ކ. މާލެ
|
17 މެއި 2018 | ބުރާސްފަތި 14:37
އެމްޕީއެލްގެ މުވައްޒަފުން މަސައްކަތުގައި
އެމްޕީއެލްގެ މުވައްޒަފުން މަސައްކަތުގައި
މުހައްމަދު ޝަރުހާން
އެމްޕީއެލް
4 ގަޑިއިރަށްވުރެ ގިނައިރު މަސައްކަތްކުރަންޖެހޭތީ އެމްޕީއެލްގެ ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަނީ
4 ގަޑިއިރުގެ އިތުރުން މަސައްކަތްކުރާ ވަގުތަށް އޯތީ ދޭން ވަނީ ނިންމާފަ
ޝިފްޓަށް މަސައްކަތްކުރާ މުވައްޒަފުން 8 ގަޑިއިރު މަސައްކަތް ކުރަން ޖެހޭ
އެހެނިހެން މުވައްޒަފުން 6 ގަޑިއިރު މަސައްކަތް ކުރަން ޖެހޭ

މި ރަމަޟާން މަހު 4 ގަޑިއިރަށްވުރެ ގިނައިރު މަސައްކަތް ކުރަން ޖެހޭތީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޕީއެލްގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓުމެންޓުން މުވައްޒަފުންނަށް އަންގާފައިވާ ގޮތުން އެ ކުންފުނީގައި ޝިފްޓު އުސޫލުން މަސައްކަތް ކުރާ މުވައްޒަފުން މި ރަމަޟާން މަހު 8 ގަޑިއިރު މަސައްކަތް ކުރަން ޖެހޭނެއެވެ. އަދި އެ ނޫން މުވައްޒަފުން 6 ގަޑިއިރު މަސައްކަތް ކުރަން ޖެހޭނެ ކަންވެސް މުވައްޒަފުންނަށް ވަނީ އަންގާފައެވެ.

އެމްޕީއެލްއިން ވަނީ އެ ކުންފުނީގެ މުވައްޒަފުން 3 ޝިފްޓަކަށް ބަހާލާފައެވެ.

- ހެނދުނު ޝިފްޓު - ހެނދުނު 8:00 އިން ހަވީރު 16:00 އަށް

- ހަވީރު ޝިފްޓު – ހަވީރު 16:00 އިން ރޭގަނޑު 00:00 އަށް

- ރޭގަނޑު ޝިފްޓު – ދަންވަރު 00:00 އިން ހެނދުނު 8:00 އަށް

ޝިފްޓު އުސޫލުން މަސައްކަތް ކުރާ މުވައްޒަފުން ނޫން އެހެން މުވައްޒަފުންގެ ޑިއުޓީ ކަމަށް އެމްޕީއެލްއިން ކަނޑައަޅާފައިވަނީ ހެނދުނު 9:00 އިން ހަވީރު 15:00 އަށެވެ.

އެމްޕީއެލްއިން މީގެ ކުރިންވެސް ރަމަޟާން މަހު 4 ގަޑިއިރަށްވުރެ އިތުރަށް މުވައްޒަފުން ލައްވައި މަސައްކަތް ކުރުވާފައިވާއިރު، އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް 4 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރާ ވަގުތަށް އިތުރު ގަޑީގެ އެލަވަންސް ދޭން ނިންމާފައިވާކަން މުވައްޒަފުންނަށް ވަނީ އަންގާފައެވެ.

އެމްޕީއެލްގެ މުވައްޒަފަކު ބުނީ މުވައްޒަފުންގެ ކަންބޮޑުވުން މައިގަނޑުގޮތެއްގައި ހުރީ 4 ގަޑިއިރަށްވުރެ ގިނައިރު މަސައްކަތްކުރަން މަޖުބޫރުވާތީ ކަމަށާއި، ކުރިން އަހަރުތަކުގައި އޮންނަހެން އިތުރު ވަގުތަކީ މަޖުބޫރު ނޫން އެއްޗެއްގެ ގޮތުގައި އޮންނަ ނަމަ މުވައްޒަފުންގެ މައްސަލައެއް ނެތް ކަމަށެވެ.

މި ކަމާއި ގުޅިގެން އެމްޕީއެލްގެ ބަހެއް އަދި ލިބިފައި ނުވާއިރު، ރަމަޟާން މަހު ސިވިލް ސަރވިސް އާއި ސަރުކާރުގެ ކުންފުނިތަކުގެ ރަސްމީ ގަޑި 4 ގަޑިއިރަށް މަދުކުރުމަކީ އާންމުކޮށް ގެންގުޅޭ އުސޫލު ނަމަވެސް އެއީ ޤާނޫނަކުން ލާޒިމުކުރާ ކަމެއް ނޫނެވެ. އަދި ސިވިލް ސަރވިސްގެ ގިނަ މުވައްޒަފުން ރަމަޟާން މަހު 4 ގަޑިއިރު މަސައްކަތް ކުރަން ޖެހުނު ނަމަވެސް، ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ އެކިއެކި އޮފީސްތަކުގެ މުވައްޒަފުން އާންމުކޮށް 6 ގަޑިއިރާއި 10 ގަޑިއިރާއި ދެމެދުގެ ޑިއުޓީ އަދާކުރަން ޖެހެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް