ކ. މާލެ
|
18 މެއި 2018 | ހުކުރު 09:15
ވެމްކޯއިން މާލޭގައި ކުނި އުކާލަނީ
ވެމްކޯއިން މާލޭގައި ކުނި އުކާލަނީ
މުހައްމަދު ޝަރުހާން
ވެމްކޯ
ޝަކުވާތަކާއި ހެދި ދުވާލުވެސް ވެމްކޯއިން ކުނި އުކަން ފަށަނީ
މާލޭ ސަރަހައްދުން ރޯދަމަހު ރޭގަނޑު އެކަނި ކުނިނަގާގޮތަށް ހަމަޖެއްސީ ސާރވޭއަކަށް ބިނާކޮށް ކަމަށް ވެމްކޯއިން ބުނޭ
ކުނި ނެގުމުގައި ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް މައާފަށް ވެމްކޯއިން ވަނީ އެދިފައި

ހުކުރު ދުވަހުންފެށިގެން ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ދުވާލު ގަޑީގައިވެސް ކުނި އުކަން ފަށަން ނިންމާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

މި ރަމަޟާންމަހު މާލޭގެ މަގުތައް ގޮނޑުވެ، އާންމުންގެ ޝަކުވާ އިންތިހާއަށް ގޮސްފައިވާއިރު ވެމްކޯއިން ބުރާސްފަތި ދުވަހުގެރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މާލޭ ސަރަހައްދުން ރޯދަމަހު ރޭގަނޑު އެކަނި ކުނިނަގާގޮތަށް ހަމަޖެއްސީ ސާރވޭއަކަށް ބިނާކޮށް ކަމަށާއި ނަމަވެސް އެގޮތަށް ކުނި ނެގުމަށް ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

ރޯދަ މަހު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ގޭގެ އިން ކުނި ނަގާ ގޮތަށް ވެމްކޯއިން ހަމަޖެއްސީ ރޭގަނޑު 8:00 އިން ދަންވަރު 12:00 އަށެވެ.

މި ރޯދަމަހު މާލޭ ސަރަހައްދުގެ ގޭބިސީތަކުން ރޭގަނޑު އެކަނި ކުނި ނަގާގޮތަށް ހަމަޖެއްސި ހަމަޖެއްސުމަށް ބަދަލު ގެނެސް ހުކުރުދުވަހުން ފެށިގެން ދުވާލުވެސް މާލޭ ސަރަހައްދުގެ ގެބިސީތަކުން ކުނިނަގާގޮތަށް ހަމަޖެހިފައިވާކަމަށް ވެމްކޯއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

އެގޮތުން ދެ ޝިފްޓަކަށް ބަހާލައިގެން މެންދުރު 2:00 އިން ފެށިގެން ހަވީރު 5:00 އަށް އަދި ރޭގަނޑު 8:00 އިން ދަންވަރު 12:00 އަށް މާލޭގެ ގޭބިސީތަކުން ކުނިނަގާނެކަމަށް ވެމްކޯއިން ބުނެއެވެ.

ވެމްކޯގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ ކުނި ނެގުމުގައި ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް މައާފަށް އެދޭކަމަށާއި ކުނި ނެގުމުގެ ޚިދުމަތާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ ހޮޓްލައިން، 1666 އަށް ގުޅުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް