ކ. މާލެ
|
17 މެއި 2018 | ބުރާސްފަތި 14:37
ކަޝްމީރުގެ ހަމަނުޖެހުންތަކުގެ ތެރެއިން
ކަޝްމީރުގެ ހަމަނުޖެހުންތަކުގެ ތެރެއިން
ރޮއިޓަރސް
ކަޝްމީރުގެ ހަމަނުޖެހުން
18 އަހަރަށްފަހު ރަމަޟާން މަހު ކަޝްމީރުގައި އަސްކަރީ ހަރަކާތް ނުހިންގަން އިންޑިއާއިން ނިންމައިފި
އެންމެ ފަހުން މިގޮތަށް ހަމަލާތައް ހުއްޓާލާފައިވަނީ 2000 ވަނަ އަހަރު
ލަޝްކަރް-އޭ-ޠައިބާ އިން ވަނީ މިއީ އިންޑިއާއިން ކުޅޭ ޑްރާމާއެއް ކަމަށް ބުނެފަ
ކަޝްމީރުގެ ހަމަނުޖެހުންތަކުގައި މިހާތަނަށް 70،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ

ކަޝްމީރުގައި ހަނގުރާމަވެރި ޖަމާޢަތްތަކާއި ދެކޮޅަށް އިންޑިއާ ސިފައިން ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތައް މި ރަމަޟާން މަހު ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާއިން މިފަދަ ނިންމުމެއް އެންމެ ފަހުން ނިންމާފައިވަނީ 2000 ވަނަ އަހަރުއެވެ. އޭގެ ފަހުން 2003 ވަނަ އަހަރުވެސް ރަމަޟާން މަހާއި ގުޅުވައިގެން އިންޑިއާ އާއި ޕާކިސްތާނުގެ އަސްކަރިއްޔާ އާއި ދެމެދު ހަމަލާ ބަދަލު ނުކުރަން ނިންމި ނަމަވެސް، އެ އަހަރުގެ އިންޑިއާއިން ވަނީ ހަނގުރާމަވެރި ޖަމާޢަތްތަކާއި ދެކޮޅަށް ހަމަލާތައް ދީފައެވެ.

އިންޑީއާގެ ހޯމް މިނިސްޓްރީން ކުރި ޓްވީޓްތަކެއްގައި ބުނީ، މިފަދަ ނިންމުމެއް ނިންމީ މުސްލިމުންނަށް ހަމަޖެހިގެން އަމާންކަމާއިއެކު ރަމަޟާން މަސް ހޭދަ ކުރުމުގެ ފުރުޞަތު ދިނުމަށް ކަމަށެވެ. އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލި ނަމަވެސް ކުށެއްނެތް އާންމު ރައްޔިތުންގެ ދިފާޢުގައި ހަމަލާއެއް ދޭން ޖެހިއްޖެނަމަ އެފަދަ ހަމަލާއެއް ދޭނެ ކަމަށްވެސް އިންޑިއާގެ ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ހަމަ މިއާއިއެކު، ހަނގުރާމަވެރިން އިސްވެ ހަމަލާއެއް ދީފިނަމަ ރައްދުގައިވެސް ހަމަލާ ދޭނެ ކަމަށް އިންޑިއާގެ ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިންޑިއާއިން ހަމަލާތައް މަޑުޖައްސާލައި ރަމަޟާން މަހު ހަތިޔާރު ބަހައްޓަން ނިންމާފައި މިވަނީ ކަޝްމީރުގައި ހަރަކާތްތެރިވާ އިންޑިއާއަށް ތާޢީދުކުރާ ގިނަ ޕާޓީތަކުން ރަމަޟާން މަހަށް ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައިވަނިކޮށެވެ. މި ގޮވާލުމާއި ދެކޮޅުހަދާފައިވަނީ ހަރުކަށި ހިންދޫ ފިކުރުގެ ބާރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ކަޝްމީރު ގޮފިން އެކަންޏެވެ.

އިންޑިއާގެ ނިންމުމާއި ގުޅިގެން، ކަޝްމީރުގައި ހަރަކާތްތެރިވާ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާޢަތް، ލަޝްކަރް-އޭ-ޠައިބާ އިން ވަނީ މިއީ އިންޑިއާއިން "ކުޅޭ ޑްރާމާ" އެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އެ ޖަމާޢަތުން ބުނީ، ހަތިޔަރު ބެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ވިސްނާ ވަރުގެ ކަމެއްވެސް ނޫން ކަމަށެވެ.

"އަހަރުމެން ދެކޭ ގޮތުގައި ހަތިޔާރު ބެހެއްޓުން ވެގެންދާނީ ފާފައަކަށް. އަދި ހަމަ އެހެންމެ ހަތިޔާރު ބެހެއްޓުން ވެގެންދާނީ މިނިވަންކަމަށްޓަކާ ކުރެވޭ ޖިހާދުގައި ވެވުނު ޤުރުބާނީއަށް ކުރެވޭ މަލާމާތަކަށް"، 2008 ވަނަ އަހަރު މުމްބާއީގައި ޓެރަރިސްޓު ހަމަލާއެއްދީ، 160 އަށްވުރެ ގިނަ މީހުން މަރާލިކަމަށް އިންޑިއާއިން ތުޙުމަތުކުރާ ލަޝްކަރް-އޭ-ޠައިބާއިން ބުނެފައިވެއެވެ.

އެ ޖަމާޢަތުން ބުނީ، މަޝްވަރާ ކުރުމަށް އެ ޖަމާޢަތް ތައްޔާރު ކަމަށާއި، ނަމަވެސް ކަޝްމީރުގައި އިންޑިއާ ސިފައިން ތިބިހާ ދުވަހަކު މަޝްވަރާތައް ނުފެށޭނެ ކަމަށެވެ.

އިންޑިއާގެ ނިންމުމަށް ހަނގުރާމަވެރި ޖަމާޢަތްތަކުން ފާޑުކިޔާފައިވާއިރު، ކަޝްމީރުގައި ދިރިއުޅޭ ފަރާތްތަކުން މި މައްސަލައިގައި ޚިޔާލު ތަފާތުވެއެވެ. އެގޮތުން ކަޝްމީރުގެ ބައެއް ރައްޔިތުން ވަނީ އިންޑިއާގެ ނިންމުމަށް މަރުޙަބާ ކިޔައި، ރޯދައިގެ ފަހުންވެސް ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި އެ ސަރަޙައްދުގެ ބައެއް ރައްޔިތުން ދެކޭ ގޮތުގައި އިންޑިއާއިން ހަމަލާތައް ހުއްޓާލި ނަމަވެސް ހަނގުރާމަވެރި ޖަމާޢަތްތަކުން ހަމަލާތައް ހުއްޓާނުލާނަމަ، ކުރިއަށްވުރެ ބޮޑު ހަމަނުޖެހުންތަކަކަށް މަގު ހުޅުވިގެން ދިއުމުގެ ފުރުޞަތު އެބައޮތެވެ.

ކަޝްމީރުގައި އެކި ދުވަސްވަރު ހިނގާފައިވާ ހަމަނުޖެހުންތަކުގައި މިހާތަނަށް 70،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް