ކ. މާލެ
|
17 މެއި 2018 | ބުރާސްފަތި 17:22
އެކްސްޓަސީ ގުޅަތަކެއް
އެކްސްޓަސީ ގުޅަތަކެއް
ގޫގުލް
މަސްތުވާތަކެތި އަތުލައިގަތުން
10 މިލިއަން ރުޕީޒްގެ އެކްސްޓަސީ އާއި އެކު ލަންކާއިން ދެ ދިވެހިން ހައްޔަރުކޮށްފި
ހައްޔަރުކުރީ އުމުރުން 19 އަހަރާއި 25 އަހަރުގެ ދެ ޒުވާނުން
ލަންކާއަށް އެކްސްޓަސީ އެތެރެކޮށްފައިވަނީ ނެދަލޭންޑްސް އިން
ހައްޔަރުކުރި ދެ ޒުވާނުން ސަރަޙައްދުގެ އެހެން ޤައުމުތަކަށް އެކްސްޓަސީ އެކްސްޕޯޓް ކުރާ ކަމަށްވެސް ފުލުހުން ތުޙުމަތު ކުރޭ

ސްރީލަންކާގެ ފުލުހުންގެ ޚާއްސަ ޓީމަކުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާ ގުޅަބޭހާއިއެކު ދެ ދިވެހިން ހައްޔަރުކޮށްފިއެވެ.

ލަންކާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން، އެ ޤައުމުގެ ފުލުހުންގެ ސްޕްޝަލް ޓާސްކް ފޯސް (އެސްޓީއެފް) އިން ހިންގި އޮޕަރޭޝަންގައި ދިވެހި ދެ ޒުވާނުން ހައްޔަރުކޮށްފައިވާއިރު، އެ ދެ ޒުވާނުންގެ އަތުން މަނާ ބޭހެއް ކަމަށްވާ އެކްސްޓަސީގެ 1925 ގުޅަ ވަނީ ފެނިފައެވެ. މި ތަކެތީގެ މަގުމަތީ އަގު، 10 މިލިއަން ލަންކާ ރުޕީޒްއަށް އަރާކަމަށް އެސްޓީއެފްއިން ވަނީ ހާމަކޮށްފައެވެ.

އެސްޓީއެފްއިން ބުނީ މިއީ މިހާތަނަށް ލަންކާ ފުލުހުންނަށް އެއް ރެއިޑްގައި ހޯދުނު މި ބާވަތުގެ އެންމެ ގިނަ މަސްތުވާތަކެތި ކަމަށެވެ.

ލަންކާގެ ފުލުހުން ބުނީ އުމުރުން 19 އަހަރާއި 25 އަހަރުގެ މި ދެ ޒުވާނުން ލަންކާއަށް އެކްސްޓަސީ އިންޕޯޓްކޮށްފައިވަނީ ނެދަލޭންޑްސް އިން ކަމަށާއި، އެމީހުން ހައްޔަރުކުރީ ލިބުނު ޖާސޫސީ މަޢުލޫމާތަކާއި ގުޅިގެން، މަސްތުވާތަކެތި ވިއްކަން ކަސްޓަމަރުންގެ ގާތަށް ދަނިކޮށް ކަމަށެވެ.

ލަންކާގައި އެކްސްޓަސީ ވިއްކުމުގެ އިތުރުން މި ދެ ޒުވާނުން ދެކުނު އޭޝިއާ ސަރަޙައްދުގެ އެކި ޤައުމުތަކަށް މިތަކެތި އެކްސްޕޯޓްވެސް ކުރާ ކަމަށް ޤަބޫލު ކުރެވޭކަމަށް އެސްޓީއެފްއިން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މި ދެ ޒުވާނުން ދިރިއުޅެމުންދިޔައީ ކަލުބޯވިލާ އަދި ދެހިވަލާގައި ހުރި ދެ އެޕާޓްމަންޓެއްގައެވެ.

ހައްޔަރުކޮށްފައިވާ ދެ ޒުވާނުން ލަންކާ ފުލުހުންގެ ނާކޮޓިކްސް ބިއުރޯ އާއި ހަވާލުކޮށްފައިވާއިރު، މި މައްސަލަ ލަންކާ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް