އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް އުން އާއިއެކު ބާއްވާ ބައްދަލުވުމަށް ވަމުންދާ ގޮތް ބަލާނެކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ރިޕޯޓަރުންނާއި ވާހަކަ ދައްކަމުން ޓްރަމްޕް ވިދާޅުވީ ރަސްމީކޮށް ބާއްވަން އުޅޭ ބައްދަލުވުމަށް އުތުރު ކޮރެއާއަކުން ބަދަލެއް ގެންނަން އުޅޭ ވާހަކައެއް އަޑެއް ނާހާ ކަމަށާ އަދި އިންޒާރެއްވެސް ދީފައި ނުވާކަމަށެވެ.
"އުތުރު ކޮރެއާއިން ނިންމި ނިންމުމެއް ނޭނގެ، ނިންމި ނިންމުމެއް އަންގައިފައެއް ނުވޭ، ބައްދަލުވުމަށް ބަދަލެއް ގެންނާނެ ވާހަކައެއް ނުބުނާ ތާގައި އެއްވެސް ކަމެއް (ގޯސްކޮށް) ދާތަނެއް ނުވެސް ފެނޭ" ޓުރަމްޕް ވިދާޅުވިއެވެ.
އެމެރިކާއާއެކު ބާއްވާ ބައްދަލަވުން ކެންސަލް ކުރަން އުތުރު ކޮރެއާއިން ނިންމިއަސް ނިއުކިލިއާރ ހަތިޔާރު މުޅި އެގައުމުން ފުހެލުމަށް އަދިވެސް ބާރު އަޅާކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
އަންނަ މަހުގެ ބައްދަލުވުން ބޭއްވުމާއި ދޭތެރޭ ޝައްކު އުފެދިފައިވަނީ އުތުރު ކޮރެއާއިން އެމެރިކާއަށް ދިން އިންޒާރަކާއި ގުޅިގެންނެވެ. "އެމެރިކާއިން އަހަރުމެން ކަނަކަށް ލައިގެން ގަދަކަމުން ނިއުކްލިއާ ހަތިޔާރާ ދުރުކުރުމަށް އުޅެ، ހަމައެކަނި އެމީހުންނަށް ފައިދާވާ ގޮތަށް ކަންކަން ނިންމަން އުޅެންޏާމުން އެމީހުންނާއެކު މަސައްކުރުމުގެ ޝައުގުވެރިކަމެއް ނެތް އަދި ޖެހޭނީ ބާއްވަން ހަމަޖެހިފައިވާ ބައަދަލުވުމާއިބެހޭ ގޮތުން އަލުން ގޮތެއް ނިންމަން" ފޮރިން މިނިސްޓަރުގެ ނައިބު ވިދާޅުވިއެވެ.
ފޮރިން މިނިސްޓަރުގެ ނައިބް ކިމް ވަނީ އެމެރިކާގެ ގައުމީ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ވަޒީރު ޖޯން ބޯލްޓަން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ބޯލްޓަން ވަނީ އުތުރު ކޮރެއާއެކު ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުން ކުރިއަށް ގެންދަންވީ ލީބިޔާ އާއި ވާހަކަ ދައްކައިގެން އެގައުމުން ނިއުކްލިޔާ ހަތިޔާރު 2004 ގައި ބޭރު ކުރިގޮތަށް ކަމަށެވެ.
މި ހުރިހާ ކަމަކާ އެކު ވިޔަސް ބައްދަލުވުން ބާއްވާން އެދޭ ކަމުގައި ވައިޓް ހައުސް އިން ވަނީ ހާމަ ކޮށްފައެވެ. އަދި ޓްރަމްޕް ހުރީ މަޝްވަރާ ކުރައްވަން ތައްޔާރަށް ކަމަށްވެސް ވަނީ އެމެރިކާއިން ހާމަކޮށްފަ އެވެ.