ކ. މާލެ
|
17 މެއި 2018 | ބުރާސްފަތި 14:44
މެމްބަރު އަހުމަދު މަހްލޫފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ (ފައިލް ފޮޓޯ)
މެމްބަރު އަހުމަދު މަހްލޫފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ (ފައިލް ފޮޓޯ)
ރާއްޖެއެމްވީ
މެމްބަރު އަހުމަދު މަހްލޫފް
ދައުވާ ކުރުމުގެ ބަދަލުގައި ޖަލުގެ ކަންކަން އިސްލާހު ކުރުން މާރަނގަޅުވާނެ: މަހްލޫފް
ޖަލުގައި މަރުވި އަބްދުﷲ ރަޝީދު މަރުވުމުގައި ޖަލުގެ އޮފިޝަލުންގެ އިހުމާލު އޮތްކަން އެޗްއާރުސީއެމް ރިޕޯޓުން އެނގޭ
ހަމައެކަނި މި ރިޕޯޓުން ވެސް ޖަލުގައި މީހުން މަރުވުމުގައި އިިހުމާލު އޮތްކަން އެނގޭ: މަހްލޫފް
ޖަލުގައި މީހުން މަރަނީ ކަމަށްބުނެ މަހްލޫފް ކުރެއްވި ޓްވީޓަކާއި ގުޅިގެން ދައުވާކޮށް ޝަރީއަތް ދަނީ ކުރިއަށް

ޖަލުގައި މީހުން މަރުވަނީ ނޫންކަމަށާއި މަރަނީ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓަކާއި ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް ދައުވާ ކުރުމުގެ ބަދަލުގައި ޖަލުގެ ކަންކަން އިސްލާހު ކުރިއްޔާ މާރަނގަޅު ވާނެކަމަށް މަހްލޫފް ވިދާޅުވެއްޖެ އެވެ. 

މާފުށީގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް އަބްދުﷲ ރަޝީދު މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް( އެޗްއާރުސީއެމް) އިން ތަހްގީގު ކުރުމަށްފަހު ބައެއް މީހުންގެ މައްޗަށް ދައުވާ ކޮށްދޭން ޕްރޮސެކިއުޓަރ ޖެނަރަލް(ޕީޖީ)ގައި އެދިފައިވާތީ އެކަމާ ގުޅިގެން މަހްލޫފު ރާއްޖެއެމްވީއަށް ވިދާޅުވީ ޓްވީޓަކާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކޮށް ޝަރީއަތް ކުރަމުންދާއިރު، ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް އަބްދުﷲ ރަޝީދު މަރުވުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ އިހުމާލު އޮތްކަމަށް އެޗްއާރުސީއެމްގެ ތަހުގީގުން ފާހަގަވެފައިވާ ކަމަށެވެ. އަދި ޖަލުގައި މީހުން މަރުވަނީ ކަރެކްޝަނަލް ސާރވިސްގެ އިހުމާލުންކަމަށް މިމައްސަލައިން އެކަނި ވެސް އެނގޭ ކަމަށާއި މިކަމުގައި ހަގީގަތެއްވާކަން އެނގޭ ކަމަށް މަހްލޫފް ވިދާޅުވި އެވެ. 

ގޭބަންދުކޮށްފައި ހުރި މަހްލޫފް ވިދާޅުވީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންގޮސް، ޖަލުގައި ހިނގަމުންދާ މިފަދަ ލާއިންސާނީ އަނިޔާތައް ދިނުން ހުއްޓާލައި، ޖަލުގެ ކަންކަން އިސްލާހުކުރުން މާރަނގަޅުވާނެ ކަމަށެވެ. 

މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި އެކަށީގެންވާ ގޮތެއްގައި ބޭސްފަރުވާގެ ހިދްމަތް ނުދީ ގައިދީން މަރަމުންދާ ކަމަށް ތުހްމަތުކުރައްވައިފަ އެވެ. އަދި އަހަރެއް ތެރޭ 10 ގައިދީން މަރުވުމަކީ ސީރިއަސް މައްސަލައެއް ކަމަށާއި އެކަމުގައި ކަރެކްޝަނުގެ އިސްވެރިންތަކެއް ޒިންމާ ނަގަން ޖެހޭނެ ކަމަށް ވެސް މަހުލޫފު ވިދާޅުވެފައިވެއެވެ. 

މި ދައުވާއާ ގުޅިގެން އެންމެފަހުން ބޭއްވި އަޑުހުމުގައި އެމައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް އަށް އިޝާރާތްކުރައްވާ މަހްލޫފް ވިދާޅުވީ "ގާޒީ ބޭނުންވާ ގޮތަށް ހުކުމް ކުރައްވާ" ކަމަށެވެ. 

އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ނިމި ދެން ފެށޭނީ ޝަރީއަތުގެ އަޑުއެހުންތަކެވެ. އެގޮތުން މި މަހުގެ 20 ވަނަ ދުވަހު ހެކީންގެ ހެކިބަސް ނެގުމަށް ގާޒީ ވަނީ ނިންމަވާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް