ފަރާތްތަކަށް ލިބިގެންވާ ކަމަށެވެ. ސިޔާސީ ހަމަޖެހުން ލިބޭނީ އެމްޑީޕީގެ މެމްބަރުން ހިޔާރު ކުރާ ކެންޑިޑޭޓަށް ފުރުސަތު ދީގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ރައީސް ޔާމީން މިގޮތަށް ގެންގޮސް ބޭއިންސާފު އިންތިހާބެއް ބާއްވާފަ، ދެން ރައީސް ޔާމީންގެ ސަރުކާރުގެ ސައްހަ ކަމެއް ނޯންނާނެ. ވާދަވެރި އިދިކޮޅު ފަރާތްތަކަށް ފުރިހަމަ ހައްގު ލިބިގެންވޭ، އެހެން ސަރުކާރެއް އެކުލަވާލަން. ވަރަށް ބޮޑަށް ވިސްނަވަންޖެހޭނެ. ސިޔާސީ ހަމަޖެހުމެއް ނުލިބޭނެ، އެމްޑީޕީގެ މެމްބަރުން ހިޔާރު ކުރާ ކެންޑިޑޭޓެއް، ނުހިމަނައި ރައީސް ޔާމީން ކުރިއަށް ގެންދަވައިފިނަމަ، ރާއްޖޭގައި ދެ ސަރުކާރު އޮންނާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ދައުލަތް ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަންޖެހޭ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ނިޒާމު ރާއްޖޭގައި ކާމިޔާބު ވެއްޖެ ކަމަށް އެއްވެސް ރައްޔިތަކު މިއަދު ގަބޫލު ނުކުރާނެ ކަމަށެވެ. މިހާތަނަށް ބޭއްވި އިންތިހާބުތަކުގައި އެއްވެސް ޕާޓީއަކަށް ދިވެހި ރައްޔިތުން އަޣުލަބިއްޔަތު ދީފައި ނުވާ ކަމަށާއި އަޣުލަބިއްޔަތު ލިބިފައި ވަނީ އިއްތިހާދަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ ސަބަބާ ހުރެ، އިއްތިހާދު ވެވޭނެ ގާނޫނު އަސާސީއެއް ގެންނަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި މި ރިޔާސީ ނިޒާމު، ކާމިޔާބު ވެއްޖެ ކަމަށް ނުވަތަ މި ރިޔާސީ ނިޒާމު މަސައްކަތް ކުރާ ކަމަށް އެއްވެސް ދިވެހި ރައްޔިތަކު ގަބޫލެއް ނުކުރާނެ. އަޅުގަނޑުމެން ވެރިކަމުގެ ބާރުތައް ވަކިކުރީ މިހާރު ހުރިހާ ބާރެއް މަސްހުނި ވެއްޖެ. ރައީސް ޔާމީންގެ އަތްޕުޅަށް ހުރިހާ ބާރެއް ނަންގަވައިފި،" ރައީސް ނަޝީދު ވިދާޅުވިއެވެ.
"ބަރުލަމާނީ ނިޒާމެއް ބޭނުންވާ ކަމަށް އަޅުގަނޑަށް ފެންނަނީ މި ގާނޫނީއަސާސީގެ ދަށުން ހަތް ފަހަރަށް އިންތިހާބު ބާއްވައިފި. ރައީސުލްޖުމްހޫރިއްޔާ ކަމުގެ ވޯޓު ދެ ފަހަރަށް ނަގައިފި. ރައްޔިތުންގެ މަޖިލިސް ދެ ފަހަރަށް. ކައުންސިލްތަކުގެ ތިން ފަހަރަށް. މީގެ އިން އެއްވެސް ފަހަރަކު ރައްޔިތުންނެއް ނެތް، އެއް ޕާޓީއަކަށް އަޣުލަބިއްޔަތު ވޯޓު ދީފަކާއެއް،"
ކޯލިޝަން ހަދައިގެން، އުފެދުނު ސަރުކާރުތަކުގެ ތަޖުރިބާއަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ކޯލިޝަން ހަދައިގެން ވެރިކަމަށް އައުމަށްފަހު، ކޯލިޝަން ރޫޅާލާ ކަމަށާއި އެގޮތަށް ކޯލިޝަން ރޫޅާލުމުން، އެހެން ޕާޓީތަކުން ސަރުކާރަކާ ދެކޮޅަށް މަސައްކަތް ފަށައި "ބަޣާވާތް" ކުރަން އުޅޭ ކަމަށެވެ. ނަމަވެސް ބަރުލަމާނީ ނިޒާމުގައި ކޯލިޝަން ރޫޅާލުމުން، ރިވެތި ގޮތުގައި މަޖިލީހުގެ ތެރެއިން ވެރިކަން ބަދަލު ކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އިއްތިހާދުން ވެރިކަމަށް ވަޑައިގެން، އިންތިހާދު ރޫޅާލެއްވީމާ އަނެއް ޕާޓީތައް މިވެރިކަން ވައްޓާލަން މަސައްކަތް ފަށައިގަންނާނެ. ޝައްކެއް ވެސް ނެތް. ދެ ފަހަރު ވެސް އަޅުގަނޑުމެންނަށް ފެނިފައި އޮތީ އެގޮތަށް. އެ މަސައްކަތް ރީތި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކުރެވި، ވެރިކަން ބަދަލު ކުރެވޭނެ އުސޫލެއް ނެތީމަ، އަޅުގަނޑުމެން މިއުޅެނީ ހައްތަހާ ވެސް ބަޣާވާތެއް ނުކުރެވިގެން،" ނަޝީދު ވިދާޅުވިއެވެ.